ފަހު ވަގުތު ސަލާގެ މައްޗަށް ރޮނާލްޑޯ ގަދަވެގެންފި
ފަހު ވަގުތު ސަލާގެ މައްޗަށް ރޮނާލްޑޯ ގަދަވެގެންފި

ޒިއުރިކް (މާޗް 24) – ޔޫރަޕުގެ ކްލަބް ފުޓްބޯޅައިގެ އެންމެ ހުނަރުވެރި ފޯވާޑުންގެ ތެރޭގައި މިވަގުތު ހިމެނޭ ލިވަޕޫލުގެ މުހައްމަދު ސަލާހުގެ މިސްރުގެ މައްޗަށް ފަހު ވަގުތު ޖެހި ދެ ގޯލާ އެކު ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް 2-1 އިން ކުރި ހޯދައިފި އެވެ.

ޒިއުރިކުގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގެ 56 ވަނަ މިނެޓުގައި އޭރިއާ ބޭރުން ވާތު ފައިން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި ސަލާ ވަނީ މިސްރަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ވެސް މިސްރު އޮތީ އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަނުންގެ މައްޗަށް ލީޑުގަ އެވެ.

މެޗުގެ މަންޒަރު ބަދަލުވީ އިތުރު ވަގުތުގެ ތެރޭގަ އެވެ. އެގޮތުން ރޮނާލްޑޯ ޕޯޗުގަލަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ރިކާޑޯ ކުއަރެސްމާ ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

އޭގެ ދެ މިނެޓު ފަހުން، އިތުރު ވަގުތުގެ ފަހު މިނެޓުގައި ކުއަރެސްމާ ނަގައިދިން ހުރަހެއް އަނެއްކާ ވެސް ރޮނާލްޑޯ ބޮލުން ގޯލަށް ވައްދާލައި ޕޯޗުގަލް މޮޅުކޮށްދިނެވެ. މި ގޯލް އޮފްސައިޑް ކަމަށް އެސިސްޓަންޓް ރެފްރީ ނިންމި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ ރަނގަޅު ގޯލެއް ކަމަށެވެ.

ރޭ އިންގްލެންޑް ވަނީ ރަށުން ބޭރުގައި ނެދަލެންޑްސް އަތުން 1-0 އިން މޮޅުވެފަ އެވެ. އެމްސްޓެޑަމްގައި ކުޅުނު މި މެޗުގައި އިންގްލެންޑުގެ ހަމައެކަނި ގޯލް 59 ވަނަ މިނެޓުގައި ޖެހީ މެންޗެސްޓާ ޔުނައިޓެޑުގެ ޖެސޭ ލިންގާޑެވެ. އިންގްލެންޑުން އަންގާރަ ދުވަހުގެރޭ ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ. އަދި ހޯމަ ދުވަހުގެރޭ ނެދަލެންޑްސް ވާދަކުރާނީ ޕޯޗުގަލާ އެވެ.