ވަކީލުންނާ ގުޅޭގޮތުން ދޮގު ވާހަކަތައް ދައްކާ ނަމަ ފިޔަވަޅު އަޅާނަން: ޕީޖީ އޮފީސް
ވަކީލުންނާ ގުޅޭގޮތުން ދޮގު ވާހަކަތައް ދައްކާ ނަމަ ފިޔަވަޅު އަޅާނަން: ޕީޖީ އޮފީސް

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާ ބެހޭގޮތުން ހަގީގަތާ ޚިލާފް ވާހަކަތައް ނުފެތުރުމަށާއި އެކަން ތަކުރާރު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ދީފި އެވެ.

ޕީޖީ އޮޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ އޮފީހުގެ ފަރާތުން ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުންނަކީ ކަނޑައެޅޭ ވަކި އުސޫލަކުން މައްސަލަތައް ހަވާލު ކުރުމުން ވަކާލާތު ކުރާ ވަކީލުން ކަމަށާއި އެ ވަކީލުން ކޯޓުތަކުގައި ދައްކާ ވާހަކަތަކަކީ އެ ވަކީލުން އަމިއްލަ ހައިސިއްޔަތުން ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.

އެކަމަކު ވަކިވަކި މައްސަލަތަކުގައި ކޯޓުތަކަށް ދާ އެ އޮފީހުގެ ވަކީލުންނާއި އެ އޮފީހުގެ މުވައްޒަފުންނާ ބެހޭގޮތުން ހަގީގަތާ ޚިލާފް ވާހަކަތައް އެކި ފަރާތްތަކުން ފަތުރަމުންދާ ކަމަށާއި އެފަދަ ކަންކަން ނުކުރަން އިލްތިމާސް ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ކަންކަން ތަކުރާރު ކުރާ ނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމަނީ ތަހުގީގީ އިދާރާތަކުން ފޮނުވާ މައްސަލަތަކުގައި ލިބިފައި ހުރި ހެކިތަކަށް ބިނާކޮށް، ކަމާ ގުޅޭ ގާނޫނުތަކަށް ރިއާޔަތްކޮށް ކަމަށް އެ ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން އެގޮތަށް ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ގިނަ ބޭފުޅުންތަކެއްގެ މައްޗަށް ދައުވާ އުފުލާފައިވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އެކަމަށް އަމާޒުވެފައި ވަނިކޮށެވެ.