22 މާޗް 2018 - 12:28

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މައި ތަނބުތަކާ ގުޅާލާ ބައެއްގެ ގޮތުގައި ހިމެނޭ ބޮކްސް ގާޑާ ބީމްތައް ހަރުކުރުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ މަސައްކަތް އަންނަ ޖުލައި މަހު 9 ގައި ނިމޭނެ ކަމަށެވެ. ބޮކްސް ގާޑާ ބީމްތައް ބޭނުންކޮށްގެން ތަނބުތައް ގުޅާލުމުން ބްރިޖްގެ މައިގަނޑު މަސައްކަތް ވެސް ނިމުނީ އެވެ.

ޗައިނާގައި ހެދި ބޮކްސް ގާޑާ ބީމްތައް ރާއްޖެ ގެނައީ މި މަހު 7 ގަ އެވެ.
މުއިއްޒު މިއަދު ވިދާޅުވީ މާލޭ ކޮޅުން ކޮންކްރީޓް ކުރަމުން އަންނަ ބަޔާއި ހުޅުލޭ ކޮޅުން ކޮންކްރީޓް ކުރާ ބައި އެކުގައި ގުޅާލެވި ބްރިޖްގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ވެސް ޖުލައި 9 ގައި ނިމޭނެ ކަމަށެވެ.
އޭގެ ފަހުން ދެން އޮންނާނީ، އޭނާ ވިދާޅުވި ގޮތުގައި، ބްރިޖްގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. އެގޮތުން ތާރު އެޅުމާއި ލައިޓް ހަރުކުރުން ފަދަ ކަންކަން އެ ހިސާބުން ފެށޭނެ ކަމަށް ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު މަހަށް މަސައްކަތް މުޅިން ނިންމަން އެއްބަސްވެފައިވާ ބްރިޖު ޖުލައި 26 ގައި ހުޅުވޭނެ ކަމަށް މުއިއްޒު ކުރިން އޮތީ ވިދާޅުވެފަ އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. ލޯނެއްގެ ގޮތުގައި ޗައިނާ އިން 72 މިލިއަން ޑޮލަރު ދިނެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން ހޭދަކުރަނީ 12 މިލިއަން ޑޮލަރެވެ.