22 މާޗް 2018 - 22:07

ޗާންދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިން މޯލްގެ އާ ފިހާރަ އެއް ހުޅުވައިފި އެވެ.

ޗާންދަނީ މަގާއި ކެނަރީމަގު ގުޅޭ ކަންމަތީގަ ހުންނަ ލިވިން މޯލްގެ އާ ފިހާރަ ހުޅުއްވައި ދެއްވީ، މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރެއިންބޯގެ ޑިރެކްޓަރެއް ކަމަށްވާ އައިޝަތު ސަމީނާ އެވެ.

ރެއިންބޯގެ ޖެނަރަލް މެނޭޖަރު އަބްދުﷲ އަސްލަމް "މިހާރު" އަށް ވިދާޅުވީ، ލިވިން މޯލްގެ އަލަށް ހުޅުވުނު ބައި ހާއްސަ ކޮށްފައިވަނީ ބަދިގެ ސެޓާއި، އަލަމާރި އަދި ފަރުނީޗަރު ކަސްޓަމައިޒްކޮށް ތައްޔާރު ކުރުމަށް ކަމަށެވެ.

"މިތަނުގައި ހުންނާނެ ވަރަށް އެފޯޑަބަލް [އަގުހެޔޮ] ރޭންޖުން ފެށިގެން ގޮސް ހަމަ ވަރަށް އަގުބޮޑު އެއްޗެހި ވެސް... އެ މީހެއްގެ ބަޖެޓެއް ބުނީމަ އެ ބަޖެޓަކަށް ފިޓު ކޮށްގެން ވެސް އަޅުގަނޑުމެން ޑިޒައިން ކޮށްދީގެން ތައްޔާރުކޮށްފައި ގެންގޮސް، އިންސްޓޯލް ވެސް ކޮށްދޭނެ،" ރެއިންބޯގެ ފަސް ވަނަ ފިހާރައާ ބެހޭ ގޮތުން އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް ހުޅުވި ފިހާރަ އިން ރެއިންބޯ އިން އަލަށް ތައާރަފް ކުރާ ޖަރުމަނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ނޮބީލިއާ" ބަދިގެ ސެޓް ވިއްކާނެ ކަމަށެވެ. އަދި އޭޝިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "އޮޕެއިން"ގެ ބަދިގެ ސެޓް ވެސް ލިބެން ހުންނާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ތިން ބުރީގެ މި ފިހާރަ އަކީ ފްލޯ އޭރިއާގެ ގޮތުން ބަލާއިރު މާލޭގައި މިހާރު ހުރި އެންމެ ބޮޑު ފިހާރައަށް ވާނެ ކަމަށެވެ.
ފިހާރަ ހުޅުވުން ފާހަހަ ކުރުމުގެ ގޮތުން މިއަދުން ފެށިގެން އެއް މަސް ވަންދެން ޚާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. ޕްރޮމޯޝަނުގެ މުއްދަތުގައި ބަދިގެ ސެޓް ގަތުމުން، ކައުންޓާ ޓޮޕް ހިލޭ ލިބޭނެ އެވެ. އަދި ރެއިންބޯ ރޯދަ ސޭލް ވަރަށް އަވަހަށް އަޅުވާނެ ކަމަށާއި، އެ ސޭލްގައި ބޮޑެތި ޑިސްކައުންޓްތައް ލިބޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މި ފިހާރާގައި "ލިވިން ޑިޒައިން ސްޓޫޑިއޯ" އެއް ވެސް ހުންނާނެ އެވެ. އެ ސްޓޫޑިއޯގެ ދަށުން، ފަރުނީޗަރު ޑިޒައިންކޮށް އެމީހަކު ބޭނުން ގޮތަކަށް ތައްޔާރު ކޮށްދޭނެ އެވެ.