21 މާޗް 2018 - 16:23

ލަންޑަން (މާޗް 21) - ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ ޕާސަނަލް ޑޭޓާ ކެމްބްރިޖް އެނަލިޓިކާ ކިޔާ ކުންފުންޏަކުން ބޭނުންކުރި ގޮތެއް ސާފު ކުރުމަށް ފޭސްބުކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު މާކް ޒުކަބާގް އިނގިރޭސި ޕާލަމެންޓުގެ ކޮމިޓީއަކަށް ހާޒިރު ކުރަން ބައެއް މެމްބަރުން އެދިއްޖެ އެވެ.
ފޭސްބުކުން އެތައް މިލިއަން ބައެއްގެ ޑޭޓާ ބޭނުންކޮށްގެން އިނގިރޭސި ވިލާތުގެ ޕޮލިޓިކަލް ކޮންޒަލްޓިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެމްބްރިޖް އެނަލިޓިކާ އިން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނަށް އެހީވިކަމުގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ފޭސްބުކް މެދުވެރިިކޮށް ބޮޑަށް ހޯދާފައި ވަނީ އެމެރިކާ މީހުންގެ މައުލޫމާތެވެ. އެ މައުލޫމާތު ވަނީ ޓްރަމްޕަށް ފަހިވާ ގޮތަށް މީހުންނަށް ސައިކޮލޮޖިކަލް ނުފޫޒު ފޯރުވަން ބޭނުންކޮށްފަ އެވެ. ކެމްބްރިޖް އެނަލިޓިކާ އާއި ކެމްބްރިޖް ޔުނިވާސިޓީއާ އެއްވެސް ގުޅުމެއް ނެތެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕަށް ޑިޖިޓަލް ކެމްޕޭން ހިންގައިދިން ކަމަށް އިއްޔެ ސަސްޕެންޑްކުރި ކެމްބްރިޖް އެނަލިޓިކާގެ ޗީފް އެގްޒެކެޓިވް އެލެގްޒެންޑާ ނިކްސް ވިދާޅުވި ކަމަށް ޗެނަލް 4 ގެ ތަހުގީގެއްގައި ވަނީ ހާމަކޮށްފަ އެވެ.
އެމެރިކާގެ ސެނެޓަރުން ވެސް ވަނީ ފޭސްބުކް ބޭނުންކުރާ މީހުންގެ އަމިއްލަ މައުލޫމާތު ރައްކާތެރި ކުރާ ގޮތް ކޮންގްރެސް އަށް ޒުކަބާގް ހާމަކޮށްދިނުމަށް ގޮވާލައިފަ އެވެ. ޔޫރަޕިއަން ޕާލަމެންޓުން ވެސް ވަނީ ޔޫޒަރުންގެ އަމިއްލަ ޑޭޓާގެ ނާޖާއިޒް ފައިދާ ހޯދާފައިވޭތޯ ބަލާނެ ކަމަށް ބުނެފަ އެވެ.
ކޮންޒިއުމަރުން ހިމާޔަތްކޮށްދޭ އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން ވަނީ ފޭސްބުކުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. ބޮޑެތި ޖޫރިމަނާތައްް ކުރުމުގެ ބާރު ޓްރޭޑް ކޮމިޝަނަށް ލިބިގެންވެ އެވެ.