22 މާޗް 2018 - 06:37

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތުގެ ހުއްދަ ނެތި އޭނާގެ ބައޮގްރީއެއް ލިޔުންތެރިޔާ ޔާސިރު އުސްމާނާ ލިޔެފައިވާތީ އެކަމާ ދެކޮޅަށް ދައުވާކުރަން ސަންޖޭ ނިންމައިފި އެވެ.
އުމުރުން 58 އަހަރުގެ އެކްޓަރު ކުރި ޓްވީޓެއްގައި ބުނީ "ބޮލީވުޑްސް އޮރިޖިނަލް ބޭޑް ބޯއި: ސަންޖޭ ދަތުސް ލައިފް އަންސެންސާޑް" ގެ ނަމުގައި ބައޮގްރަފީއެއް ލިޔަން ޔާސިރު ކިޔާ މީހަކަށާއި ޖުގަނާތު ބުކްސް ކިޔާ ޕަބްލިކޭޝަން ހައުސްއަކަށް ވެސް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އެހެންވެ އެކަން ކުރި މީހުންނާ ދެކޮޅަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގާނޫނީ ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ސަންޖޭ ބުންޏެވެ.
ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސުނިލް ދަތާއި ނަރްގިސްގެ ހަމައެކަނި ފިރިހެން ދަރިފުޅު ބުނީ އޭނާގެ ރަސްމީ ބައޮގްރަފީ ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ. އަދި ހަޔާތުގެ ތެދު ހަގީގީ ވާހަކަތައް އޭގައި ހިއްސާކޮށްފައި ހުންނާނެ ކަމަށް ބުންޏެވެ.
މިކަމާ ގުޅިގެން ޖުގަނާތުން ވަނީ ފޭސްބުކްގައި ސަންޖޭގެ ފަރާތުން މައާފަށް ވެސް އެދިފަ އެވެ. އެކަމަކު އެތަނުން ބުނީ އެވޯޑް ހޯދާފައިވާ ލިޔުންތެރިޔާ ޔާސިރު ސަންޖޭގެ ބައޮގްރަފީ ލިޔުނީ ސަންޖޭގެ ހަޔާތާ ބެހޭ ގޮތުން ގިނަ ދިރާސާތަކެއް ކުރުމަށް ފަހު ކަމަށެވެ. އަދި އެ ފޮތް ލިޔަން ސަންޖޭގެ އެންމެ ގާތް މީހުންގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު މަހޭޝް ބަޓްގެ ފަރާތުން ވެސް ވަރަށް ގިނަ މައުލޫމާތުތައް ހޯދާފައިވާ ކަމަށާއި އިތުރު މައުލޫމާތުތައް ހޯދި މަސްދަރުތައް ހާމަކޮށްފައި ހުންނާނެ ކަމަށް ވެސް ކަމަށް ޖުގަނާތުން ބުންޏެވެ.
ނަމަވެސް އެ މީހުންގެ ފޮތާ ދޭތެރޭ ސަންޖޭ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާތީ، ބައޮގްރަފިއާ ގުޅުން ހުރި އެއްވެސް ކަމެއް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ބުންޏެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު، އަލުން ބޮލީވުޑަށް ނުކުމެ މިހާރު ފިލްމް ވެސް ކުޅެން ފަށާފައިވާ ސަންޖޭގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ފިލްމެއް މިހާރު ސިނަމާ އަށް ވެސް އަންނާނެ އެވެ.
ސަންޖޭގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި "މުންނާބާއީ" ސީރީޒްގެ ފިލްމްތައް ގެނެސްދޭ ރާޖްކުމާރް ހިރާނީ ޑައިރެކްޓްކޮށްފައިވާ ފިލްމްގައި ސަންޖޭގެ ރޯލް ކުޅެފައި ވަނީ ރަންބީރު ކަޕޫރެވެ.
އަދި ވަކި ނަމެއް ރަސްމީކޮށް އިއުލާންކޮށްފައި ނުވާ ފިލްމް ސިނަމާތަކަށް އަންނާނީ ޖޫން 29 ގަ އެވެ.