25 މާޗް 2018 - 06:28

ފިލްމީ ދާއިރާ އިން ކުރިއަށް ދާން ޝައުގުވެރިވާ ނަމަ، މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ހުރީ އެ ފުރުސަތު ކޮންމެ މީހަކަށް ވެސް ދޭން ތައްޔާރަށެވެ. ޕާޕަލް ޕެބްލް ޕިކްޗާޒްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ލޯންޗްކޮށް، އޭގެ ދަށުން އޭނާ އަންނަނީ އިންޑިއާގެ އެކި ބަހުރުވަތަކުން ފިލްމް ހަދައި، ކާމިޔާބީތަކެއް ވެސް ހޯދަމުންނެވެ.

އެގޮތުން މިދިޔަ އަހަރު ޕްރިޔަންކާ އާއި އޭނާގެ މަންމަ މަދޫ ޗޯޕްޅާ ޕްރޮޑިއުސްކޮށް ރިލީޒް ކުރި މަރާޓީ ފިލްމް "ވެންޓިލޭޓާ" އަށް ވަނީ ވަނީ ތިން ނެޝަނަލް އެވޯޑް ވެސް ލިބިފަ އެވެ.
ހުނަރުވެރި ޒުވާނުން ފިލްމީ ދާއިރާ އިން ކުރިއަށް ދާން އެހީތެރިވެ ދިނުމުގެ ގޮތުން ޕާޕަލް ޕެބްލް ޕިކްޗާޒްގެ ވެބްސައިޓް ވެސް މިހާރު ވަނީ ރަސްމީކޮށް ލޯންޗްކޮށް އެވެ. އެގޮތުން މިހާރު ވެސް އެކްޓިން، ސްކްރީންޕްލޭ ލިޔުން، ސިނަމޮޓޯގްރީ، އެޑިޓިން އަދި ޑައިރެކްޝަން ފަދަ ދާއިރާތަކުން ކުރިއަށް ދާން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ޕާޕަލް ޕެބްލް ޕިކްޗާޒްގެ ކޯ-ފައުންޑަރެއްގެ ގޮތުގައި ހުރި މަދޫ ނެރުނު ބަޔާނެއްގައި ބުނީ ޝައުގުވެރިވާ ޒުވާނުން ވެބްސައިޓް މެދުވެރިކޮށް އެންގުމުން، އެ މީހުންނަށް ގުޅައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. ވެބްސައިޓް މެދިވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.
"އަހަރެމެން ބޭނުން ވަނީ ފިލްމީ މަސައްކަތުގެ ތެރެއަށް ހުނަރުވެރި ކުޅަދާނަ ޒުވާނުން ނެރެން. މިއީ އެ މަގުސަދުގައި ސީދާ ޕްރިޔަންކާ އިސްކޮށް ހުރެގެން ފެށި މަސައްކަތެއް،" މަދޫ ބުންޏެވެ.
އޭނާ ބުނީ އުމުރުން އެންމެ 17 އަހަރުގައި ޕްރިޔަންކާ 2000 ވަނަ އަހަރު މިސް ވޯލްޑް ތާޖް ހާސިލްކޮށް، 2002 ގައި ތަމަޅަ ފިލްމް "ތަމީޒާން" އިން ފިލްމީ ދާއިރާ އަށް ނިކުތް އިރު، އޭނާ އަށް މަގު ދައްކައި ދޭނެ އެއްވެސް މީހަކު ފިލްމީ ދާއިރާގައި ނެތް ކަމަށެވެ. އެކަމަކު ހިތްވަރާ އެކު ކެރިގެން ކުރި މަސައްކަތުން ޕްރިޔަންކާ އަށް މިހާރު އާދެވިފައި ހުރި ހިސާބަށް، ހުވަފެނެއް އޮވެގެން މަސައްކަތް ކުރާ ކޮންމެ މީހަކަށް ވެސް އާދެވިދާނެ ކަމަށް މަދޫ ބުންޏެވެ.
"އެހެންވެ އަހަރެމެން ބޭނުން ވަނީ ހުނަރު ހުރި ނަމަވެސް ފުރުސަތު ނުލިބިފައި ތިބި ޒުވާނުންނަށް ފުރުސަތު ދޭން،" އޭނާ ބުންޏެވެ. "ޕްރިޔަންކާ ހުރީ ފިލްމީ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ކޮންމެ މީހަކަށް ހިތްވަރު ދީގެން ކުރިއަށް ގެންދަން ތައްޔާރަށް. އެ ދޮރު މިއޮތީ ހުޅުވިފައި."
ޓީވީ ސިލްސިލާ "ކްއަންޓިކޯ" ހޮލީވުޑަށް ހިޖުރަ ކުރި ފަހުން 2016 ގެ ފަހުން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ މިހާތަނަށް ހިންދީ ފިލްމެއް ކުޅެފައި ނުވާތީ އޭނާ މިހާރު ހުރީ ކުޅޭނެ ފިލްމެއް ނިންމަން އިންޑިއާ އަށް ގޮހެވެ.