23 މާޗް 2018 - 18:11

މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތް ތަމްސީލު ކުރުމުގެ ގޮތުން ވަކާލާތު ކުރަނީ ވަކީލުކަމުގެ ހުއްދަ ނެތް މީހަކު ކަމަށްވާ ނަމަ، ލީގަލް ފީ، ދައުވާ ލިބޭ ފަރާތުގެ އަތުން ނަގައި ނުދެވޭނެ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.
ރާއްޖޭގައި މަދަނީ މައްސަލަތަކުގެ ތެރެއިން ކުއްޔަށް ގެންދާ ތަކެތީގެ ކުލީގެ މައްސަލަތައް ފިޔަވައި، އެހެން މައްސަލަތައް ކޯޓަށް ހުށަހެޅުމަށް ވަކީލުންނަށް ޚަރަދު ކުރަންޖެހޭ ފައިސާ (ލީގަލް ފީ) ދައުވާ ލިބޭ ފަރާތުގެ އަތުން ނަގައި ދެނީ އެކަމާ ބެހޭގޮތުން ދެ ފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވުމެއް އޮތް ނަމަ އެވެ. އެފަދަ އެއްބަސްވުމެއް ނެތް ނަމަ، ލީގަލް ފީ ދައުވާ ލިބޭ ފަރާތުގެ އަތުން ނަގައި ނުދެވޭނެ ކަމަށް ހައި ކޯޓުން ކުރިން އޮންނަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް، ލީގަލް ފީ ނަގައި ދިނުމާ ގުޅޭ ގޮތުން ހައި ކޯޓުން އިއްޔެ ކަނޑައެޅި އާ އުސޫލުގައިވާ ގޮތުން ލީގަލް ފީ ނެގުމަށް ދެ ފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވުމެއް އޮތަސް، އެ މައްސަލައެއްގައި ވަކާލާތު ކުރަނީ ވަކީލު ކަމުގެ ހުއްދަ ނެތް މީހަކު ކަމަށް ވާ ނަމަ ލީގަލް ފީ ނަގައެއް ނުދެވޭނެ އެވެ. މަދަނީ މައްސަލަތަކުގައި ވަކީލު ކަމުގެ ހުއްދަ ނެތަސް، ދައުވާކުރާ ނުވަތަ ދައުވާ ލިބޭ މީހާގެ ޕަވާ އޮފް އެޓާނީގެ ދަށުން އެ މީހެއްގެ ބަދަލު ހަމަޖައްސައިގެން ކޯޓުތަކުގައި ވަކާލާތު ކުރެވެ އެވެ.
ހައި ކޯޓުން އެގޮތަށް ކަނޑައެޅީ ލީގަލް ފީގެ ގޮތުގައި 60،000ރ. ދައުވާ ލިބޭ ފަރާތުން، ދައުވާ ކުރާ ފަރާތަށް ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމި މައްސަލައެއް އިސްތިއުނާފް ކުރުމުންނެވެ.
އެ މައްސަލާގައި ކޯޓަށް ދާން ޖެހިއްޖެ ނަމަ، ލީގަލް ފީގެ ގޮތުގައި 60،000ރ. ދައުވާ ލިބޭ މީހާ ދައްކަން ޖެހޭ ގޮތަށް ދެ ފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވުމެއް އޮތަސް، ހައި ކޯޓުން ނިންމީ އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހައި ކޯޓުން ފާހަގަކުރީ އެ މައްސަލާގައި ދައުވާކުރި މީހާގެ ފަރާތުން މަސައްކަތް ކުރީ ހުއްދަ އޮތް ވަކީލެއް ކަން ސާބިތުކޮށް ނުދެވޭތީ އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި ބެންޗަކުން އިއްވި އެ ހުކުމުގައިވާ ގޮތުން ވަކީލުންގެ ފީ ނަގައި ދިނުމާ ގުޅޭ ގޮތުން ހައި ކޯޓުން ކުރި ނިންމާފައިވާ ނިންމުންތަކަކީ ވަކީލުން ފީ ނަގައި ދިނުމާ ބެހޭ ނިންމުންތައް ކަމަށާއި އެހެންވެ، ވަކީލު ކަމުގެ ހުއްދަ ނެތް މީހަކަށް އެ ފީ ނަގައި ދިނުމަކީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ބޭނުން ކެނޑޭނެ ކަމެއް ކަމަށެވެ. އަދި ބަދަލު ހަމަޖައްސައިގެން ކޯޓުތަކަށް ދާ މީހުންނަކީ ވަކީލުކަމުގެ ހުއްދަ އޮތް މީހުންނަށް ނުވެދާނެ ކަމަށް ހުކުމުގައި ވެ އެވެ.
ވަކީލުން ކަމުގައި ނުވާ މީހުން، ބަދަލު ހަމަޖައްސައިގެން ކޯޓުތަކުގައި ވަކާލާތު ކުރެވޭ ގޮތަށް ގަވާއިދުތަކުގައި އޮތަސް، ވަކީލުންނެކޭ އެއްފަދައިން އެފަދަ މީހުންނަށް ފީއެއް ނަގައި ދޭން ޖެހޭނެ ކަމަކަށް އެއްވެސް ގަވާއިދެއްގައި ބުނެފައި ނެތް ކަމަށް ހުކުމުގައި ވެ އެވެ. އެހެންވެ، ބަދަލު ހަމަޖައްސައިގެން ކޯޓަށް ދާ މީހާ ކޯޓުތަކުން ބަލައިގަތުމަކީ ވަކީލެކޭ އެއްފަދައިން އެ މީހަކަށް ވެސް ކޯޓުތަކުން ވަކީލުންގެ ފީ ނަގައި ދޭން ޖެހޭ ސަބަބެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
"މިފަދައިން ބަދަލުގައި ކޯޓަށް ހާޒިރުވާ މީހުންނަށް ގާނޫނީ ވަކީލެކޭ އެއްފަދައިން ކޯޓުތަކުން ފީ ނަގައިދީ އެކަން ކޯޓުތަކުން ތަސްދީގު ކުރަންވެއްޖެ ނަމަ، އެކަން ވެގެންދާނީ ލީގަލް ޕްރޮފެޝަންގެ އަސާސީ ހަމަތަކާ ޚިލާފް ކަމެއް ކަމަށް ނޫނީ ބެލެވެން ނެތުމުން..." ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި އެ ހުކުމުގައިވެ އެވެ.
ވަކީލު ފީގެ ގޮތުގައި ނަގައިދިން ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ނިންމައި ދަށު ކޯޓުގެ ހުކުމުގެ އެ ބައި ހައި ކޯޓުން ބާތިލް ކުރިޔަސް، ދަށު ކޯޓުގެ ހުކުމުގެ ދެން ހުރި ބައިތަކަށް އެ ކޯޓުން ވަނީ ތާއީދު ކޮށްފަ އެވެ.
ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.