އަހަރެން ޕޮގްބާ ބޭނުން، ރެއާލްގެ ގޮތެއް ނޭނގޭ: ޒިދާން
އަހަރެން ޕޮގްބާ ބޭނުން، ރެއާލްގެ ގޮތެއް ނޭނގޭ: ޒިދާން

މެޑްރިޑް (ޖުލައި 19) - ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަންނަން ރެއާލް މެޑްރިޑުން ކުރާ މަސައްކަތް ހުއްޓާލާފައިވީ ނަމަވެސް އޭނާ އަށް ޝައުގުވެރިވާ ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ޕޮގްބާ ގެންނަން ރެއާލުން ކުރަމުން އައި މަސައްކަތް ހުއްޓާލީ މިދިޔަ ހަފްތާގަ އެވެ. ޕޮގްބާ ގަތުމުގެ ރޭހުގައި މިހާރު އެންމެ ކުރީގައި އޮތީ އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑެވެ. ޒިދާން ބުނީ ރެއާލްގެ ސްކޮޑާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ސްކޮޑާ މެދު ހިތްހަމަ ޖެހޭ. މޮޅެތި ކުޅުންތެރިން ގެންނަން ފަސޭހައެއް ނުވާނެ. ޕޮގްބާ އަކީ އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް. އެކަމަކު އޭނާ އަކީ ޔުވެންޓަސްގެ ކުޅުންތެރިއެއް. އަހަރެން އެހެން ކްލަބްތަކުގެ ކުޅުންތެރިންނާ ގުޅޭގޮތުން ވާހަކަ ނުދައްކަން،" ޒިދާން ބުންޏެވެ.

ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ވަނީ ޕޮގްބާ ވިއްކުމާ މެދު އޭނާ ދެކޮޅު ކަމަށް ބުނެފަ އެވެ. އަދި ޔުވެންޓަސް ދޫކޮށް ޕޮގްބާ ޔުނައިޓެޑާ ގުޅިއްޖެނަމަ އެއީ އޭނާގެ ކެރިއަރުގައި ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށް ވާނެ ކަމަށް އަލެގްރީ ބުންޏެވެ.

ޔުނައިޓެޑް ދޫކޮށް 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ފާއިތުވި އަހަރުތަކުގައި އެ ޓީމުން ހޯދި ގިނަ ކާމިޔާބީތަކުގައި ޕޮގްބާގެ ދައުރު ބޮޑެވެ. ޔުވެންޓަސްއާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރު އެވެ.