24 މާޗް 2018 - 06:47

ފިލްމީ ތަރިއަކަށް ނުވިޔަސް އެކްޓަރު ޝާހިދު ކަޕޫރްގެ އަންހެނުން މީރާ ރާޖްޕޫތަކީ މަޝްހޫރު ބަތަލާއިންނަށް ދޫކުރާ ވަރުގެ މީހެއް ނޫނެވެ.

އެވޯޑް ހަފުލާތަކާއި އެކި އިވެންޓްތަކުންނާއި ދަރިފުޅު މީޝާ ކަޕޫރު އުރަށް ޖަހަލާއިގެން އާންމުންގެ ތެރެއަށް ނުކުމެ އުޅުން އާންމުކަމުން މީރާވެފައި ވަނީ ސެލެބްރިޓީއަކަށް ދޫނުކުރާ ވަރުގެ މީހަކަށެވެ. އަނެއްކޮޅުން މީޑިއާތަކާ ވެސް އޭނާ އެހާ ރައްޓެއްސެވެ. އެހެންވެ މީރާއަކީ އާންމުން ވަރަށް ލޯބިވާ މީހެކެވެ.
ބަތަލާ ނީހާ ދޫޕިއާގެ ޓޯކް ޝޯ ބީއެފްއެފް ވޯގް ސީޒަން 2 ގައި ޝާހިދާ އެކު، ބައިވެރިވެ ދެ މީހުން ވަނީ އަމިއްލަ ބައެއް ވާހަކަތައް ވެސް ހިއްސާކޮށްފަ އެވެ.
މީރާ އަށް ނީހާ ކުރިމަތި ކުރުވި ސުވާލަކީ ހުސްހަށި ބަޔަށް ހުރި ނަމަ، ޑޭޓް ކުރަން ބޭނުން ވަނީ ބޮލީވުޑްގެ ކޮން އެކްޓަރަކާތޯ އެވެ؟ ޖަވާބުގައި މީރާ ބުނީ ސިދާތު މަލްހޫތުރާ ކަމަށެވެ. އަދި އޭނާ އަށް ސިދާތު ވަރަށް ކަމުދާ ކަމަށް ބުންޏެވެ.
މީރާގެ އެ ވާހަކަ އަށް ޝާހިދު ރައްދު ދެމުން އެއީ ދެ މީހުން ވެސް ނިއު ދިއްލީ އަށް ނިސްބަތްވާތީ ކަމަށެވެ. މީރާ އާއި ސިދާތަކީ ވެސް، ދިއްލީ އަށް އުފަން ދެ މީހުންނެވެ.
ކޮންމެއަކަސް މީރާގެ އެ ވާހަކަ އަށް ސިދާތު ދޭ ޖަވާބެއް ބަލަން ވެސް ޝައުގުވެރި ވާނެ ދޯ އެވެ. ސިދާތާއި އާލިއާ ބަޓް ރައްޓެހިވެން އުޅޭ ކަމަށް އަޑު ފެތުރަނަސް އެކަމަކާ ދެ މީހުން ރަސްމީކޮށް އެއްބަހެއް ނުވެ އެވެ.
ޓޯކް ޝޯގައި ޝާހިދު ބުނި ގޮތުގައި އޭނާ ރައްޓެހިވި މީހުންގެ ތެރެއިން އެކަކު ކަނޑައެޅިގެން އޭނާ އަށް "ޗީޓް ކުރި" އެވެ. އަދި ދެން ތިބި މީހުންގެ ހަގީގަތް ސާފު ނުވާ ކަމަށް ބުންޏެވެ.
މީރާއާ 2015 ގައި ކައިވެނި ކުރުމުގެ ކުރިން ޝާހިދު ވަނީ ބައެއް ބަތަލާއިންނާ ރައްޓެހިވެގެން އުޅެފަ އެވެ. އޭގެ ތެރެއިން އެންމެ ފާޅުކަން ބޮޑީ ކަރީނާ ކަޕޫރާ އޮތް ގުޅުމެވެ. އަދި ފަހުން ޕްރިޔަންކާ ޗޯޕްޅާ، ވިދިޔާ ބާލަންގެ އިތުރުން ސޮނާކްޝީ ސިންހާއާ ވެސް ޝާހިދު ރައްޓެހިވި ކަމަށް މީޑިއާތަކުގައި ވަަރަށް ގަދައަށް ދެކެވުނެވެ.
އެއިން ކޮންމެ ބަތަލާއަކީ ޝާހިދާ އެކު ފިލްމްތައް ކުޅެފައިވާ ބަތަލާއިން ކަމެވެ.