22 މާޗް 2018 - 09:04

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ބުރަކަށްޓަށް ތަދުވެފައިވާތީ، ސިންގަޕޫރާ ދެކޮޅަށް މާދަމާ ކުޅޭ އެކުވެރިކަމުގެ މެޗުގައި އޭނާ ނުކުޅޭނެ ކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.
މެޗު ކުޅެން ސިންގަޕޫރަށް ރޭ ޓީމު ކުރި ދަތުރުގައި ދަގަނޑޭ ބައިވެރިނުވެ އެވެ. ދަގަނޑޭގެ ބުރަކަށްޓަށް ހާނިއްކަވީ އެސްޓީއޯ މާލޭ ލީގުގައި އީގަލްސްއާ 2-2 އިން ނިއު ރޭޑިއަންޓް އެއްވަރުވި މެޗުގަ އެވެ. ސީރިއަސް އަނިޔާއެއް ނޫން ނަމަވެސް މެޗު ކުޅެގެން އިތުރަށް ހާލަތު ގޯސްވެދާނެތީ ދަގަނޑޭ ބޭނުންނުކުރަނީ އެވެ.
ސެގާޓް ބުނީ ފުރަތަމަ ނިންމާފައި އޮތީ ސިންގަޕޫރާ ދެކޮޅަށް ކުޅެން ދަގަނޑޭ ގެންދަން ކަމަށާއި އެކަމަކު ފަހުން ޑޮކްޓަރާ މަޝްވަރާކުރުމަށް ފަހު ނިންމުނީ، ދަގަނޑޭ އަށް ވެސް އަދި ޓީމަށް ވެސް އެންމެ ފައިދާވާނީ ދަގަނޑޭ އަރާމުކުރަން ވަގުތުކޮޅެއް ނެގުން ކަމަށެވެ.
"މިއީ މުޅި ޓީމުގެ ނިންމުމެއް. އަހަރެމެން ބޭނުން ހުރިހާ ކުޅުންތެރިން ވެސް ފިޓްކޮށް ބަހައްޓަން،"
ސިންގަޕޫރު މެޗަށް ފަހު ދެން ރާއްޖެ އަށް އޮތީ އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު މާލޭގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗެވެ. ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާތީ މި މެޗުގެ މުހިއްމުކަން ވަނީ ކުޑަވެފަ އެވެ.