21 މާޗް 2018 - 14:06

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް އީގަލްސްގައި ކުރިން މަސައްކަތްކުރި އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައިފި އެވެ.
އެފްއޭއެމުން ބުނީ ގައުމީ ޓީމުގެ އާ ކޯޗު ޖަރުމަނުގެ ޕީޓާ ސެގާޓުގެ އެހީތެރިޔަކަށް ޝާކިއްޓެ ހަމަޖެއްސީ ހުކުރު ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އަންގާރަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ.
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރިން ހުރި އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ މިދިޔަ އަހަރު އިސްތިއުފާ ދީފަ އެވެ. އޭގެ ފަހުން ފަލަސްތީނާ ދެކޮޅަށް ރަށުން ބޭރުގައި ރާއްޖެ ކުޅުނު މެޗަށް ނުކުތީ އެސިސްޓަންޓް ކޯޗެއް ނެތި އެވެ. އިންމަ މިހާރު މަސައްކަތްކުރަނީ މާޒިޔާގަ އެވެ.
ޝާކިއްޓެ ވަނީ ގިނަ ދުވަސްތަކެއް ވަންދެއް އީގަލްސްގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އަދި އީގަލްސްގެ ޔޫތު ޓީމުގެ ހެޑްކޯޗުކަންކޮށް އެ ޓީމަށް ޔޫތު ފުޓްބޯޅަ މުބާރާތުގެ ތަށި ޖެހިޖެހިގެން ތިން އަހަރު ހޯދައިދިނެވެ.
އޭނާ 17 އަހަރަށް ފަހު އީގަލްސް ދޫކޮށްލުމަށް މި އަހަރުގެ ކުރީކޮޅު ވަނީ އެފްއޭއެމާ ގުޅިފަ އެވެ. އެ އެސޯސިއޭޝަނުގައި އޭނާ ރަސްމީކޮށް ކުރަމުން އައީ ޔޫތު ކޯޗެއްގެ މަސައްކަތެވެ. އެގޮތުން 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމުގެ އިތުރުން އެލީޓް ޓީމުތަކަށް އޭނާ ކޯޗުކޮށްދޭ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
ނިއު ރޭޑިއަންޓާއި ވެލެންސިއާ އަށް ވެސް ކުޅެފައިވާ ޝާކިއްޓެ މަޝްހޫރުވެފައިވަނީ އީގަލްސްގެ އޮރެންޖު ޖާޒީގަ އެވެ. އެގޮތުން އޭނާ އެ ކްލަބަށް 10 އަހަރު ކުޅެދިނެވެ.
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހީނާ އަހުމަދު ސަލީމާއި އިހުސާން އަބްދުލްގަނީ (ސާންތީ) އާއި މުހައްމަދު ޝިޔާޒް (މޯހަން) އާއި އަލީ ސުޒޭނާއި މޫސާމަނިކު (ކުޑަމޫސަ) އާއި އަހުމަދު އާތިފާއި އަހުމަދު މުޖުތަބާ (ފެސްކޯ) އާއި އަލީ ނާޝިދު (އޮގަރު އައްޔަ) އާއި އިންމަ އަދި އައްސަދު އަބްދުލްގަނީ ހިމެނެ އެވެ. މީގެ ތެރެއިން އެންމެ ގިނަ ދުވަހު މަސައްކަތްކުރީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެ މަގާމުގައި ތިބި ސާންތީ އާއި މޯހަން އެވެ.