23 މާޗް 2018 - 06:26

އިންސާނަކަށް ވިއްޔާ ކުށް ކުރެވޭނެ އެވެ. އެކަމަކު 17،000 ފަހަރު އެއް ކުށެއް ތަކުރާރު ވުމަކީ ބޮޑުވަރެވެ. އިނގިރޭސި ވިލާތުގެ ފެޝަން އިންޑަސްޓްރީގައި ނަގާކިޔާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އަސޯސް އަށް ދިމާވެގެން މި އުޅެނީ އެ މައްސަލަ އެވެ.
އެ ކުންފުނިން ހެދި ކޮތަޅުތަކެއްގެ ބޭރުގައި އިން ލިޔުމުގައި ސްޕެލިން ކުށެއް އިންކަން އެނގުނީ 17،000 ކޮތަޅު ޕްރިންޓްކުރި ފަހުންނެވެ. މިކަން ވީ އެ ކުންފުންޏަށް ވެސް ބޮޑު ޖޯކަކަށެވެ. ފާޅުކަން ބޮޑު އަދި އޮޅިގެން ނުވާނެ ކަހަލަ އާދައިގެ ބަހެއްގެ ސްޕެލިން ނުބައިކޮށް އިނުމުން އަސޯސް އިން މިހާރު މަޖަލަކަށް ހަދާފައި ބުނަނީ އެއީ "ލިމިޓެޑް އެޑިޝަން" އެއް ކަމަށެވެ.
އެ މީހުން މިކަން ސިއްރުކުރަން ނޫޅެ ކޮތަޅުގެ ފޮޓޯއެއް ޓްވީޓްކުރުމާ އެކު ސޯޝަލް މީޑިއާގައި ވެސް އެކަން ވީ ވަރަށް މަޖާ ކަމަކަށެވެ. އެތައް ހާސް ބަޔަކު ލައިކް ކޮށް ރިޓްވީޓްކޮށްފައިވެ އެވެ. އެއާ އެކު އަސޯސްގެ ކަސްޓަމަރުން އުޅެގަތީ ސްޕެލިން މިސްޓޭކް ހުރި ކޮތަޅުތައް ހޯދާށެވެ.
ބައެއް މީހުން ޓްވީޓްތަކުގައި ބުނެފައި ވަނީ ނުބައިކޮށް ލިޔެވިފައި އިން ކޮތަޅެއްގައި އެއްޗެހި ލިބޭތޯ ބަލަން އަވަށް އޮންލައިންކޮށް އޯޑަރެއް ދެނީ ކަމަށެވެ.
މިހާ ހިސާބަށް އައި އިރު، ކޮތަޅުން ސްޕެލިން މިސްޓޭކް ފެނިއްޖެ ހެއްޔެވެ؟ ނުފެންނަ ނަމަ "އޮންލައިން" ގެ ސްޕެލިން ރަނގަޅުތޯ ބަލައިލާށެވެ.