މައުމޫން ބާޣީއަކަށް ހަދައި އަނިޔާ ދެނީ ރައީސް ޔާމީން: އަމީތު
މައުމޫން ބާޣީއަކަށް ހަދައި އަނިޔާ ދެނީ ރައީސް ޔާމީން: އަމީތު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ބާޣީއަކަށް ހަދަން މަސައްކަތް ކުރައްވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.

މައުމޫން ބާޣީއަކަށް ހެދުމަކީ ރައީސް މުހައްމަދު ނަޝީދު ދެކެމުން އަންނަ ހުވަފެނެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި އަމީތު ވިދާޅުވީ މިހާތަނަށް މައުމޫނަށް އެންމެ އަނިޔާވެރިވީ ވެސް އަދި ބާޣީއަކަށް ހަދަން މަސައްކަތް ކުރައްވަނީ ވެސް ރައީސް ޔާމީން ކަމަށެވެ.

"މީގެ ކުރިން ރައީސް މައުމޫނަށް ނުލިބޭ އެތައް އަނިޔާއެއް ދެމުން ގެންދަނީ ރައީސް ޔާމީން. އެކަމެއް އެގޮތަކަށް ނުކުރެވޭނެ. ރައީސް މައުމޫން މިނިވަންވެގެން ވަޑައިގަންނަވާނެ އިރާދަ ކުރެއްވިއްޔާ،" ރައީސް ޔާމީނާ ހިޔާލު ތަފާތުވުމުން ޕީޕީއެމުން ވަކިކުރި އަމީތު ވިދާޅުވި އެވެ.

ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ހައްޔަރު ކުރި މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށް އަނިޔާތައް ދެމުން ގެންދަނީ ރައީސް ޔާމީން ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

ރައީސް ޔާމީނާ ދެކޮޅުވުމުން ޕީޕީއެމުން ވަކިކުރި ފަރާތްތަކަކީ ބާޣީކަމަށް ވިދާޅުވެ މައުމޫންގެ ބޮލުގައި ބާޣީއެއްގެ ތުހުމަތު އަޅުވާފައިވަނީ ވެސް ރައީސް ޔާމީން ކަމަށް އަމީތު ވިދާޅުވި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ނަޝީދު ވަނީ މައުމޫން "މަގުފުރައްދާފަ" ކަމަށެވެ.