24 މާޗް 2018 - 06:50

ކޮންމެ މީހަކު ވެސް އެ މީހެއްގެ ދަރިން ކިޔަވަން ފޮނުވަން ބޭނުން ވާނީ އެންމެ ފެންވަރު ރަނގަޅު ސްކޫލަކަށެވެ. އެހެންވެ ބޮޑު އަގެއް ދީފައި ޕްރައިވެޓް ސްކޫލަކަށް ދަރިން ފޮނުވުމަކީ ބެލެނިވެރިން އެއްގޮތަކަށް ވެސް ކަންބޮޑުވާ ކަމެއް ނޫނެވެ. ސަރުކާރު ސްކޫލެއްގައި ހިލޭ ކިޔެވެން އޮތަސް، ބޮޑު އަގެއް ދީފައި ޕްރައިވެޓް ސްކޫލްތަކަށް ދަރިން ފޮނުވާ ބެލެނިވެރިން މިހާރު ނިސްބަތުން ގިނަ އެވެ.

އެކަމަކު ދިރާސާއެއްގައި ބުނަނީ މިއީ ބޭކާރު ހަރަދެއް ކަމަށެވެ. އެ ދިރާސާގައި ބުނަނީ މުހިއްމީ ދަރިވަރުން ކިޔަވަންދާ ސްކޫލް ނޫން ކަމަށާއި މުހިއްމީ ދަރިވަރުގެ ވިސްނުން ތޫނުކަން ކަމަށެވެ.
އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑުން ހެދި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ދަރިވަރުންގެ ނަތީޖާތަކަށް ބަލާ އިރު، ބޮޑު އަގު ދީފައި ޕްރައިވެޓް ސްކޫލްތަކަށް ފޮނުވާ ދަރިވަރުންނާއި ސަރުކާރު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ހޯދާ ނަތީޖާތަކުގައި ބޮޑު ތަފާތެއް ނެތެވެ. ދިރާސާގައި ބުނީ ޕްރައިވެޓް ސްކޫލްތަކާއި ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން އޯ ލެވެލް ފަދަ އިމްތިހާންތަކުން ހޯދާ ނަތީޖާތަކަށް ބަލާއިރު ވެސް، ތަފާތު ކަމެއް ނުދައްކާ ކަމަށެވެ.
"އެހެންވެ މިއިން އެބަ ދައްކައިދޭ ކިޔަވަންދާ ސްކޫލެއް ނޫންކަން މުހިއްމީ. މީގައި ހުރިހާ ވެސް އެއްޗަކީ އެ ކުއްޖެއްގެ ހުރި ކުޅަދާނަކަމާއި ގާބިލިއްޔަތުކަން،" ދިރާސާ ޓީމުގައި ހިމެނޭ އެމިލީ ސުމިތު-ވުލީ ވިދާޅުވި އެވެ. "އަހަރެމެންގެ ދިރާސާ އިން ދައްކަނީ ކޮންމެ ކަހަލަ ސްކޫލަކަށް ދިޔަސް، ވިސްނުން ތޫނު ކުދިން ހަމަ މޮޅަށް ކިޔަވާނެކަން."
ނަމަވެސް ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އޮތް އެންމެ ބޮޑު ފައިދާއަކީ ކުލާސްތަކުގައި ތިބޭ ކުދިންގެ އަދަދު މަދުވުމެވެ. އެކަމުގެ ސަބަބުން ޓީޗަރުންނަށް ދަރިވަރުންނަށް ދެވޭ ސަމާލުކަން، ސަރުކާރުގެ ސްކޫލްތަކުގެ ކުލާސްތަކުގައި ދެވޭ މިންވަރަށް ވުރެ މާ ބޮޑެވެ.
"މީގައި މައިގަނޑު ތަފާތެއް ކަމަށް އަހަރެމެންނަށް ފާހަގަ ކުރެވެނީ ސްކޫލްތަކާ ދޭތެރޭ މީހުން ދެކޭ ގޮތް. މިވެނީ ތަނަކީ މާ ރަނގަޅު ތަނެކޭ ގަބޫލު ކުރެވޭ ގަބޫލު ކުރެވުންތައް." ޕްރޮފެސަރު ރޮބަޓް ޕްލޯމިން ވިދާޅުވި އެވެ.
ކިންގްސް ކޮލެޖް ލަންޑަންގެ ދިރާސާ ވަނީ އެންޕީޖޭ ސައިންސް ޖާނަލްގައި ވެސް މިހާރު ޝާއިއުކޮށްފަ އެވެ.