ޒިމްބާބުވޭގެ ޖަލުތަކަށް ލުޔެއް ދޭން 3،000 ކުށްވެރިން މިނިވަންކޮށްފި
ޒިމްބާބުވޭގެ ޖަލުތަކަށް ލުޔެއް ދޭން 3،000 ކުށްވެރިން މިނިވަންކޮށްފި

ހަރާރޭ (މާޗް 22) - ތޮއްްޖެހިފައިވާ ޒިމްބާބުވޭގެ ޖަލުތަކުން މީހުން މަދުކުރުމުގެ ގޮތުން 3،000 ކުށްވެރިންނަށް އެ ގައުމުގެ ރައީސް އެމާސަން ނަންގަގްވާ މައާފް ދެއްވައިފި އެވެ.

ޖަލުގައި އުމުރަށް ބަންދުގައި ތިބި އަންހެނުން ފިޔަވައި، އަފޫއާއްމުގެ ދަށުން، ހުރިހާ އަންހެނުން މިނިވަން ވާނެ އެވެ. މީގެ އިތުރުން ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނާއި ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ މީހުން ވެސް މިނިވަންވާނެ އެވެ.

ރައީސްގެ މައާފުގެ ދަށުން ގިނަ ބަޔަކު މިނިވަންވި ނަމަވެސް ޒިމްބާބުވޭގެ ޖަލުތަކުގައި އަދިވެސް 17،000 މީހުން ތިބޭނެ ކަމަށް އެ ގައުމުގެ ޕްރިޒަންސް އެންޑް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.

މަރަން ހުކުމްކޮށް އެކަމަކު ހުކުމް ތަންފީޒު ނުކޮށް 10 އަހަރު ޖަލުގައި ތިބި މީހުންނަށް މަރުގެ އަދަބު ތަންފީޒު ނުކުރާ ގޮތަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ. އެކަމަކު އެ މީހުންގެ އަދަބު ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްފަ އެވެ. ޒިމްބާބުވޭގައި އެންމެ ފަހުން މީހަކަށް މަރުގެ އަދަބު ދީފައި ވަނީ 2005 ވަނަ އަހަރު އެވެ. ރައީސް ނަންގަގްވާ އަކީ މަރުގެ އަދަބު ތަންފީޒު ކުރަން ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ.