24 މާޗް 2018 - 06:48

ސްކްއޮޝް ކުޅެނިކޮށް، ބޮލީވުޑްގެ ބަތަލާ ޖެކްލީން ފެނަންޑޭޒްގެ އެއް ލޯ ޒަހަމްވެގެން، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާފޭން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ކަނާތު ލޯ ޒަހަމްވީ މިހާރު އަބޫދާބީގައި ޝޫޓް ކުރަމުން އަންނަ ފިލްމް "ރޭސް 3" ގެ ބްރޭކެއްގެ ތެރެއިން ސްކްއޮޝް ކުޅެނިކޮށް ވަރަށް ބާރަށް ލޯ މަތީގައި ބޯޅަ ޖެހިގެންނެވެ. މި ޒަހަމްގެ ސަބަބުން ލޮލުން ގިނަ އަދަދަކަށް ލޭ ވެސް ފޭބި އެވެ.
މި ހާދިސާ ހިނގި އިރު ސަލްމާން ހާނާއި ޑެއިޒީ ޝާހާ އެކު، ޖެކްލީން ހުކުރު ދުވަހު އަބޫދާބީން އިންޑިއާ އަށް ދާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެއީ ހޮނިހިރު ދުވަހު ޕޫނޭގައި ބާއްވާ "ދަ-ބަންގް" ޓުއާގެ ޝޯއަށެވެ. ނަމަވެސް އެ ޝޯ އަށް ވާނެ ގޮތެއް މިހާރު ނޭނގެ އެވެ.
ފަހަރުގައި ޖެކްލީންއާ ނުލައި ސަލްމާނާއި ޑެއިޒީ އިންޑިއާ އަށް ހިނގައި ދާނެ އެވެ.
ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ "ރޭސް 3" ގެ ޝޫޓިން އަބޫދާބީގައި މިހާރު ކުރިއަށްދާ އިރު، މިއީ ފިލްމްގެ ފަހު ޝޫޓިން ޝެޑިއުލެވެ. ފިލްމްގެ މަންޒަރުތައް މީގެ ކުރިން ވަނީ މުމްބާއީ އާއި ތައިލެންޑްގައި ނަގައިފަ އެވެ.
އަންނަ ޖޫން މަހުގެ 15 ގައި ރިލީޒް ކުރާ ސަސްޕެންސް ތުރިލާ "ރޭސް 3" ގެ ކާސްޓުންގެ ތެރޭގައި ސަލްމާނާއި ޖެކްލީން އާއި ޑެއިޒީގެ އިތުރުން ބޮބީ ޑިއޯލް، ސާގިބް ސަލީބް އަނި އަނިލް ކަޕޫރް ހިމެނެ އެވެ.
ފިލްމްގެ ތަރިން ހިމެނޭ ވަކިވަކި ޕޯސްޓަރުތައް މިހާރު ދައްކައިލަމުން އަންނަ އިރު، "ރޭސް 3" އަކީ މި އަހަރު އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމެވެ. މި ފިލްމަކީ އައްބާސް-މަސްތާން ޑައިރެކްޓްކޮށް ގެނެސް ދިން "ރޭސް" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ.