ޒަމްޒަމް ވަޅު މަރާމާތު ކުރުން އަންނަ މަހު ނިމޭނެ
ޒަމްޒަމް ވަޅު މަރާމާތު ކުރުން އަންނަ މަހު ނިމޭނެ

މައްކާ (މާޗް 23) - ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހު މެދެއްހާ ހިސާބުގައި ނިއްވާލެވޭނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މައްކާގެ އެކްޓިން އަމީރު ޕްރިންސް އަބްދުﷲ ބިން ބަންދާރު މިދިޔަ ހަފުތާގައި ވަނީ ޒަމްޒަމް ވަޅުގެ މަރާމާތު ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ. މަރާމާތުގެ މަސައްކަތުގެ 90 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. އަދި ހަތް މަސް ދުވަހުގެ މަޝްރޫއު ފުރިހަމަ ކުރުމުގައި ލިބުނު އެއްބާރުލުމަށް ފިނޭންސް މިނިސްޓްރީ އާއި ދެ ހަރަމްގެ ކަންކަން ބަލަހަައްޓާ އޮފީހާއި ހަަރަމްގެ ސެކިއުރިޓީ ފޯސް އަށް ޕްރިންސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. ޕްރިންސް ބަންދާރުއާ އެކު ދެ ހަރަމްގެ ކަންކަން ބަލަހައްޓާ އޮފީހުގެ ވެރިޔާ ޝެއިޚް އަބްދުއްރަހްމާން ސުދައިސް އާއި ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީގެ ނައިބް އަބްދުލް ފައްތާހު މުސްހަތު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެގާރަ ކްރޭނުގެ އެހީގައި 250 އިންޖިނޭރުންނާއި ޓެކްނީޝަނުން އަދި މަސައްކަތު މީހުން ދަނީ ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތުގައި، ނަމާދު ވަގުތުތައް ފިޔަވައި، 24 ގަޑިއިރު ހަރަކާތްތެރިވަމުންނެވެ. މަސައްކަތުގައި އުޅޭ ސުޕަވައިޒިން އިންޖިނޭރުންގެ 96 ޕަސެންޓަކީ ސައުދީ މީހުންނެވެ. މަސައްކަތުގެ ސައިޓުން ވަނީ ސައުދީގެ 16 ޔުނިވާސިޓީއެއްގެ 693 ދަރިވަރުންނަށް ތަމްރީނު ދީފަ އެވެ. ޒަމްޒަމް ވަޅާ ގުޅުވައިގެން ހަދާ މަގުތަކުގެ ފުޅާ މިނުގައި އަށް މީޓަރު އަދި ދިގު މިނުގައި 120 މީޓަރު ހުރެ އެވެ.

ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ގެފުޅު ފަށާ ތައާފް ކުރާ ސަރަހައްދަށް ވަދެވެނީ ފިރިހެނުންގެ ތެރޭން ހަމައެނި އިހްރާމްގައި ތިބޭ މީހުންނަށެވެ. އުމްރާ ކުރާ މީހުންނަށް މަތާފް އޭރިއާ އަށް ދެވޭނީ 94، 93، 89، 88 އަދި 87 ވަނަ ދޮރޯށިންނެވެ.

ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތުގައި ދެ ފިޔަވަހި ހިމެނެ އެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ މަތާފް އޭރިއާގެ (ތަވާފް ކުރާ ސަރަހައްދު) ގެ އިރުން ފަސް ފާލަން ހެދުމެވެ. އަދި ދެ ވަނަ ބައިގައި ހިމެނެނީ ޒަމްޒަމް ފެން ސްޓެރިލައިޒް ކުރުމާއި ވަޅު ވަށައިގެން ކުރިން ހުރި ކޮންކްރީޓްތަކާއި ދަގަނޑުތައް ނެގުމެވެ.