ސޮލާހުއްދީން އިމާރާތް ހުސްކުރަން ނޯޓިސް ދީފި
ސޮލާހުއްދީން އިމާރާތް ހުސްކުރަން ނޯޓިސް ދީފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގަމުން އަންނަ ސޮލާހުއްދީން އިމާރާތް ހުސްކުރަން ހައުސިން މިނިސްޓްރީން އިއްޔެ ނޯޓިސް ދީފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސޮލާހުއްދީން އިމާރާތަކީ މިހާރު ބޭނުން ނުކުރެވޭ ވަރުގެ ހާލަތެއްގައި ހުރި ތަނަކަށް ވާތީ އެތަން ވީހާ ވެސް އަވަހަކަށް ހުސްކުރަން ގައުމީ ޔުނިވާސިިޓީއަށް އަންގާފައިވާ ކަމަށެވެ.

ބިލަބޮންގް ސްކޫލު ކުރިމަތީގައި ހުންނަ ސޮލާހުއްދީން އިމާރާތް ހުސްކުރުމުގެ ނޯޓިސް ހައުސިން މިނިސްޓްރީން މިދިނީ އެތަން މަރާމާތުކުރުމުގެ މަސައްކަތް އެމްއެންޔޫ އިން ކުރަމުން ދަނިކޮށް ސިޑި ކައިރިން ޝީޓުން ބައެއް ވެއްޓުނު ހާދިސާއެއް ހިނގުމުންނެވެ. އެމްއެންޔޫއިން އެތަން މަރާމާތުކުރަނީ ވެސް މިހާރަށް ވުރެ ރައްކާތެރި ތަނަކަށް ހެދުމަށެވެ.

އެކަމަކު ހާދިސާއާ އެކު އެ އިމާރާތް ބޭނުންކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފަ އެެވެ.

ބާ އިމާރާތް ތަޅާލައި އެތަނުގައި 10 ބުރީގެ އިމާރާތެއް އަޅަން ނިންމައި އެ ކަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ޔުނިވާސިޓީން ވަނީ ބުނެފަ އެވެ.

މީގެ ކުރިން އިސްލާމިކް ސްޓަޑީޒްގެ ފެކަލްޓީ ވެސް ހިންގި އެ އިމާރާތަށް 30 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ބާރަ ކްލާސް ރޫމްގައި 400 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އާދެ އެެވެ.

އެމްއެންޔޫގެ ބައެއް ފެކަލްޓީތައް ހިންގާ އިމާރާތްތައް ބާވުމުގެ މައްސަލަ މީގެ ކުރިން ވެސް ވަނީ ދިމާވެފަ އެވެ. އެގޮތުން ބާ ޖަމާލުއްދީންގެ އިމާރާތް ވަނީ 2015 ގައި ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.