23 މާޗް 2018 - 16:22

ވޮޝިންޓަން (މާޗް 23) - އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމުން އެޗްއާރު މެކްމާސްޓާ ވަކި ކުރުމަށް ފަހު އެ މަގާމު އެމެރިކާގެ ކުރީގެ އދ.ގެ ސަފީރު ޖޯން ބޯލްޓަން ދޭން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.
މިއީ 14 މަސް ދުވަސްތެރޭ ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމަށް ޓްރަމްޕް ހަމަޖައްސަވާ ތިން ވަނަ ބޭފުޅާ އެވެ. މެކްމާސްޓާގެ ކުރިން އެ މަގާމުގައި ހުންނެވި މައިކަލް ފްލައިން ވަކިކުރީ މަގާމާ ހަވާލުވިތާ މަހެއް ވެސް ނުވަނީހެވެ. ތިން ތަރީގެ ޖެނެރަލް މެކްމާސްޓާ، 55، އަކީ އެންމެ ފަހުން ވައިޓް ހައުސް ދޫކުރައްވާ ވަޑައިގަންނަވާ އިސް ބޭފުޅާ އެވެ. މިދިޔަ ހަފުތާގައި ވަނީ ޚާރިޖީ ވަޒީރުކަމުގެ މަގާމުން ރެކްސް ޓިލަސަން ވަކި ކުރައްވައިފަ އެވެ. އެ މަގާމަށް ހަމަޖައްސާފައި ވަނީ ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ އެވެ.
އުމުރުފުޅުން 69 އަހަރުގެ ބޯލްޓަން ވަނީ ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝްގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތައް އަދާކުރައްވައިފަ އެވެ. އޭނާ ވަނީ އަންޑަ ސެކްރެޓަރީ ފޯ އާމްސް ކޮންޓްރޯލް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީ އެފެއާޒްގެ މަގާމު ބުޝްގެ ސަރުކާރުގައި އަދާކުރައްވައިފަ އެވެ. އަދި އދ.ގެ ސަފީރުކަމުގެ މަގާމު ވެސް ވަނީ އަދާ ކުރައްވައިފަ އެވެ. ބޯލްޓަން ވަނީ ޖޯޖް އެޗް. ބުޝް އާއި ރޮނަލްޑް ރޭގަންގެ ސަރުކާރުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އޭނާ އަކީ އީރާނަށާއި ނޯތު ކޮރެއާ އަށް ހަމަލާ ދިނުމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.
ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމަށް ބޯލްޓަން ހަމަޖައްސަން ސެނެޓުގެ ރުހުން ބޭނުމެއް ނުވާނެ އެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހު 9 ގަ އެވެ.