ނުކުރާ ކުށަކަށް ދިން ބޮޑު އަދަބުގެ ބަދަލަށް އެއް މިލިއަން ޑޮލަރު
ނުކުރާ ކުށަކަށް ދިން ބޮޑު އަދަބުގެ ބަދަލަށް އެއް މިލިއަން ޑޮލަރު

ވޮޝިންޓަން (މާޗް 22) - ނުކުރާ ކުށަކަށް އަދަބެއްގެ ގޮތުގައި 31 އަހަރު ޖަލުގައި ގެންގުޅުނު މީހަކަށް ބަދަލެއްގެ ގޮތުން އެއް މިލިއަން ޑޮލަރު ދީފި އެވެ.

އުމުރުން 61 އަހަރުގެ ލޯރެންސް މެކްކިނޭ އަށް ބަދަލު ދޭން ނިންމާފައި ވަނީ ޓެނެއްސީ ކްލެއިމްސް ބޯޑުގެ އިއްތިފާގުންނެވެ. އެއް މިލިއަން ޑޮލަރަކީ ބަދަލުގެ ގޮތުގައި އެ ސްޓޭޓުގައި ދޭ އެންމެ ބޮޑު އަދަދެވެ. އަދި އެއީ ޓެނެއްސީގައި ބަދަލުގެ ގޮތުގައި މިހާތަނަށް ދިން އެންމެ ބޮޑު އަދަދު ވެސް މެ އެވެ.

ރޭޕް ކުރުމާއި ވައްކަމުގެ ކުށުގައި މެކްކިނޭ ޖަލަށްލީ 1978 ވަނަ އަހަރު އެވެ. އޭނާ މިނިވަންކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ.

މެކްކިނޭ 1977 ވަނަ އަހަރު ހައްޔަރުކުރީ އަންހެނެއްގެ އެޕާޓްމަންޓުގައި އޭނާ ރޭޕްކުރި މީހުންގެ ތެރޭގައި މެކްކިނޭ ވެސް ހިމެނޭ ކަމަށް އެ އަންހެން މީހާ ރިޕޯޓް ކުރުމުންނެވެ. މެކްކިނޭގެ މައްޗަށް ވަނީ އެޕާޓްމަންޓަށް ވަގަށް ވަނުމުން ވައްކަމުގެ ދައުވާ އާއި ރޭޕުގެ ދައުވާ އުފުލައިފަ އެވެ. އެ މައްސަލާގައި އޭނާ ކުށްވެރިވާ ކަމަށް ބަލާ ޖޫން 1978 ގައި ވަނީ 115 އަހަރަށް ޖަލަށް ހުކުމްކޮށްފަ އެވެ. އޭރު މެކްކިނޭގެ އުމުރަކީ 22 އަހަރެވެ.

އޭގެ 30 އަހަރު ފަހުން، އޮގަސްޓް 2008 ގައި ވަނީ މައްސަލަ ޖެއްސި އަންހެން މީހާގެ އެނދުގެ ބެޑްޝީޓުން ނެގި ޑީއެންއޭ ސާމްޕަލްގައި މެކްކިނޭ ނުހިމެނޭކަން ސާބިތުވެފަ އެވެ. އޭގެ ފަހުން ވަނީ މެކްކިނޭ ކުށް ނުކުރާ ކަމަށް ބަލާ ޖޫން 2009 ގައި އޭނާ މިނިވަންކޮށްފަ އެވެ.

މެކްކިނޭ ބުނެފައި ވަނީ ނުހައްގުން އޭނާ 31 އަހަރާއި ނުވަ މަހާއި 18 ދުވަހާއި 12 ގަޑިއިރު ޖަލުގައި ގެންގުޅޭފައިވާ ކަމަށެވެ.

މެކްކިނޭގެ ކުށެއް ނެތްކަން ސާބިތުވުމުން ބަދަލު ހޯދަން ދައުވާ ކުރުމުގެ އިޚްތިޔާރު އޭނާ އަށް ލިބިފައިވެ އެވެ.

މެކްކިނޭ އަށް ލިބުނު އެއް މިލިއަން ޑޮލަރު އެއް ފަހަރާ ނުދޭނެ އެވެ. ފުރަތަމަ ދޭނީ 353،000 ޑޮލަރެވެ. އެއީ ވަކީލުންގެ ފީ އާއި އޭނާގެ ދަރަނިތައް ދެއްކުމަށެވެ. ބާކީ ބައި ދޭނީ 10 އަހަރުގެ މުއްދަތަށް މަހަކު 3،350 ޑޮލަރުގެ ނިސްބަތުންނެވެ. އެ މުއްދަތުގައި އޭނާ މަރުވެއްޖެ ނަމަ އެ ފައިސާ އާއިލާއާ ހަވާލު ކުރާނެ އެވެ.