އަޑިއަށް ދިޔަ ލޯންޗެއްގައި ތިބި ބަޔަކު ފަޅު ރަށަކުން ސަލާމަތްކޮށްފި
އަޑިއަށް ދިޔަ ލޯންޗެއްގައި ތިބި ބަޔަކު ފަޅު ރަށަކުން ސަލާމަތްކޮށްފި

އަޑިޔަށް ދިޔަ ލޯންޗެއްގައި ތިބި ހަތަރު މީހަކު ފަޅު ރަށެއްގައި ތިއްބާ ފުލުހުން މިއަދު ސަލާމަތްްކޮށްފި އެވެ.

މ. ކެކުރާޅުވެލި ނަމަކަށް ކިޔާ ފަޅުރަށެއް ކައިރީ މަސްބާނަން އޮތް "މާކެޔޮޅު" ލޯންޗެއް އަޑިއަށްދާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުނީ މެންދުރުފަހު 1:30ހާއިރެވެ. އެވަގުތު އެ އަތޮޅު ކޮޅުފުށީ ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ މީހުން ތިބީ ފަޅުރަށުގައި ކަމަށް ފުލުހުންގެ ވެބްސައިޓުގައި ބުންޏެވެ.

މި ހާދިސާގެ ސަބަބުން ލޯންޗުގައި ތިބި ހަތަރު މީހުންނަށް އެކި ވަރުގެ އަނިޔާ ލިބުނެވެ. އޭގެ ތެރެއިން ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ދިވެއްސަކާއި ބިދޭސީއަކަށް މ. މުލި ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލާ ހަވާލާދީ މުލީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޒަކީ ވިދާޅުވީ ބިދޭސީ މީހާގެ ފަޔަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ދިވެހި މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމުގައި ވިއަސް ހިނގުމުގައި އުނދަގޫތަކެއް ވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެމީހުން ވެސް އެޑްމިޓްކޮށްފައި ތިބީ. ބޮޑު ގެއްލުމެއް ނުލިބޭ،" ޒަކީ ވިދާޅުވި އެވެ.

ފުލުހުން ބުނީ ލޯންުޗު އަޑިއަށްދިޔައީ ލޯންޗަށް ޖެހި ރާޅަކާއެކު އެ ރަށު ފުއްޓަރު ފަރާތު ފަރުމައްޗަށް ބަންޑުން ޖަހާލުމާ ގުޅިގެން ކަމަށެވެ.