23 މާޗް 2018 - 11:35

ސިޔާސީ ބޭނުމަށް ހައްޔަރުކޮށްފައިވާ ބޭފުޅުންނާއި އިއްޔެ އުވާލި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި އެންމެން ދޫކޮށްލަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ގޮވާލައިފި އެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރެ އިން ފެށިގެން 45 ދުވަހުގެ މުއްދަތަކަށް ދިގު ދެންމި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާ ގުޅިގެން، އީޔޫން ފުރަތަމަ ފަހަރަށް ނެރުނު ބަޔާނުގައި ބުނީ، ސިޔާސީ ކުށްވެރިން ދޫކޮށްލުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވުން ވެސް ހުއްޓާލަން ޖެހޭ ކަމަށެވެ.
އީޔޫން ބުނިގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް ފަހު، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހުރިހާ ހައްގުތަކެއް އަލުން ރުޖޫއަ ކޮށްދިނުމެވެ. އެގޮތުން ގާނޫނުގެ ވެރިކަމަށް އިހުތިރާމް ކުރުމާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދީ، އަސާސީ އެހެނިހެން ހައްގުތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންސާފުވެރި ޝަރީއަތެއް ވެސް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ވެސް އީޔޫން ބުންޏެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު ހައްޔަރުކުރި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ތެރެއިން ބަޔަކު ދޫކޮށްލި ނަމަަވެސް އޭގެ ތެރެއިން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ މައްޗަށް ޓެރަރިޒަމާއި އެހެނިހެން ތުހުމަތުތައް ކޮށް، ޝަރީއަތް ނިމެންދެން ކްރިމިނަލް ކޯޓުން ވަނީ އެ ބޭފުޅުން ޖަލުގައި ބަންދުކުރަން ނިންމައިފަ އެވެ.
އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ދެ ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަބްދުﷲ ރިޔާޒާއި އަހުމަދު އަރީފާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާގެ ބައެއް ބޭފުޅުން ހިމެނެ އެވެ.
ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ދިވެހި ސަރުކާރުގެ ވެރިންނާއި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި އީޔޫގެ ޕާލިމެންޓުން މި މަހުގެ 15 ވަނަ ދުވަހު ގަރާރެއް ފާސްކޮށްފައިވެ އެވެ. އޭގެ އިތުރުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސިޔާސީ ބޭފުޅުން މިނިވަންކޮށް ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫއަ ނުވާ ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ޔޫރަޕިއަން ކައުންސިލްގެ ފޮރިން އެފެއާޒް ކައުންސިލުން ފާސްކުރި އެ ގަރާރުގައި، ރާއްޖޭގައި އޭރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހުރިހާ ހައްގުތަކެއް ދިނުމަށް ގޮވާލާފައިވެ އެވެ. ސިޔާސީ ބޭފުޅުން ހައްޔަރުކުރަމުން ދާތީ އެކަން ކުށްވެރި ކުރަމުން، އެ ހުރިހާ ބޭފުޅުން ވަގުތުން މިނިވަން ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
އިދިކޮޅު ސިޔާސީ ބައެއް ލީޑަރުން ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު މިނިވަންކުރަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއްވަނަ ވަނަ ދުވަހު ނެރުނު އަމުރުކުރުމާ އެކު، އެ އަމުރު ތަންފީޒު ނުކޮށް، ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ސިޔާސީ ބައެއް ބޭފުޅުން ހައްޔަރުކޮށް، ދައުވާ އުފުލައި ޝަރީއަތް ވަނީ މިދިޔަ ހަފުތާގައި ފަށައިފަ އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ އެ ބައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ، ގައިދީން ދޫކުރުމުގެ އަމުރަށް ދެން އަމަލު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ރާއްޖޭގެ އިދިކޮޅު ފަރާތްތަކުންނާއި އީޔޫ އާއި އިންޑިއާ ފަދަ ބައެއް ގައުމުތަކުން ދިވެހި ސަރުކާރަށް ގޮވާލަމުން ދަނީ އެ ގައިދީން ދޫކުރުމަށެވެ.