ދިހައެއް: މަހުޖަނު
ދިހައެއް: މަހުޖަނު

(ޖުލައި 18 ގައި ޖެހި ބަޔާ ގުޅޭ)

ފާތިރު ކުރަން އެ އުޅެނީ ކީއް ކަމެއް ޒަވީން އާއި ނާވިޝްއަކަށް ނޭނގުނެވެ. އޭނާގެ ރުޅިވަނީ އިންތިހާގަ އެވެ. ނާދިރާގެ ފޮޓޯ ފެންނަ ކޮންމެ ފަހަރަކު ފާތިރަށް ރުޅި ކޮންޓްރޯލެއް ނުކުރެވެ އެވެ. އިންޑިއާ އަށް ގޮސް ޒަވީން އާއި ނާވިޝް ކުރި ބުރަ މަސައްކަތުން ނާދިރާ ހޯދައި، ނެގި ފޮޓޯތައް ދެއްކި އެންމެ ފުރަތަމަ ދުވަހު ވެސް ފާތިރު ކޮންޓްރޯލް ކުރަން އުނދަގޫވި އެވެ. އޭނާ ބޭނުންވީ އިބްރާހިމް އަތުލެވިއްޖެ ނަމަ އެއްވެސް ސުވާލެއް ނުކޮށް، މަރާލާފައި ކަނޑު ފައްތާށެވެ. އެކަމަކު ދެ އެކުވެރިން އޭނާ އަށް ރަނގަޅަށް ވިސްނައިދިނެވެ. އިބްރާހިމްގެ ބޭނުން އެމީހުންނަށް އެއަށް ވުރެ މާ ބޮޑެވެ.

އަށާރަ އަހަރު ނުވާ ކުޑަ އަންހެންކުއްޖަކާ އެކު އިބްރާހިމް ލޯބީގެ ގުޅުމެއް ބާއްވަމުން އަންނަކަން ފާތިރުމެންނަށް އެނގުނީ، އިބްރާހިމް އޮފީހުގެ ރިސެޕްޝަނިސްޓެއްގެ ފަރާތުންނެވެ. ދެން އެ މީހުން ފާރަލީ އިރު، އެ ކުއްޖާ ރިސޯޓަށް ގެންދާކަން ވެސް އެނގުނެވެ.

ނާދިރާ ކުއްލިއަކަށް އިންޑިއާ އަށް ދިޔަކަމާއި އެއް އަހަރު ދުވަހުގެ ވިސާ ވެސް އިންޑިއަން ހައި ކޮމިޝަނުން، ކޮންމެވެސް ގޮތަކުން ހޯދިކަން، ފަހުން އެއްކުރި މައުލޫމާތުތަކުން ކަށަވަރުވި އެވެ. ދެން އެ މީހުން ފާރަލީ އިބްރާހިމަށެވެ. އޭނާ ބެންގަލޫރަށް ފުރިކަމާއި ބެންގަލޫރުން އޭނާ ދިޔައީ ސިންގަޕޫރަށް ކަން ވެސް އެނގުނެވެ. އެކަމަކު ސަންޖޭ އައީ މާލެ އަށެވެ.

އެއް ރޭ ސަންޖޭ ހުރީ އިބްރާހިމްގެ ގޭ ދޮރުމަތީގައި މޮބައިލް ފޯނުން ވާހަކަ ދައްކާށެވެ. އެތަނުން ދިޔަ ފިރިހެން ކުއްޖަކު ކުއްލިއަކަށް އޭނާގެ ފޯނު ޖަހައިގަނެގެން ދުއްވައިގަތެވެ. ސަންޖޭ ވެސް ފަހަތުން ދުވި އެވެ. އެކަމަކު އެ ކުއްޖާ ގޮސް ސައިކަލެއްގެ ފަހަތަށް އެރުމާ އެކު އޭނާ އަށް އަތުވާ ގޮތެއް ނުވި އެވެ.

