23 މާޗް 2018 - 10:00

ސިންގަޕޫރާ ދެކޮޅަށް މިއަދު ހަވީރު ރާއްޖެ ކުޅޭ މެޗަކީ ދަސްކުރަން ލިބޭ ފުރުސަތެއް ކަމަށާއި އޭގެ ބޭނުން ހިފާނެ ކަމަށް ދާދި ފަހުން ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވި ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނެފި އެވެ.

ސެގާޓްގެ ކޯޗުކަމުގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމު މެޗަކަށް ނުކުންނައިރު އޭނާ ބުނީ މިއީ ކުޅުންތެރިންނާއި އޭނާ އަށް ވެސް ގިނަ ކަންތައްތަކެއް ދަސްކުރެވޭނެ މެޗެއް ކަމަށެވެ.
"މި މެޗު މުހިއްމު ކުޅުންތެރިން އަހަރެން ދަސްކުރަން ވެސް. ފަހަރެއްގައި އަހަރެން ބޭރުމަތިން ވަރަށް ގާތް މީހެއްގެ ގޮތުގައި ފެނިގެންދިޔަސް މެޗު ވަގުތުގައި އެ ގޮތެއް ނުވާނެ. އެ މީހުން (ކުޅުންތެރިން) ޖެހޭނެ އަހަރެން ބޭނުން ގޮތަށް ކަންތައް ކުރަން. މިއީ ދެ ފަރާތުން ދަސްކުރަން ޖެހޭ ކަމެއް. އަހަރެން ވެސް ކުޅުންތެރިން ވެސް،" ސެގާޓް ބުންޏެވެ.
ސެގާޓް ބުނީ އޭނާގެ ނަޒަރުގައި ފުޓްބޯޅައިގައި އަބަދުވެސް ވިސްނަން ޖެހޭނީ ބޮޑު ޓާގެޓަށްދާން ކަމަށާއި ނަތީޖާ ނެރެންޖެހޭނީ ވާދަވެރި މެޗުތަކުގައި ކަމަށެވެ. އަދި ސިންގަޕޫރު މެޗަކީ އަންނަ އަންގާރަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކުޅުންތެރިން ވަޒަންކޮށްލަން ލިބުނު ފުރުސަތެއް ކަމަށެވެ.
"ރަހުމަތްތެރިކަމުގެ މެޗުތަކަކީ އަހަންނަށް އަދި ޔޫރަޕްގައި ވެސް އެކްސްޕެރިމެންޓަށް ބޭނުންކުރާ އެއްޗެއް. ޓެކްޓިކްސްއާ އެކި އާ ކަންތައްތައް އޭގައި ދާނީ. އެކަމު އޮފިޝަލް މެޗުތަކުގައި ނަތީޖާ ނެރެންޖެހޭނެ. އޭޝިއާ ކަޕް ކަހަލަ މެޗުތަކަށްދާނީ ނަތީޖާ ނެރެގެން. އެކަމަކު އެކުވެރިކަމުގެ މެޗެއްގެ ނަތީޖާ އަކީ އެއްވެސް މީހަކު މާ ޝައުގުވެރިކަމެއް ހުންނަ ކަމެއް ނޫން،" އަފްގާނިސްތާނަށް ކުރިން ކޯޗުކޮށްދިން ސެގާޓް ބުންޏެވެ.
ރާއްޖެއާ ދެކޮޅަށް މީގެ ކުރިން ސިންގަޕޫރު ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރީ 2011 ވަނަ އަހަރު އެވެ. އެ ފަހަރު ރާއްޖެ ބަލިވީ 4-0 އިންނެވެ.
ސެގާޓް ބުނީ މި މެޗުގައި ނަތީޖާ އޭނާ އަށް އެންމެ މުހިއްމު ނުވި ނަމަވެސް އަމާޒަކީ ބަލިނުވެ ފަރުޖައްސާލުން ކަމަށެވެ.
"ސިންގަޕޫރު އަތުން ރާއްޖެ ނެތް މޮޅުވެފައެއް. ވަރަށް އުނދަގޫވާނެ ސިންގަޕޫރާ ދެކޮޅަށް ކުޅެން. އެކަމަކު އަހަރެމެން މަސައްކަތް ކުރާނަން. އަހަރެންގެ އުއްމީދަކީ ބަލިނުވެ ފުޓްބޯޅައިގައި ކުރިއަށް ފިޔަވަޅެއް އެޅުން. ނަތީޖާ އެންމެ މުހިއްމެއް ނޫން މި މެޗުގައި،" ސެގާޓް ބުންޏެވެ.
މި ފަހަރުގެ ޓީމުގައި ނިސްބަތުން އަލުން ޓީމާ ގުޅުނު ކުޅުންތެރިން ގިނަ އެވެ. މި މެޗުގައި ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ސެގާޓްގެ އެއް އަމާޒެވެ.
"ސިންގަޕޫރާ ވާނީ ވާހަކަ ދައްކާފައި. ގާތްގަނޑަކަށް ހައެއް ނޫނީ ހަތް ވަރަކަށް ބަދަލު ގެނެވޭ ގޮތަށް މެޗު ކުރިއަށް މި ގެންދަނީ. އެކަމު އެ ހުރިހާ ކަމެއް ނިންމާނީ މެޗުގެ އޮއިވަރު ބަދަލުވާ ގޮތަށް ބަލާފައި. ނަތީޖާ ނުބަލައި ބޭނުންވަނީ މި މެޗުގައި ކުޅުންތެރިން ދައްކާ ކުޅުމަށް ބަލަން،" ސެގާޓް ބުންޏެވެ.
އަނިޔާގެ ސަބަބުން ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މި މެޗުގައި ނުކުޅޭނެ އެވެ. ސިންގަޕޫރާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 16:30 ގަ އެވެ.