22 މާޗް 2018 - 09:09

ސިންގަޕޫރާއި ބޫޓާނާ ދެކޮޅަށް ކުޅޭ ދެ މެޗަށް ފަހު އަތޮޅުތަކުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނެފި އެވެ.
ސެގާޓްގެ ކޯޗުކަމުގައި ގައުމީ ޓީމުން އެކުލަވާލި ފުރަތަމަ ސްކޮޑުގައި ގިނަ ބަދަލުތަކެއް ވަނީ ފެނިފަ އެވެ. ނިސްބަތުން އަލުން ޓީމާ ގުޅުނު ކުޅުންތެރިން ވެސް ލިސްޓުގައި ހިމެނެ އެވެ. ސެގާޓް ބުނީ މިއީ މި ވަގުތަށް ޓީމު އެކުލަވާލީ އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ އެހީތެރިކަމާ އެކު ކަމަށެވެ.
"ދިހަ ދުވަސް އަދި މިވީ، ކުޅުންތެރިންނާ ބެހޭ ގޮތުން އަދި އެއްޗެއް ނެތް (އަހަންނަށް) ބުނެވެން. މި ވަގުތު މިއީ ކުޑަ މަންޒަރެއް. މިއީ ފުރަތަމަ ސްކޮޑް ފެޑެރޭޝަންގެ ފަރާތުން ސާންތީ އެހީވި އަހަންނަށް އަދި އެސިސްޓަންޓް ކޯޗު ޝާކިރު ވެސް. މިއީ މި ވަގުތުގެ ސްކޮޑު ދެން އޮތް މެޗަށް އަހަރެން ވަރަށް ބަދަލު ގެންނާނަން،" މާދަމާ ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗަށް ރޭ އެ ގައުމަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ސެގާޓް ބުންޏެވެ.
ސްކޮޑުގައި މި ފަހަރު ނެތް ކުޅުންތެރިން މާޔޫސްވާން ނުޖެހޭ ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.
"ކޮންމެ ކުޅުންތެރިއަކަށް ވެސް އޮތީ ދޮރު ހުޅުވިފައި. އަހަރެން ބޭނުންވާ މަންޒަރު ދައްކަން އަދި ވަގުތު ބޭނުންވޭ. މި ވަގުތު އެސޯސިއޭޝަންގެ އެހީއާ އެކު އަހަރެން ޓީމު އެކުވަލާލީ އެއީ މި ހާލަތުގައި އެމީހުންނަށް އަހަންނަށް ވުރެ ބޮޑަށް ކުޅުންތެރިން އެނގޭނީ. އެކަމު ކުރިއަށް އޮތް ތަނުގައި އަހަންނަށް ކުޅުންތެރިން އެނގޭ މިންވަރު ރަނގަޅުވާނެ. އޭރަށް އަހަރެންގެ ނިންމުން ނިންމާނަން،" އޭނާ ބުންޏެވެ.
ސެގާޓް ބުނީ މިއީ ފެށުމެއް ކަމަށާއި އޭނާ އަސްލު ބޭނުންވާ ބަދަލު ގެނެވޭނީ އަތޮޅުތަކަށް ގޮސް މުޅި ރާއްޖެއިން ކުޅުންތެރިން ހޯދައިގެން ކަމަށެވެ.
"އަތޮޅުތަކަށް މެސެޖެއްދޭން ބޭނުން. އެއީ ބޫޓާން މެޗަށް ފަހު އަހަރެން އަތޮޅުތަކަށްދާނަން. އެއީ އަހަރެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ ކާމިޔާބަކަށް ގެންދަން ބޭނުންނަމަ އަތޮޅުތަކުން ޒުވާން ކުޅުންތެރިން ހޯދަން ޖެހޭ. ފަހަރެއްގައި އަހަރެން ހަތަރު ހަފްތާ ނޫނީ އަށް ހަފްތާ ވަރުގެ ވެސް މި ދަތުރުގައި ވެދާނެ. އެކަމަކު މިއީ މުހިއްމު ކަމެއް،" އަފްގާނިސްތާނަށް ކުރިން ކޯޗުކޮށްދިން ސެގާޓް ބުންޏެވެ.
އޭނާ ބުނީ މުސްތަގުބަލުގައި އެފްއޭއެމުން ބޭނުންވާ ޓާގެޓް ހާސިލްކުރެވޭނެ ކަމުގެ އުއްމީދު އޭނާ އަށް އެބައޮތް ކަމަށެވެ.
"އަތޮޅުތަކާއި މާލެ އާއި އެކުވެގެން އަހަރެއް ނޫނީ ދެ އަހަރެއް ތެރޭ ވަރަށް ވަރުގަދަ ޓީމެއް އެކުލަވާލެވޭނެ. އަހަރެން ދާއިރު އަތޮޅުތަކުގައި މުބާރާތްތައް އޮންނާނެ އޭގެ ތެރެއިން ފަހަރެއްގައި އަހަންނަށް ދެ ކުޅުންތެރިއަކު ނުފެންނާނެކަން ކިހިނެއް އެނގެނީ،" ސެގާޓް ބުންޏެވެ.
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރިއަށް ދެ މެޗަށް ޝާކިއްޓެ ހަމަޖެއްސި ނަމަވެސް މުސްތަގުބަލުގައި އިތުރު ބަދަލުތަކެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށް ސެގާޓް ބުންޏެވެ.
"ފުޓްބޯޅަ އަކީ އެކަކު ދޭ ޝޯއެއް ނޫން. އެންމެންގެ އެހީ ބޭނުންވާނެ. ރަނގަޅު ޓީމެއް ބިނާކުރާއިރު ވަށައިގެން ވެސް ރަނގަޅު ޓީމެއް (އޮފިޝަލުންތަކެއް) ހުންނަން ވާނެ. އެކަން އަހަރެން ކުރާނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ނަގައިގެން. މި ވަގުތު އަހަރެމެން ނިންމީ ޝާކިރު (ޝާކިއްޓެ) އެސިސްޓަންޓަކަށް ހަދަން. އެއީ މިދިޔަ ދުވަސްތަކުގައި ލިބުނު އެހީ އަށް ބަލާއިރު ވަރަށް ރަނގަޅަށް ދިޔައީ. ޝާކިރު (ޝާކިއްޓެ) އަހަރެންނާ އެކު ހުންނާނެ. އެކަމަކު މުސްތަގުބަލުގައި ބަދަލުތަކެއް އަންނައިރު ބޭރުގެ އެސިސްޓަންޓެއް ވެސް އައުން އެކަށީގެންވޭ،" ސެގާޓް ބުންޏެވެ.
ސިންގަޕޫރާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ ހަވީރު 16:30 ގަ އެވެ.