އެ ފޯނު ހަމަ އެރޭ ނާވިޝްގެ އަތަށް އެރި އެވެ. އަދި ފޯނުގައި ހުރި ޝައްކުކުރެވޭ ބައެއް ނަންބަރުތަކާއި އެ ނަންބަރުތަކަށް ފޮނުވާފައި ހުރި މެސެޖްތައް، ދިރާސާކުރުމުގެ ބައި، އިންޑިއާގެ ސިއްރު އައިޓީ ތަޖުރިބާކާރަކާ ގުޅިގެން ފެށި އެވެ. އެއްވެސް ދިވެއްސަކާ ބެހޭ ޝަކުވާއެއް، ބެންގަލޫރުގެ އެއްވެސް ޕޮލިސް ސްޓޭޝަނަކަށް ކޮށްފައިވޭތޯ ބަލަން އިންޑިއާގެ އަމިއްލަ އިންވެސްޓިގޭޓަރަކާ ހަވާލުކުރި އެވެ. ނާދިރާގެ ނަމާއި، އޭނާ ކުއްޔަށް ހިފައިގެން އުޅުނު އެޕާޓްމަންޓަށް ކުލި ނުދައްކައި، ފިލި ކަމުގެ ރިޕޯޓެއް އެ މީހުންނަށް ލިބުނެވެ.

ޝައްކު އުފެދި، ކޮންމެވެސް ނުބައެއް ހިނގައިފިކަން ފާތިރުމެންނަށް ވިސްނުނެވެ. އިންޑިއާގެ ނަންބަރަކުން ސަންޖޭ އަށް ފޮނުވި އެއް މެސެޖްގައި ބެންގަލޫރުގެ ލިންގަރާޖަޕޫރަމް ބްރިޖް ކައިރީ ހުރި ފިހާރައެއްގެ ނަން އޮތެވެ. ޒަވީން އާއި ނާވިޝް އެ ފިހާރަ ހޯދި އެވެ. އެއީ މޮބައިލް މަރާމާތުކޮށްދޭ ވަރަށް ކުޑަކުޑަ ގޮޅިއެކެވެ. އެތަނަށް ވަދެ، މޭޒު ކައިރީގައި މަޑުކޮށްލި އިރު، އެކަކު އެތަނުގައި އިށީދެ އިނެވެ. އެއް ފަރާތުގައި ހުރި ކުޑަކުޑަ މޭޒެއްގައި، ދެ ވަނަ މީހާ ހޭބޯނާރާ އުޅުނީ މޮބައިލް ފޯނެއް ހެދުމުގެ މަސައްކަތުގަ އެވެ.

ޒަވީން އެހީ ރީލޯޑްކުރެވިދާނެތޯ އެވެ. އެހެން ބުނުމާ އެކު، އެކި އޮޕަރޭޓަރުންގެ އަގުތައް ޖަހާފައި އޮތް ކަރުދާސްގަނޑެއް ދިއްކޮށްލި އެވެ. ސަންޖޭގެ ފޯނުން ފެނުނު ނަންބަރަށް، ނާވިޝް، ނޭނގޭ ކަމަށް ހަދާފައި ގުޅާލި އެވެ. ކުއްލިއަކަށް، ހިންދީ ލަވައެއްގެ އަޑު އެތަނަށް ފެތުރުނެވެ. އެއީ ކުރިމަތީގައި އިން މީހާގެ ފޯނެއް ނޫނެވެ. ޒަވީން އާއި ނާވިޝްގެ ކަޅި ހުއްޓުނީ، ފޯނު ހަދަން އިން މީހާ އަށެވެ. މޭޒު މަތީގައި އޮތް އޭނާގެ ފޯނު ރިންގުވަމުން ދިޔަ އެވެ. ފޯނަށް ބަލާލައިފައި، ނުދަންނަ ނަންބަރަކަށް ވާތީ، ކުޑަކޮށް ވިސްނާލި އެވެ. ދެން ޖަވާބު ނުދީ ކަނޑާލި އެވެ.

