21 މާޗް 2018 - 19:24

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ރިޝްވަތުގެ ދައުވާ އުފުލާފައިވާ ހަސަން ސައީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މިރޭ އަމުރުކުރީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުންނެވެ. ރިިޝްވަތުގެ ދައުވާގެ އިތުރުން ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން ހަސަންގެ މައްޗަށް ކުރެ އެވެ.
ހަސަން ދިރިއުޅޭ ގެ ފާސް ކުރިއިރު އޭނާ ނިދާ ގޮދަޑި ދަށުން 350،000ރ. އާއި 3،300 ޑޮލަރު ފެނިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި އޭނާގެ ކޮޓަރިން ފެނުނު ދަބަހަކުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރާއްޖެއިން ބޭރުން ގަނެފައިވާ މުދާތަކަށް ވިލާ ކުންފުނިން 2.4 މިލިއަން ޑޮލަރު ދައްކާފައިވާ ކަން އެނގޭ ލިޔުމެއް ވެސް ފެނިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ހަސަން ޝަރީއަތް ނިމެންދެން ބަންދު ކުރިއިރު ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ ބޭފުޅުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.