ޖެކްލީން ކުޅުނު "އޭކް ދޯ ތީން" ލަވައިގެ މައްސަލަ ކޯޓަށް ވައްދަނީ
ޖެކްލީން ކުޅުނު "އޭކް ދޯ ތީން" ލަވައިގެ މައްސަލަ ކޯޓަށް ވައްދަނީ

މި މަހުގެ 30 ގައި ރިލީޒް ކުރާ ފިލްމް "ބާގީ 2" ގައި ހިމެނޭ އައިޓަމް ލަވަ "އޭކް ދޯ ތީން" ގެ މައްސަލާގައި އެ ލަވައިގެ އޮރިޖިނަލް ހިމެނޭ ފިލްމް "ތޭޒާބް" ގެ ޑައިރެކްޓަރު އެން ޗަންދްރާ އާއި އޮރިޖިނަލް ލަވައިގެ ކޮރިއޯގްރަފީ ހެދި ސަރޯޖް ހާން "ބާގީ 2" ގެ ޓީމާ ދެކޮޅަށް ދައުވާކުރަން ނިންމައިފި އެވެ.

ޖެކްލީން ކުޅުނު "އޭކް ދޯ ތީން" ލަވައިގެ މައްސަލަ ކޯޓަށް ވައްދަނީ
ޖެކްލީން ކުޅުނު "އޭކް ދޯ ތީން" ލަވައިގެ މައްސަލަ ކޯޓަށް ވައްދަނީ

ބޮލީވުޑްގެ އެންމެ ކުޅަދާނަ އަންހެން ނެށުންތެރިންގެ ތެރޭގައި ހިމެނޭ މަދޫރީ ޑިކްސިޓްގެ ފަރި ހަރަކާތްތައް ފެނިގެންދާ "އޭކް ދޯ ތީން" އަކީ 1988 ގައި ނެރުނު ފިލްމް "ތޭޒާބް" ގެ ލަވައެކެވެ.

"އޭކް ދޯ ތީން" ލަވައިގެ ފަހުގެ ވާޝަން ކުޅެފައި ވަނީ ޖެކްލީން ފެނާންޑޭޒެވެ. ލަވައިގެ ކޮރިއޯ ހެދި ގަނޭޝް އަޗަރިއާ އެވެ. އަދި ކުރިން އަލްކާ ޔަގްނިކް ކިޔާފައިވާ ލަވަ، ފަހުން ކިޔާފައި ވަނީ ޝްރެޔާ ގޯޝަލް އެވެ.

އެ ލަވަޔާ ބެހޭ ގޮތުން ޗަންދްރާ ބުނީ "އޭކް ދޯ ތީން" ގެ ފަހުގެ ވާޝަނެއް ނެރެގެން އުޅޭކަން އެނގުނީ ވެސް ސަރޯޖް ފަރާތުންނެވެ.

"އޭނަ އެހެން ބުނީމަ އަހަރެން ލަވަ ބަލައިލިން. މުޅި ލަަވަ އެ އޮތީ ހަރާބުކޮށްލާފައި. އަނެއްކާ ހުއްދަ ވެސް ނުހޯދައި ލަވަ ބޭނުންކޮށްފައި އެ އޮތީ،" އޭނާ ބުންޏެވެ. "އެހެންވެ ބާގީ ދޭއްގެ ޓީމް ގޮވައިގެން ކޯޓަށް ދާނަން. ސަރޯޖް ވެސް ބޭނުންވޭ މި މައްސަލާގައި ކޯޓަށް ދާން."

ޗަންދްރާ ބުނި ގޮތުގައި ބޮލީވުޑްގައި ޑާންސިން ލެޖެންޑެއްގެ ގޮތުގައި ލޭބަލް ކުރެވޭ މަދޫރީ ކުޅުނު ލަވައެއް، ސްރީ ލަންކާ އަށް އުފަން ބަތަލާ ޖެކްލީން ލައްވައި ކުޅުވައި، މުޅި ލަވައިގެ ދުވަސް އޮތީ ދުއްވާލައިފަ އެވެ. އޭނާ މިކަން ސިފަ ކުރީ "ސެންޓްރަލް ޕާކެއް ބޮޓެނިކަލް ޕާކަކަށް ބަދަލު ކުރުން" ކަހަލަ ކަމެއްގެ ގޮތުގަ އެވެ.

"އޭކް ދޯ ތީން" ގެ ފަހުގެ ލަވަ ދައްކައިލުމާ އެކު، ވަރަށް ގިނަ މީހުން ވެސް ވަނީ ލަވަ އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށް ބުނެފަ އެވެ. އަދި އާ ލަވައަކީ ކުރީގެ ލަވައަށް އެރުވި "ހުތުރެއް" ގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.

އަހުމަދު ހާން ޑައިރެކްޓްކޮށްފައިވާ "ބާގީ 2" ގެ ލީޑް ރޯލް ކުޅެފައި ވަނީ ޓައިގާ ޝްރޮފާއި އޭނާގެ ލޯބިވެރިޔާ ޑިޝާ ޕަޓްނީ އެވެ.