ޒަވީން އަނެއް މީހާއާ ސުވާލުތައް ކުރަން ފެށީ އަގުތަކާ ބެހޭ ގޮތުންނެވެ. ނާވިޝް ދެ ވަނަ ފަހަރަށް އެ ނަންބަރަށް ގުޅާލި އެވެ. ހަމަ ގުޅާލުމާ އެކު ފޯނު ރިންގުވާން ފެށި އެވެ. ހިފަހައްޓައިގެން އިން ކުޑަކުޑަ ކަށިގަނޑު، މޭޒު މަތީގައި ބާއްވާފައި، އޭނާ ފޯނު ނެގި އެވެ. ދެން "ހަލޯ"އޭ ބުނެލި އެވެ.

އެއްޗެކޭ ނުބުނެ ނާވިޝް ފޯނު ކަނޑާލީ އެވެ. ހޯދަން އުޅުނު މީހާ އެ އިނީ އެ މީހުންގެ ކުރިމަތީގަ އެވެ. ކުޑަ މަތިމަހެއް ލާފައި ހުރި، އިސްކޮޅުން ދިގު، ހަން އަލި، ޒުވާނެކެވެ. ހަށިގަނޑު ފަލައެއް ނޫނެވެ.

"އޯކޭ، ތެންކް ޔޫ،" އޭ ބުނެ، ކަރުދާސްގަނޑު މޭޒު މަތީ ބޭއްވުމަށް ފަހު ޒަވީން އާއި ނާވިޝް އެތަނުން ނައްޓާލި އެވެ.

އެމީހާ އެ ފިހާރައިން ނުކުތީ، ރޭގަނޑު 10 ޖަހަން އުޅެނިކޮށެވެ. ތަންކޮޅެއް ދުރުގައި، ސައިކަލެއް ކައިރީ ޒަވީން އާއި ނާވިޝް ތިއްބެވެ. ދެ މީހުންގެ އަތުގައި ދެ ހެލްމެޓް އޮތެވެ. އެމީހާ ވެސް އެރީ ސައިކަލަކަށެވެ. އޭނާ ދުއްވާލުމުން، ފަހަތުން ޒަވީން އާއި ނާވިޝް ވެސް ނައްޓާލި އެވެ.

ގަޑި އިރަކަށް ވުރެ ގިނަ އިރު މަގުތަކުގައި ދުއްވި ފަހުން ވިލެޖެއް ކަހަލަ ހިސާބުގަނޑަކަށް ފޯރި އެވެ. ވަރަށް ފެންވަރު ދަށްކޮށް ތާރު އަޅާފައި އޮތް، އަޑިގުޑަންތަކުން ފުރިފައިވާ ގޯޅިގަނޑަކަށް އޭނާ އަނބުރާލި އެވެ. އާދައިގެ ޖިފުޓިތައް ދުރު ދުރުގައި، ގަސްތަކުގެ ތެރޭގައި ހުއްޓެވެ. ބައެއް ތަންތަނުން އަލިވެ އެވެ. އަނެއް ބައި ތަންތަން އަނދިރީގަ އެވެ.

އެމީހާގެ ސައިކަލް މަޑުކޮށްލީ، މަގުގެ އެއް ފަޅީގައި، ބޯ ގަސްތަކުގެ ތެރެއިން ކަނޑާފައި އޮތް ވަރަށް ކުޑަކުޑަ ގޯޅިގަނޑެއްގައި ހުރި ޖިފުޓިއެއްގެ ކުރިމައްޗަށެވެ. އޭނާ ސައިކަލް ބަހައްޓާފައި، ދޮރު ހުޅުވާލި އެވެ. ދެން ވަނެވެ.

ނަވީން އާއި ނާވިޝްގެ ސައިކަލް ބެހެއްޓީ ތަންކޮޅެއް ދުރުގަ އެވެ. ދެން ހިނގައިގަތެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. މުޅި ހިސާބުގަނޑު އޮތީ ނިދާފަ އެވެ.

