23 މާޗް 2018 - 20:16

ކާބުލް (މާޗް 23) - ތާލިބާނުންނަށް ރަޝިޔާ އިން ހަތިޔާރުގެ ގޮތުން އެހީވަމުންދާ ކަމަށް އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ ވެރިޔާ ޖެނެރަލް ޖޯން ނިކޯލްސަން ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ރަޝިޔާގެ ހަތިޔާރު ތާލިބާނުންނާ ހަމައަށް ފޯރަނީ ތަޖިކިސްތާނުގެ ބޯޑަރު ހުރަސްކޮށް ކަމަށެވެ. އެމެރިކާގެ މި ބާވަތުގެ ތުހުމަތުތައް ރަޝިޔާ އިން މީގެ ކުރިން ވަނީ ދޮގުކޮށްފަ އެވެ.
"އަޅުގަނޑުމެން އަތަށް އަފްޣާން ލީޑަރުން ބައެއް ހަތިޔާރު ގެނެސްދީފައި އެބަހުރި. އަދި އެއީ ރަޝިޔާ އިން ތާލިބާނުންނަށް ދޭ ހަތިޔާރު ކަމަށް ވަނީ ބުނެފައި،" ބީބީސީއާ ވާހަކަ ދައްކަވަމުން ނިކޯލްސަން ވިދާޅުވި އެވެ.
ނިކޯލްސަންގެ ކެރިއަރުގެ ބޮޑު ބައި ހޭދަކުރައްވާފައި ވަނީ އަފްޣާނިސްތާނުގަ އެވެ. ސެޕްޓެމްބަރު 11 ގައި ޕެންޓަގަން އަށް ދިން ހަމަލާގައި އޭނާ ސަލާމަތްވީ ކިރިޔާ އެވެ.
ތާލިބާނުންނަށް ރަޝިޔާ އިން ފޯރުކޮށްދޭ ހަތިޔާރުގެ އަދަދު ދެނެގަތުން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަފްޣާން ފުލުހުންގެ އޮފިޝަލުން ބުނެފައި ވަނީ ރަޝިޔާ އިން ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި ނައިޓް ވިޝަން ގޮގްލްސް އާއި މީޑިއަމް އަދި ހެވީ މެޝިން ބަޑި ހިމެނޭ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތާލިބާނުންނާ އޮންނަ ގުޅުންތައް ކަނޑާލުމަށް ޕާކިސްތާނަށް ޕްރެޝަރު ކުރައްވަމުންނެވެ. ޕާކިސްތާނަށް ދޭ އަސްކަރީ އެހީގެ އެތައް މިލިއަން ޑޮލަރެއް ޓްރަމްޕް ވަނީ ޖެނުއަރީ މަހު ސަސްޕެންޑް ކުރައްވައިފަ އެވެ.