ކޮކާކޯލާ އިން ވޯލްޑް ކަޕް ބަލަން ރަޝިޔާ އަށް ފޮނުވަނީ
ކޮކާކޯލާ އިން ވޯލްޑް ކަޕް ބަލަން ރަޝިޔާ އަށް ފޮނުވަނީ

ނަސީބުވެރިންނަށް ހޮވޭ މީހުންނަށް ވޯލްޑް ކަޕް ބަލަން ރަޝިޔާ އަށް ދެވޭ ގޮތަށް ކޮކާކޯލާ އިން "ވޯލްޑް ކަޕް ފިއެސްޓާ"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސޯލްޓް ރެސްޓޯރަންޓްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްފައި، ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ފައްޓަވައިދެއްވި ޕްރޮމޯޝަން ކުރިއަށް ދާނީ، މިއަދުން ފެށިގެން 45 ދުވަހުގެ މުއްދަތަކަށެވެ. ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ، މި މުއްދަތުގެ ތެރޭގައި ރަން ކުލައިގެ މަތިގަނޑު ޖަހާފައި ހުންނަ ކޮކާކޯލާ ފުޅީގެ މަތިގަނޑުގެ ދަށުގައި އިންނަ ނަންބަރު 2626 އަށް އެސްއެމްއެސް ކުރުމުންނެވެ.

އެ ނަންބަރު އެސްއެމްއެސް ކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ވެސް ގުރުއަތެއް އޮންނާނެ އެވެ. އެގޮތުން އެ ދުވަހެއްގެ ގުރުއަތުން ހޮވޭ މީހަކަށް ވޯލްޑް ކަޕްގެ އޮރިޖިނަލް ބޯޅައެއް ލިބޭނެ އެވެ. ރަޝިޔާ އަށް ދިއުމުގެ ފުރުސަތު ލިބޭނީ ކޮންމެ ހަފްތާއެއް ވެސް ނިމުމުން އޮންނަ، އެ ހަފްތާއެއްގެ ގުރުއަތުން ހޮވޭ މީހަކަށެވެ. އެގޮތަށް ހޮވޭ ފަރާތްތަކަށް، އޭނާ އާ އެކު އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ޕްރޮމޯޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮކާކޯލާގެ ކަންޓްރީ މެނޭޖަރު އަބީޖިތް ލާހިރި ވިދާޅުވީ މި ޕްރޮމޯޝަނުގެ ދަށުން ވޯލްޑް ކަޕް ބެލުމަށް ރަޝިޔާ އަށް ދާ މީހުންގެ ހުރިހާ ހަރަދެއް އެ ކުންފުނިން ދޭނެ ކަމަށެވެ.

ކޮކާކޯލާގެ 300 އެމްއެލް އާއި 500 އެމްއެލް އަދި 1250 އެމްއެލްގެ ފުޅި ގަނެގެން ބައިވެރިވެވޭ ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް ފުރުސަތު ލިބޭނީ ވޯލްޑްކަޕްގެ 56 ވަނަ މެޗު ބަލާލުމަށެވެ. އެ މެޗުގައި ކުޅޭނީ ސްޕެއިން އާއި މޮރޮކޯ އެވެ.

މީގެ ކުރީ އަހަރުތަކުގައި ވެސް، ވޯލްޑްކަޕާ ދިމާކޮށް ކޮކާކޯލާއިން މިފަދަ ޕްރޮމޯޝަންތައް ހިންގާފައި ވެއެވެ.