މަޑުމަޑުން ގޮސް ދޮރު ކައިރިއަށް ޖެހިލައި އެއްވެސް އަޑެއް އިވޭތޯ ތިއްބެވެ. ދެ މީހުންނަށް ވެސް ރަނގަޅަށް ހިންދީ އެނގެ އެވެ. އެތެރެއިން ފިރިހެނަކު ވާހަކަ ދައްކަމުން ދިޔައީ ހިންދީ ބަހުންނެވެ. "މަންމާއޭ، ޑޮކްޓަރަށް ދައްކަން މާދަމާ ދާނަމޭ، ފިހާރައިގެ ބޮޑުމީހާ ކައިރީ ބުނެފީމޭ، ދެރަނުވާށޭ، ރަނގަޅުވާނޭ،" މިކަހަލަ ވާހަކަތަކެއް އިވެމުން ދިޔަ އެވެ.

ނަވީން އާއި ނާވިޝް އަށް ޔަގީންވީ ގޭގައި އުޅެނީ ދަރިފުޅާއި މަންމަ އެކަނި ކަމެވެ. ނާވިޝް ދޮރުގައި ބާރަށް ދެތިން ފަހަރަކު ޖަހާލި އެވެ. އިރުކޮޅަކުން ދޮރު ހުޅުވާލި އެވެ. އެއީ މޮބައިލް ހަދަން އިން ޒުވާނާ އެވެ. ނުދަން ބަޔަކަށް ވާތީ އޭނާ ހައިރާންވި އެވެ. އެކަމަކު އެ ވަގުތު ނާވިޝްގެ އަވަސް ހަރަކާތަކާ އެކު ދޫކޮށްލި ދެ އެތިފަހަރުން އެމީހާ ބިންމައްޗަށް ވެއްޓުނެވެ. ނަވީން އެތެރެ އިން ދޮރު ތަޅުލި އެވެ.

އޭނާގެ ފަހު ނަމަކީ ކުމާރެވެ. އޭނާއާ ސުވާލުތައް ކުރަން ފެށީ، ބަލި އެނދުގައި، ނުތެދުވެ އޮތް މުސްކުޅި މަންމަ ފެންނަ ގޮތަށް ބެހެއްޓި ގޮނޑީގައި ބައިންދައިގެންނެވެ. ވާހަކަ ނުދައްކައިފި ނަމަ މަންމަ މަރާލާނެކަމުގެ އިންޒާރު ދިނެވެ. ނާދިރާގެ ދެ ފޮޓޯގަނޑު ދައްކާ ދަންނަ ކުއްޖެއްތޯ އެތައް ފަހަރަކު ސުވާލުކުރަން ޖެހުނެވެ. އެންމެ ފަހުން އޭނާ އެއްބަސްވީ މަންމަގެ މޫނުމަތީގައި ބަލީސް އަޅަން އުޅޭކަން ޒަވީން ދެއްކި ހިސާބުންނެވެ. ވާހަކަ ނުދެއްކޭ، ނުތެދުވެވޭ އެ މަންމަ ކަޅި ވެސް ޖަހާނުލައި، އެ މީހުންނާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ.

ކުމާރަށް މަންމަ އަށް ވުރެ މުހިންމު މީހެއް މި ދުނިޔެއަކު ނެތެވެ. އެހެންކަމުން ކަން ވީ ގޮތް ކިޔައިދިނެވެ.

ނާދިރާ މަރާނުލާ ދޫކޮށްލީ ކުމާރުގެ ސަބަބުންނެވެ. މީގެ ކުރިން ފައިސާ ދިނުމުން ބައެއް މީހުން މަރާލުމުގައި އޭނާ ބައިވެރިވިޔަސް ނާދިރާއާ މެދު އުފެދުނީ ހަމްދަރުދީ އެވެ. އަނެއް ދެ މީހުންނަކީ ވަރަށް އަނިޔާވެރިކަން ބޮޑު، މާ ދުރު ހިސާބެއްގެ ބައެކެވެ. އެ ދެ މީހުން އުޅެނީ އެއް ސިޓީން އަނެއް ސިޓީ އަށް، ބައެއް ކަހަލަ މުދާ އުފުލުމުގަ އެވެ. އެ މީހުން ދުއްވަނީ ވަށައިގެން ބަންދުކޮށްފައި ހުރި ލޮރީއެކެވެ. ދިގު ދަތުރެއް ނަމަ އެ މީހުން ނިދަނީ ވެސް އޭގެ ތެރޭގަ އެވެ.

