22 މާޗް 2018 - 11:05

ތެހެރާން (މާޗް 22) - މެދުއިރުމަތީގައި އެމެރިކާގެ ހުރިހާ ރޭވުމެއް ފެއިލްކޮށްލާފައިވާ ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
ޕާސިއަން އާ އަހަރު ފާހަގަކުރުމުގެ ގޮތުން ބުދަ ދުވަހު ދެއްވި ތަގްރީރެއްގައި ޚާމަނާއީ ވިދާޅުވީ މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމުގެ ގޮތުން އެމެރިކާ އިން ވަނީ ލައްކަ މަސައްކަތްކޮށްފައިވާ ކަމަށާއި އިސްލާމިކް ސްޓޭޓް (އައިއެސް) އަކީ ވެސް އެމެރިކާ އިން އުފެއްދި ޖަމާއަތެއް ކަމަށެވެ.
"އެއްވެސް ޝައްކެއް ނެތް މެދުއިރުމަތީގައި އެމެރިކާ އިން ބޭނުންވާ ކަންކަން ހާސިލެއް ނުވާނެ. އޭގެ ބަދަލުގައި މާތްﷲގެ އިރާދަފުޅާ އެކު އީރާނުން ބޭނުންވާ ކަންކަން ހާސިލްވާނެ،" އީރާނުގެ މަޝްހަދު ސިޓީގައި ވާހަކަ ދައްކަވަމުން ޚާމަނާއީ ވިދާޅުވި އެވެ.
މެދުއިރުމަތީގެ ގައުމުތަކަށް އީރާނުގެ އަސްކަރީ އެޑްވައިޒަރުން ފޮނުވާފައި ވާނީ އެ ގައުމުތަކުން އެދިގެން ކަމަށް ވިދާޅުވި އެވެ.
ޕާސިއަން އާ އަހަރާ ދިމާކޮށް ޚާމަނާއީ މި މޭރުމުން ވާހަކަ ދެއްކެވި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ނޮވްރޫޒް އާ އަހަރާ ދިމާކޮށް މެސެޖެއް ދެއްވައިފަ އެވެ. އެ މެސެޖުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާނުގެ ވެރިން ވެރިކަން ކުރަނީ އެ މީހުން އަމިއްލަ އަށް ކަމަށާއި ރައްޔިތުންނަށް ނޫން ކަމަށެވެ. ޓްރަމްޕުގެ ވާހަކަތައް އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވެސް ވަނީ ކުށްވެރި ކުރައްވައިފަ އެވެ.