އުރްމިލާ މަޓޯންޑްކަރު އެނބުރި އަންނަނީ، މި ފަހަރު ލަވައަކުން
އުރްމިލާ މަޓޯންޑްކަރު އެނބުރި އަންނަނީ، މި ފަހަރު ލަވައަކުން

ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދާލި ބަތަލާއިންގެ ތެރޭގައި ހިމެނޭ އުރްމިލާ މަޓޯންޑްކަރް، ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރުގައި ދުރުގައި ހުރުމަށް ފަހު، އެނބުރި އަންނަން ތައްޔާރުވެއްޖެ އެވެ.

މިހާރު އުމުރުން 44 އަހަރުގެ ބަތަލާ ފެނިގެން ދާނީ އަންނަ މަހުގެ 6 ގައި ރިލީޒްކުރާ އިރްފާން ހާންގެ ފިލްމް "ބްލެކްމެއިލް" ގެ ލަވައަކުންނެވެ. ބޮލީވުޑްގެ އެންމެ ކުޅަދާނަ ނެށުންތެރިންގެ ތެރޭގައި ވެސް ހިމެނޭ އުރްމިލާ ފެނިގެންދާ ލަވައިގެ ނަމަކީ "ބޭވަފާ ބިއުޓީ" އެވެ. އޭނާ ވަރަށް ގްލަމަރަސްކޮށް ފެނިގެންދާ މި ލަވައަކީ އަމިތު ތުރިވޭދީގެ މިއުޒިކަށް ޕަވާނީ ޕާންޑޭ ކިޔާފައިވާ ލަވައެކެވެ.

އަބިނޭ ޑިއޯ ޑައިރެކްޓްކޮށްފައިވާ ފިލްމްގައި ހިމެނޭ މި ލަވަ މިއަދު ވަނީ އާންމުކޮށްފަ އެވެ.

"ރަންގީލާ"، "ބޫތު"، "ޕިޔާރް ތޫނޭ ކިޔާ ކިޔާ" އަދި "ޖުދާއީ" ފަދަ ކާމިތާބު އެތައް ފިލްމެއް ކުޅެފައިވާ އުރްމިލާ އެންމެ ފަހުން ކުޅުނީ މަރާޓީ ފިލްމެކެވެ. އެއީ 2014 ގައި ރިލީޒް ކުރި "އަޖޯބާ" އެވެ. އޭނާ އެންމެ ފަހުން ފެނުނު ހިންދީ ފިލްމަކީ 2007 ގައި ރިލީޒް ކުރި "ސްޕީޑް" އެވެ.

ދެހާސް ސޯޅައިގައި ކަޝްމީރުގެ ވިޔަފާވެރިއެއް ކަަމަށްވާ މުހްސިން އަހްތަރު މީރްއާ ކައިވެނި ކުރި އުރްމިލާއަކީ ބޮލީވުޑްގެ މަޝްހޫރު ތިން ހާނުން ކަމަށްވާ އާމިރް ހާނާއި ސަލްމާން ހާނާއި ޝާހްރުކް ހާނާ އެކު ފިލްމް ކުޅެން ފުރުސަތު ލިބުނު މަދު ބަތަލާއިންގެ ތެރެއިން އެކެކެވެ.