"އަހަރެން އާދޭސްކުރިން، ކަލޭމެންނަށް ލާރި ލިބިއްޖެއެއް ނޫންހޭ، މި ކުއްޖާ މަރާނުލާ ކޮންމެވެސް ގޮތެއް ހަދަން ހިނގާށޭ. ސަންޖޭއާ ރައްޓެހީ އަހަރެން. އެ މަސައްކަތް ހޯދައިދިނީ އަހަރެން. އެހެންވެ އަހަރެން ބުނިން ވީހާވެސް ދުރަކަށް ގެންގޮސް، އެސިޑް ޖަހާފައި، މަގުމައްޗަށް އެއްލައިލާށޭ. އެގޮތަށް ވިސްނުނީ ކީއްވެގެން ކަމެއް ނޭނގެ. އަހަރެން ހަމަ ދެރަވީ. ހިތް ބުނީ އެހާ ކުޑަކުއްޖަކު މަރާނުލާށޭ،" ކުމާރު ކިޔައިދިނެވެ.

އަނެއް ދެ މީހުން، އެ މީހުންގެ ލޮރީގައި ނާދިރާ ފޮރުވައިގެން ބެންގަލޫރު ދޫކޮށް ދަތުރު ފެށީ އެވެ. އެތައް ފަހަރަކު އެ ކުއްޖާ ރޭޕްކުރި އެވެ. ދެން އެ މީހުން އުޅޭ ވިލެޖް ކައިރީ އޮތް ސިޓީއެއްގެ ކުޑަ މަގަކަށް، ރޭގަނޑު ދަންވަރު، އެއްލައިލީ، މޫނަށާއި ގަޔަށް އެސިޑް ޖަހައިފަ އެވެ. ބަޔަކަށް ފެނިގެން ހޮސްޕިޓަލަށް ގެންދިޔައީ އެވެ. އަޅާލާނެ މީހަކު، އޭނާ ދަންނަ މީހަކު ނުފެނުނެވެ. ނާދިރާގެ ސިކުނޑިން ހުރިހާ ހަނދާންތަކެއް ބޭރުވެ، ގެއްލި ދިޔައީ އެވެ. އެންމެ ކުޑަމިނުން އޭނާގެ ނަމެއް ވެސް ހަނދާނަކު ނެތެވެ.

ހޮސްޕިޓަލުން އޭނާ ގެންގޮސް ލީ، ބުއްދިހަމަނުޖެހޭ މީހުން ބަލާ، ވަރަށް ފަގީރު މަރުކަޒަކަށެވެ. އެތަން ހޯދައި، ނާދިރާ ކައިރި އަށް ޒަވީން އާއި ނާވިޝް ޒިޔާރަތްކުރި އެވެ. އެ ކުއްޖާ އިން ގޮތް ފެނިފައި އެ ދެ މީހުންގެ ލޮލުން ކަރުނަ ހިލުނެވެ. ނާވިޝް، މަޑުމަޑުން، ނާދިރާއޭ އެތައް ފަހަރަކު ގޮވާލި އެވެ. ކަޅި ޖަހާނުލައި، ކުރިމައްޗަށް ބަލަހައްޓައިގެން އިން ނާދިރާ އަށް، އެ ގޮވާލުމުން އެއްވެސް އަސަރެއް ނުކުރި އެވެ. (ހަ ވަނަ ބައި، ބުރާސްފަތިދުވަހު)