22 ޖުލައި 2016 - 06:34

"ވޯގް" އަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އަދި ދުވަސްވީ ފެޝަން އަދި ލައިފްސްޓައިލް މަޖައްލާ އެވެ. އެ މަޖައްލާއިން ކޮންމެ މަހަކު އެމެރިކާގެ 28 ސިޓީއެއްގަ އާއި އެކި ގައުމުތަކުގައި މި މަޖައްލާ ޝާއިއުކުރެ އެވެ.
ވޯގް ޝާއިއުކޮށްދޭ މާާސް މީޑިއާ ކުންފުނި ކަމަށްވާ ކޮންޑެ ނާސްޓްއިން މިއަހަރުގެ ފިނިމޫސުމަށް މެދުއިރުމަތީގެ ގައުމުތަކަށް އަމާޒުކޮށް "ވޯގް އެރޭބިއާ" ނެރޭނެކަމަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. މެދުއިރުމަތީގެ ގައުމުތަކަށް ހާއްސަ ވޯގްގެ އަދަދެއް ނެރުމަކީ ކޮންޑެ ނާސްޓްއިން ވަރަށް ކުރިންސުރެ ބޭނުންވެގެން އުޅުނު ކަމެއް ކަމަށް ބުނެފައިވެ އެވެ.
ދުބާއީގެ މިޑިއާ ކުންފުނި ނާވޮރާ އާއި ޕާޓްނާޝިޕަކަށް އެއްބަސްވުމަށް ފަހު ލޯންޗުކުރާ ސައިޓުގައި އަރަބި އަދި އިނގިރޭސި ބަސް ހިމެނޭނެ އެވެ. އަދި ސައިޓު ލޯންޗުކުރުމަށް ފަހު ޕްރިންޓުކޮށްފައިވާ މަޖައްލާއެއް އަންނަ އަހަރުގެ ހޫނު މޫސުމުގައި ނެރޭނެކަމަށް ބުނެފައިވެ އެވެ.
ވޯގް އެރޭބިއާގެ ހެޑްކުއާޓާޒް ހުންނާނީ ދުބާއީގަ އެވެ.
"މިދިޔަ 10 އަހަރުތެރޭގައި ގަތަރު، ދުބާއީ އަދި ރިޔާޟް ފަދަ މެދުއިރުމަތީ ރަށްތަކުގައި ބޮޑެތި 'ހައި ފެޝަން' ބްރޭންޑްތަކާއި ޕްރޮޑަކްޓްތަކަށް ބޮޑު ސަމާލުކަމެއް ދީފި. އަދި ލަގްޒަރީ ފިހާރަތަކާއި ބޮޑެތި ފެޝަން އިވެންޓުތައް ދުބާއީ މޯލް ފަދަ ތަންތަނުގައި ވަރަށް ގިނައިން ބާއްވާ،" ކޮންޑެ ނާސްޓްގެ ޗެއާމަން އަދި ޗީފް އެގްޒެކަޓިވް ޖޮނަތަން ނިއުހައުސް ބުނެފައިވެ އެވެ.
މެދުއިރުމަތީގެ ގައުމުތަކަށް އަމާޒުކޮށް ލޯންޗުކުރާ ވޯގް މަޖައްލާގެ އެޑިޓާ އިން ޗީފް ކަމުގެ މަގާމަށް އިސްކުރީ ސައުދީ އަރަބިއްޔާގެ ޕްރިންސަސްއެއް ކަމަށްވާ ދީނާ އަލްޖުހާނީ އަބްދުލް އަޒީޒެވެ. ސައޫދީގެ ޕްރިންސް އަބްދުލްއަޒީޒް ބިން ނާސިރް ބިން އަބްދުލް އަޒީޒް އާލް ސައުދާ ކައިވެނި ބައްލަވައިގެންނެވި ދީނާ އަކީ މިހާރު ވެސް ރިޔާޟް އަދި ދޯހާގައި ދެ ލަކްޒަރީ ބުޓީކް ހިންގާ ބޭކަނބަލެކެވެ. އޭނާ އަކީ ކޮންމެ ނިއު ޔޯކް އަދި ޕެރިސް ފެޝަން ވީކެއްގައި ވެސް އާއްމުކޮށް ފެންނަ މޫނެކެވެ.
"މުސްލިމުންނަކީ އެހެން މީހުންނަށް ވުރެ ތަފާތު ބައެއް ނޫން. މިހާރުގެ މުސްލިމު އަންހެނުންނަކީ އެންމެ ފަހުގެ ފެޝަނަށް ލޯބި ކުރާ ބައެއް. އަދި މިދިޔަ ގަރުނަށް ބަލައިލައިފި ނަމަ މުސްލިމު އަންހެނުން ކުރިއަށްވުރެ ފެޝަނާއި ޓްރެންޑްސްއާ ބެހޭގޮތުން މާ ބޮޑަށް އެނގި އެއަށް ބޮޑު ސަމާލުކަމެއް ދޭ،" ދީނާ ވިދާޅުވެފައިވެ އެވެ.