އަފްގާން އަންހެނަކު ދަރިފުޅު އުނގަށްލައިގެން އިމްތިހާން ހަދައި އެތައް ބަޔަކު ސިއްސުވާލައިފި
އަފްގާން އަންހެނަކު ދަރިފުޅު އުނގަށްލައިގެން އިމްތިހާން ހަދައި އެތައް ބަޔަކު ސިއްސުވާލައިފި

ދަރިން ލިބުމަކީ ކިޔެވުން ހުއްޓާލަން ޖެހޭ ސަބަބެއް ނޫނެވެ. އަފްގާނިސްތާންގެ ޖަހާން ތާބް، 25، ސާބިތުކޮށް ދިނީ އެކަމެވެ. އަންގާރަ ދުވަހު އޭނާ އިމްތިހާން ހޯލުގައި އިނީ ދެ މަހުގެ ދަރިފުޅާއެކުގަ އެވެ. އިމްތިހާނު ހަދަން ޑެސްކްގައި އިންދައި ދަރިފުޅު ރޯން ފެށުމުން، ޖަހާން ވަނީ ބިންމަތީގައި ދެ ފައި ވަށްކޮށްލައިގެން އިށީނދެ، ތުއްތު ދަރިފުޅު އުނގަށްލައިގެން އިނދެ އިމްތިހާން ހަދައި އެތައް ބަޔަކު ހައިރާން ކޮށްލައިފަ އެވެ.

ޖަހާންގެ މި "ޖަޒުބާތީ" މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް ވަނީ ވައިރަލްވެފަ އެވެ. އަދި އެތައް ބަޔަކު އޭނާ ދެއްކި ހިތްވަރަށް ސާބާސް ދީފައިވެ އެވެ. މި ފޮޓޯތައް ނަގައި އާންމު ކުރީ އިމްތިހާން މޮނިޓަކުރަން ހުރި އަފްގާންގެ ދޭކުންޑި ޕްރޮވިންސްގެ ނިއްލީ ސިޓީގެ ނާސިރުހޯސްރޯ ހަޔާ އެޑިއުކޭޝަން އިސްޓިޓިއުޓްގެ ލެކްޗަރާ ޔަހްޔާ އިރްފާނެވެ. އޭނާ ވަނީ ދަރިފުޅާ އެކު، ޖަހާން އިމްތިހާނު ހެދި އިރު، އެ މަންޒަރު ވަރަށް ގާތުން ބަލައިފަ އެވެ.

"މިއީ ވަރަށް އާދަޔާހިލާފު ކަމެއް. ޖަހާން އެ ދެއްކި ހިތްވަރާ އެކު އޭނާގެ ކޮލީގުން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައި،" ޔަހްޔާ ސީއެންއެން އަށް ބުންޏެވެ. "އަހަރެން ބުނާނީ ކިޔަވަން ޝައުގުވެރިވާ އަންހެނުންނަށް ޖަހާން ދެއްކީ ނަމޫނާއެކޭ."

ޖަހާންގެ ތިން ކުދިން ތިބެ އެވެ. އޭނާގެ ފިރިމީހާއަކީ ވަރަށް ކުޑަކުޑަ އާމްދަނީއެއް ލިބޭ ދަނޑުވެރިއެކެވެ.

ފެކަލްޓީން ޖާގައެއް ހޯދަން އޮތް ޝައުގާއި ކިޔަވަން އޭނާގެ ހިތުގައި އޮތް ލޯބިން ޖަހާން ނިއްލީ ސިޓީ އަށް އިންތިހާން ހަދަން ދިޔައީ އުފަން ޕްރޮވިންސް ހޮޝްޓޯ އިން 8 ގަޑިއިރުގެ ދަތުރެއް ވެސް ކޮށްފަ އެވެ.

ދަރިން ގޮވައިގެން ވެސް، ކިޔަވަން ކުރި މަސައްކަތާ އެކު ޖަހާން ވަނީ ޔުނިވަސިޓީގެ ސޯޝަލް ސަައިންސް ފެކަލްޓީ އަށް ވަންނަން ހަދަން ޖެހޭ އިމްތިހާނުން ފާސްވެ، ޔުނިވަސިޓީގެ ފެކަލްޓީން ޖާގަ ވެސް ހޯދައިފަ އެވެ.

ފެކަލްޓީން ޖާގަ ލިބުނު ނަމަވެސް އާއިލާގެ މާލީ ތަނަވަސް ހުރި ގޮތުން ޖަހާން އަށް ޔުނިވަސިޓީގެ ފީ ވެސް ދެއްކޭނެހާ ފެންވަރެއް ނެތެވެ. އެތަނުގެ ފީއަށް މަހަކު 10،000-12،000 އަފްގާނީ ނުވަތަ (143-172 ޑޮލަރު) ދައްކަން ޖެހެ އެވެ.

އެހެންވެ ޖަހާން ދެއްކި ހިތްވަރުގެ ސަބަބުން، އަފްގާނިސްތާންގައި ހިންގާ އިނގިރޭސި ޖަމިއްޔާއެއް ކަމަށްވާ އަފްގާން ޔޫތު އެސޯސިއޭޝަނުން ވަނީ އޭނާ ކިޔަވަން ފައިސާ ހޯދައި ދިނުމަށް "ގޯފަންޑްމީ" ގައި ކެމްޕޭނެއް ވެސް ލޯންޗްކޮށްފަ އެވެ.

"މި ކެމްޕޭނުގެ އެންމެ ބޮޑު މަގުސަދަކީ ދަރިން ލިބުނަސް އަންހެނުންނަށް ކިޔަވައިގެން ކުރިއަށް ދެވިދާނެކަން ޖަހާން ސާބިތުކޮށް ދީފައިވާތީ އެ ކަހަލަ އަންހެނުންނަށް ކުރިއަށް ދާން ހިތްވަރު ދިނުން." ޔޫތު އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކި ޝޮކްރިޔާ މުހައްމަދު ސީއެންއެން އަށް ބުންޏެވެ.

ބައެއް އެހެން ފަރާތްތަކުން ވެސް މިހާރު އަންނަނީ ޖަހާން އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.