22 މާޗް 2018 - 23:47

ގދ. ތިނަދޫއަށް ނިސްބަތްވާ އެމްޑީޕީގެ ހުރިހާ ސަޕޯޓަރުންނާއި އެކަނި ބަހުސްކޮށް ބަލިކުރާނެ ކަމަށް ވިދާޅުވެ އެރަށަށް އުފަން، ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ޗެލެންޖް ކުރައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ތިނަދޫ ރައްޔިތުން މިރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ހުވަދޫ ބަހުރުވައިން ވާހަކަ ދައްކަވަމުން ނިހާން ވަނީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް ކޮށްދިނީ ކޮންކަމެއްތޯ ސުވާލު އުފައްދާފަ އެވެ. އަދި މި ސަރުކާރުން އެރަށަށް ބިލިއަނުން ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫ ރައްޔިތުން ދައްކާ މިސާލުން ރައީސް ޔާމީން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަން ޔަގީންވާ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ތިނަދޫއަށް އެތައް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާއިރު އެމްޑީޕީ މީހުން މައުމޫންނަށް "ނުކިޔާ އެއްޗެއްނެތް" ކަމަށް ނިހާން ވިދާޅުވެ ނިހާން ވަނީ އެރަށު އެމްޑީޕީ ސަޕޯޓަރުންނަށް ފާޑުކިޔާފަ އެވެ.
ތިނަދޫއަށް ނިސްބަތްވާ ސިޔާސީ ބޭބޭފުޅުން ޖަލުން މިނިވަން ވުމުން ޖަލުގައި އަމަލުކުރަނީ ލާއިންސާނީ ގޮތަށް ކަމަށް ބުނާއިރު މައުމޫންގެ ވެރިކަމުގައި ކުރި ކަމަށް އެބޭފުޅުން ބުނި އަނިޔާ ހަނދާން ހުރިތޯ ނިހާން ސުވާލު ކުރެއްވި އެވެ.
ސަރުކާރުތަކުގެ އެހީގައި ތިނަދޫއަށް ތަރައްގީ އަންނަމުންދާއިރު އެކަމުގައި އެންމެ އިސްރޯލެއް އަދާ ކުރަމުން އަންނަނީ އެރަށު ރައްޔިތުން ކަމަށް ނިހާން ވިދާޅުވި އެވެ.