22 މާޗް 2018 - 08:39

ފޭސްބުކް ބޭނުން ކުރި އެތައް މިލިއަން ބައެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެއް ފެންމަތިވެ، އެތައް ބައެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، ގޯސް ހެދިފައިވާ ކަމަށް އެ ކުންފުނިން އެއްބަސްވެއްޖެ އެވެ.
ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގް ނެރުނު ބަޔާނެއްގައި ވިދާޅުވީ ކަސްޓަމަރުންގެ އިތުބާރު ގެއްލޭ ގޮތަށް އެ ކުންފުންޏަށް ބައެއް ކަންކަން ކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަން ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބަޔާނުގައިވެ އެވެ.
"ފޭސްބުކް ބޭނުންކުރާ އެންމެންގެ މައުލޫމާތު ހިމާޔަތް ކުރުމަކީ އަހަރެމެންގެ ޒިންމާއެއް. އެ ޒިންމާ ފުރިހަމަ އަށް އަދާ ނުކުރެވޭނަމަ، އަހަރެމެން ފޭސްބުކް ފަދަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމެއް ނެތް،" ފޭސްބުކްގައި ޒުކަބާގް އާންމުކުރެއްވި ބަޔާނުގައިވެ އެވެ.
"އަހަރެން ފޭސްބުކް އުފައްދައިގެން މިކަން ފެށީ، މި ޕްލެޓްފޯމުގައިވާ ކަންކަމުގެ ޒިންމާ އެހެންވީމަ އަހަރެން އުފުލަން ޖެހޭނެ،"
މިއީ މި މައްސަލައާ ގުޅޭ ގޮތުން ފޭސްބުކްގެ ފަރާތުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
މި މައްސަލަގަނޑު ފެށިގެން ދިޔައީ 2014 ވަނަ އަހަރު، ކޭބްރިޖް ޔުނިވާސިޓީގެ ރިސާޗަރެއް ކަމަށްވާ ޑރ. އެލެކްޒެންޑްރާ ކޯގަން ފޭސްބުކާ ގުޅިގެން ކުރިއަށް ގެންދިޔަ ކުއިޒަކުންނެވެ. "ދިސް އިޒް ޔުއާ ޑިޖިޓަލް ލައިފް"ގެ ނަމުގައި ތައްޔާރުކުރި ހާއްސަ އެޕްލިކޭޝަނަކުން ކުރިއަށް ގެންދިޔަ ކުއިޒްގައި 270،000 މީހުންގެ މައުލޫމާތު އެއްކުރި ކަމަށް އޭރު ބުންޏެވެ.
ނަމަވެސް މިހާރު ވަނީ މިފަދަ ކުއިޒްތައް ހިންގައިގެން 50 މިލިއަނަށް ވުރެ ގިނަ މީހުންގެ މައުލޫމާތު އެކި ފަރާތްތަކުން އެއްކޮށްފައިވާކަން ހާމަވެފަ އެވެ. އަދި އެ މައުލޫމާތުތައް ކެމްބްރިޖް އެނަލެޓިކާ ކިޔާ އިނގިރޭސިވިލާތުގެ ސިޔާސީ ކޮންސަލްޓެންސީ ކުންފުންޏަކަށް ވިއްކި މައްސަލައެއް ވެސް ފެންމަތިވީ އެވެ.
އެ ކުންފުނިން އެ މައުލޫމާތުތައް ދިރާސާކޮށް، މީހުން ސައިކޮލޮޖިކަލީ ޕްރޮފައިލްކޮށް، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރައީސް ޑޮނަލްޑް ޓްރަންޕްގެ ކެމްޕޭންގައި ބޭނުން ކޮށްފައިވާކަން ވެސް މިހާރު އޮތީ ފަޅާއަރާފަ އެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ ފޭސްބުކަށް މިހާތަނަށް ކުރިމަތިވި މިފަދަ އެންމެ ބޮޑު މައްސަލަ އެވެ. މި މައްސަލައިގެ ސީރިއަސް ކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ، މިކަން ހާމަވުމާ އެކު ފޭސްބުކްގެ ހިއްސާގެ އަގު ވެއްޓިގެން ދިޔަލެއް ބޮޑުކަމުންނެވެ. މި ވެއްޓުމާ އެކު އެއް ގަޑިއިރުގެ ތެރޭގައި ޒުކަބާގަށް ވަނީ ފަސް ބިލިޔަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ވެފަ އެވެ.
ދެން އޮތީ މި މައްސަލަ ބަލާ ފަރާތްތަކެވެ. އެމެރިކާގެ ކޮންގްރެސް އިން މިހާރު ވަނީ މި މައްސަލަ ބަލަން ފަށައި، ޒުކަބާގް ކޮންގްރެސް އަށް ހާޒިރުވާން އަންގައިފަ އެވެ. އަދި އެމެރިކާގެ ފެޑަރަލް ޓްރޭޑް ކޮމިޝަނުން ވެސް ވަނީ މި މައްސަލާގައި ބޮޑު ތަހުގީގެއް ފަށައިފަ އެވެ.
އެމެރިކާގެ އިތުރުން ޔޫރަޕިއަން ޕާލިމެންޓުން ވެސް ވަނީ މި މައްސަލަ ތަހުގީގުކުރާނެ ކަމަށް ބުނެފަ އެވެ.
އިނގިރޭސި ވިލާތުން ކަމާގުޅޭ ޕާލިމެންޓަރީ ކޮމިޝަނުން ވެސް މިހާރު ވަނީ ތަހުގީގެއް ފަށައި، ތަހުގީގަށް ބޭނުންވާ މައުލޫމާތު ދިނުމަށް ޒުކަބާގް އެ ކޮމެޓީ އަށް ހާޒިރުވާން އަންގައިފަ އެވެ. އަދި ކެމްބްރިޖް އެނަލެޓިކާގެ މައްސަލަތަކެއް ވެސް އެ ގައުމުން ވަނީ ބަލަން ފަށައިފަ އެވެ.
މި ހުރިހާ ފަރާތްތަކުން ވެސް ތަހުގީގު ކުރަނީ އެ މައުލޫމާތުތައް ބޭނުން ކޮށްފައިވަނީ ކޮން ކަމެއްގައިތޯ ބަލައި ޔަގީން ކުރުމަށެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށެވެ. އަދި ފޭސްބުކުން އެއްވެސް ގޮތަކަށް ގާނޫނުތަކާ ހިލާފުވެފައިވޭތޯ ވެސް ބަލާނެ އެވެ.