ދެ އަޚުންގެ ބޯމައްޗަށް ވައްޓާލީ "ކަޅު ވިލާގަނޑެއް"، ދުއާއަކީ އިންސާފު ލިބުން: ފާއިޒް
ދެ އަޚުންގެ ބޯމައްޗަށް ވައްޓާލީ "ކަޅު ވިލާގަނޑެއް"، ދުއާއަކީ އިންސާފު ލިބުން: ފާއިޒް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އެއް ބޭފުޅަކަށް ވާނީ، އޭގެ ކުރިން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒް ހުސައިނެވެ. އިންތިގާލީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަން އަބްދުﷲ ކުރެއްވުމަށް ފަހު، ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު އުއްތަމަ ފަނޑިޔާރަކީ ފާއިޒެވެ. ފާއިޒް މަގާމުން ވަކި ކުރެއްވުމާ ހަމައަށް ދެ ބޭފުޅުން މަސައްކަތް ކުރެއްވީ އެކުގަ އެވެ.

އެ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރެއްވި ދުވަސްވަރު، ސުޕްރީމް ކޯޓުގައި ބޮޑެތި ދުސްތޫރީ މައްސަލަތައް ނިމިގެންދާއިރު ފާއިޒް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ރައުޔު އެއްގޮތް ވެފައި ހުރީ މަދު ފަހަރަކު އެވެ. ގިނަފަހަރު މައްސަލަ ނިމިގެންދަނީ ފާއިޒްގެ ރައުޔަށް އަޣުލަބިއްޔަތު ނުލިބި އެވެ.

ޑިސެމްބަރު، 2014 ގައި އުއްތަމަ ފަނޑިޔާރު ކަމުން ފާއިޒް ވަކި ކުރެއްވުމުން އެކަމާ މެދު އޭނާ ކަންބޮޑުވުން ފާޅު ކުރެއްވިޔަސް، އަބްދުﷲ ސައީދު އެ މަގާމަށް އައްޔަން ކުރެއްވި ކުރެވުމާ އެކު ފާއިޒް އޭރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި އެ ކޯޓުގައި ދެން ތިއްބެވި ފަނޑިޔާރުންނާ މެދު ވެސް އެއްވެސް އެއްޗެއް އޭރު ފާއިޒް ވިދާޅެއް ނުވެ އެވެ.

އެކަމަކު، ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރު ކުރުމާ އެކު، ފާއިޒް ވަނީ އެމަނިކުފާނުގެ އިހްސާސްތައް ފޭސްބުކްގައި އާންމު ކުރައްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ޝަރީއަތް ނިމެންދެން ބަންދުކުރި ޚަބަރާއެކު، ފާއިޒް ފޭސްބުކްގައި ލިޔުއްވާފައި ވަނީ މިއީ ހިތްދަތި ދުވަހެއް ކަމަށާއި އެ ޚަބަރު ވިދާޅުވާން ވެސް އެމަނިކުފާނަށް އެހާ ފަސޭހަ ނޫން ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ އާއި ފަނޑިޔާރު އަލީ ހަމީދަކީ އެކުގައި މަސައްކަތް ކުރެއްވި "އަޚުން" ކަމަށް ވިދާޅުވެ، ފާއިޒް ސިފަ ކުރައްވާފައިވަނީ އެއީ އެ ބޭފުޅުންގެ "ބޯ މައްޗަށް ވައްޓާލެވުނު ބޯ ކަޅު ވިލާގަނޑެއްގެ" ގޮތުގަ އެވެ.

ފާއިޒް ލިޔުއްވާފައިވާ ގޮތުން ނަމަ އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ އެކު ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވި ދުވަސްވަރު އޭނާ ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގެންނެވި އެވެ. ވަކި ބޭފުޅަކަށް އިޝާރާތް ކުރެއްވުމެއް ނެތި، ފާއިޒް ލިޔުއްވާފައިވަނީ ކޮންމެ ކަމެއްގައި ވެސް ޚިޔާލު ތަފާތުވާން ޖެހުނު ކަމަށާއި އެކަމަކު އޭނާ ހިތްވަރުކޮށް، މަސައްކަތް ކުރެއްވީ އަދުލުވެރި އިންސާފުވެރި ޝަރުއީ ނިޒާމެއް ގެނައުމަށް ކަމަށެވެ. އެކަމުގައި އޭރު ކުރިމަތިވީ ހުރަސް ކަމަށް ލިޔުއްވާފައިވެ އެވެ.

ނިންމަވާލައްވަމުން ފާއިޒް ލިޔުއްވާފައި ވަނީ އޭނާގެ ދުއާއަކީ އިންސާފުވެރި ޝަރީއަތެއް އެ ބޭފުޅުންނަށް މިންވަރު ކުރެއްވުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ އާއި އަލީ ހަމީދުގެ މައްްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ދިގު މުއްދަތުގެ ޖަލު ހުކުމް އައުމުގެ އިތުރަށް، އިސްތިއުނާފް މަރުހަލާ ނިމުމާ އެކު ފަނޑިޔާރުކަމުގެ މަގާމު އޮޓަމެޓިކުން ގެއްލޭނެ އެވެ.