އާ ރަންވޭގެ ބިން ހިއްކަން މި މަހު ފަށަނީ، ހުޅުމާލެއަށް ވަންނަން އާ ނެރެއް
އާ ރަންވޭގެ ބިން ހިއްކަން މި މަހު ފަށަނީ، ހުޅުމާލެއަށް ވަންނަން އާ ނެރެއް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ އާ ރަންވޭ ހެދުމަށް ބިން ހިއްކަން ފަށަން އަންނަ ހަފުތާގައި ފަށާ ގޮތަށް ހަމަޖައްސައި، އެ މަސައްކަތްކުރާއިރު ދަތުރުވެރިންގެ ރައްކަލަކަށް ހުޅުމާލެއަށް އުޅަނދުފަހަރު ވަނުމަށް އާ ނެރެއް ކަނޑަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފަށައިފި އެވެ.

އެއާޕޯޓްގެ އާ ރަންވޭ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ހިއްކަން އަންނަ ހޯމަ ދުވަހު ފެށުމަށް އެމްއޭސީއެލް އިން އަންނަނީ ތައްޔާރުވަމުންނެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އިއްޔެ ވިދާޅުވީ ހުޅުމާލެއަށް ވަނުމަށް މިހާރު ބޭނުންކުރަމުން އަންނަ ނެރުގެ ބަދަލުގައި އަލަށް ކަނޑާ ނެރުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

"އާ ނެރު ބޭނުންކުރަން ފެށުމުން ފެރީގެ ދަތުރަށް މާބޮޑު ބަދަލެއް ނާންނާނެ. އަދި މިހާރު ބޭނުންކުރަމުން އަންނަ ނެރު ބޭނުންކުރުން ހުއްޓާލަން ޖެހެނީ އެތަނާ ޖެހިގެން އާ ރަންވޭ ހިއްކަން ޖެހޭތީ ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުގައި އާ ރަންވޭ ހެދުމަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާ ޑްރެޖަރެއް އެ މަސައްކަތުގެ ކޮންޓްރެކްޓަރު ޗައިނާގެ ބީޔޫސީޖީން ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި އިތުރު ޑްރެޖަރެއް ވެސް ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ ހިއްކުމުގެ މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް. އަދި މުޅި ޕްރޮޖެކް 2018 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ،" އާދިލް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 373 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން އެއާޕޯޓްގެ ދެވަނަ ރަންވޭގެ މަޝްރޫއުގައި ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި އެ މަޝްރޫއުގެ ދަށުން 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލްފާމެއް ހެދުން ވެސް ހިމެނެ އެވެ.