22 މާޗް 2018 - 09:18

ފާއިތުވި ތިން ސީޒަނަށް ބަލާއިރު އެންމެ އުއްމީދީ ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ މާޒިޔާގެ މިޑްފީލްޑަރު ނާއިޒު ހަސަން (ދާދު) އެވެ. ޓީސީން 2015 ވަނަ އަހަރުން ފުރަތަމަ ޑިވިޝަަނަށް ތައާރަފްވުމަށް ފަހު ދާދު އައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެން ނަމަވެސް ގައުމީ ޓީމުގެ އާ ކޯޗު ޕީޓާ ސެގާޓްގެ ނެގި ފުރަތަމަ ސްކޮޑުން ދާދު އަށް ފުރުސަތު ނުލިބެ އެވެ.
ސާފް ސުޒުކީ ކަޕްގައި 2015 ވަނަ އަހަރު ބަންގްލަދޭޝް ކޮޅަށް ޖެހި މޮޅު ގޯލުން ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ތައާރަފްވި ދާދު "މިހާރަ"ށް ބުނީ މި ފަހަރު ޓީމުން ޖާގަ ނުލިބުނީ މާޒިޔާ އަށް ބަދަލުވުމަށް ފަހު އަދި އެންމެ ރަނގަޅު ކުޅުން ނުދެއްކޭތީ ކަމަށް ވެދާނެ ކަމަށެވެ.
"އިންޖަރީއެއް ނޫން. މި ފަހަރު (މާޒިޔާގައި) އަދި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެނީ ކަމަށް ވެދާނެ. އަދި ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ،" ދ. ރިނބުދޫ އަށް އުފަން ދާދު ބުންޏެވެ.
މާޒިޔާ އަށް މިހާތަނަށް ދާދު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކުޅުނުއިރު އޭނާ ހުރީ އެ ވަގުތު ބަލި ހާލަތު ހުރި ގޮތުން މުޅިން ފިޓްކޮށެއް ނޫނެވެ. އެހެން ކަމުން އެ ދެ މެޗުގައި އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެކަމަކު މާޒިޔާ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ.
ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޮމާނާއި ފަލަސްތީން ކޮޅަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ދާދު އެވެ. އެފްއޭއެމް އާއި މޯލްޑިވްސް ފުޓްބޯލް ގުޅިގެންދޭ އެވޯޑްގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި ދާދު އަށް މި ފަހަރު ފުރުސަތު ނުލިބުނަސް މިއީ އޭނާގެ ނަޒަރުގައި ވެއްޓުމެއް ނޫނެވެ.
"މިއީ މާޔޫސްވާން ޖެހޭ ކަމެއް ނޫން. މިއީ އަސްލު ލިބޭ އިތުރު ހިތްވަރެއް،" ދާދު ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނީ މި ފަހަރު ސްކޮޑު ނުހިމެނޭ ބައެއް ކުޅުންތެރިންނާ އޭނާ ވާހަކަ ދެއްކި ކަމަށެވެ.
"އަހަރެން ވާހަކަ ދެއްކިން އާރިފް (ބަކާ) އާއި ހަސަން ނާއިޒުއާ. އަހަރެން ބުނިން އަހަރެން އަދިވެސް ފުރުސަތު ދޭނަމޭ. އެމީހުންނަކީ ބޫޓާން މެޗަށް ހުރި އޮޕްޝަންތަކެއް. މި ވަގުތު އަހަންނަށް ހުރިހާ ކުޅުންތެރިން ނޭގިދާނެ. އެކަމު ކުރިއަށް އޮތްތާގައި އަހަރެންނަށް ބަދަލުތައް ގެނެވޭނެ،" ސެގާޓް ބުންޏެވެ.
ގައުމީ ޓީމުން މި ފަހަރު ނެގި ސްކޮޑުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނައިފަ އެވެ. އެއީ މުސްތަގުބަލަށް ބަލާއިރު ރަނގަޅު ނިންމުމެކެވެ. އެކަމު ހަތަރު މެޗުގެ ކުޅުމަށް ބަލާފައި ގައުމީ ޓީމު ތަކުން ލިބޭ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާ އެއް ކުޅުންތެރިޔަކު ކަމަށްވާ ދާދު ނުނެގުމަކީ ރަނގަޅު ނިންމުމެއްތޯ ސުވާލު އުފެދެ އެވެ.
ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ފަހު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.