21 މާޗް 2018 - 15:04

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކޮށްފައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންތަކެއް މިއަދު ދޫކޮށްލައިފި އެވެ.
ދޫކޮށްލި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ގައުމީ މަޖިލީހުގެ މެމްބަރުން ކަމަށްވާ އަހްމަދު ޝާހިދު (ސާބެ) އާއި އިލްޔާސް ލަބީބް އާއި ހަސަން އަހުމަދު (ހަސަންޓޭ) އާއި ވިޔަފާރިވެރިޔާ އަބްދުލްމާޖިދު (ލެކިއުޓް މާޖިދު) ހިމެނެ އެވެ. އޭގެ އިތުރުން މުހައްމަދު ވަހީދު (ވައްޑެ) އާއި އެކްޓިވިސްޓް ހަސަން އިލްހާމް ވެސް ވަނީ ދޫކޮށްލައިފަ އެވެ.
މީގެ ތެރެއިން ގިނަ ބޭފުޅުން ހައްޔަރުކުރީ މާލެ ތެރޭގައި ހަމަނުޖެހުން ހިންގައި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.
ބަންދުގައި ތިއްބެވި ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހު އެކެއްގައި ކުރި ހުކުމާ ގުޅިގެން، އެސްއޯއީ އިއުލާންކޮށް، ހައްޔަރުކުރި މީހުންގެ ސައްހަ އަދަދެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އާއްމެއް ނުކުރެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަލާމަތީ ބާރުތަކުގެ މީހުން ހިމެނޭ ގޮތަށް އެ އަދަދު 60 އަށް ވުރެ މަތިވާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ލަފާކުރެ އެވެ.
އެސްއޯއީގެ ދަށުން ކޯޓު އަމުރަކާ ނުލައި ގިނަ ބަޔަކު ބަންދުކޮށްފައި ތިބިއިރު، އެ ހާލަތު އުވާލާތާ 24 ގަޑިއިރުގެ ތެރޭގައި އެ މީހުން ކޯޓަށް ހާޒިރުކުރަން ޖެހެ އެވެ. މި އުސޫލުން ކަންކުރަން ޖެހޭތީވެ، ފުލުހުން އަންނަނީ ބައެއް މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރަމުންނެވެ.
ފުރަތަމަ އިއުލާންކުރި 15 ދުވަހަކާ އެކު ޖުމްލަ 45 ދުވަހަށް ދިގުދެންމި އެސްއޯއީ ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ ހަމަވާނެ އެވެ.