21 މާޗް 2018 - 16:13

ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ، ހުސެން ރަޝީދު (ސެންޑީ) އަށް ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު އާ މަންޒަރުތަކަކުން މިވަނީ ބޮޑު ހައިރާންކަމެއް ފެނިފަ އެވެ. އޭނާގެ 36 އަހަރުގެ ޑައިވިން ހަޔާތުގައި އެފަދަ މަންޒަރުތަކެއް އޭގެ ކުރިން ފެނިފައެއް ނުވެ އެވެ.

މީގެ ތިން އަހަރު ކުރިން ފެށިގެން މޫދު ވިނައާ ބެހޭ ދިރާސާއެއް ކުރަމުން އަންނަ ސެންޑީއަށް މިހާތަނަށް 40 ވައްތަރުގެ މޫދު ވިނަ ފެނިފައިވެ އެވެ. އޭނާ އަންނަނީ މޫދު ވިނަ ބޭނުންކުރެވޭނެ އެކި ގޮތްތައް ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ.

އެ މަސައްކަތުގައި މި މަހު ކުރީކޮޅު ކުރި ޑައިވަކުން އޭނާއަށް ފެނުނު އާ މަންޒަރަކީ މޭބިސްކަދުރު ވެލެއް ގޮތަށް ހެދޭ ގިނަ އަދަދެއްގެ މޫދު ވިނަ އެވެ. "ސީ ގްރޭޕްސް"ގެ ގޮތުގައި މަޝްހޫރު އެ ވިނަ ފެނުނީ ބ. ފުޅަދޫ އުތުރު ފަރާތު ބޭރަށް ފީނަނިކޮށް ހިރިތަކެއްގެ މަތީގައި ހެދިފައި ހުއްޓަ އެވެ. ކުދި މޭބިސްކަދުރުތަކެއް ހެން ހުންނަ އެ ވިނަގަނޑު އޮތީ ބޮޑު ސަރަހައްދަކަށް ފެތުރިފަ އެވެ. ފުޅަދޫ ބޭރުން، ހައެއްކަ މީޓަރު އަޑީގައި އޮތީ މުޅިން ވެސް އެވިނަ އެވެ.

ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓަރު (ޕެޑީ)ގެ ކޯސް ޑައިރެކްޓަރުގެ ހައިސިއްޔަތު ވެސް އޮންނަ ތަޖުރިބާކާރު ޑައިވަރު ބުނީ އެ މަންޒަރު ފެނިފައި އޭނާ ހައިރާންވި ކަމަށެވެ.
"މޫދު ކައިރިއަށް ލައްގާފައި ހުއްޓާ [ދުށިން] އޭގެ ވިނަ. އައްޑޫ ހިސާބުން ވެސް ފެނޭ. އެކަމަކު ދުވަހަކު ވެސް ނުދެކެން މި ގޮތަށް ހެދިފައި ހުއްޓައެއް،" އުމުރުން އެންމެ އަށް އަހަރުން ފެށިގެން ފީނުމުގައި ހަރަކާތްތެރިވަމުން އަންނަ ސެންޑީ ބުންޏެވެ.
"އަނެއްކާ އެ ސަރަހައްދުގެ މުރަކަތަކުގައި ވެސް ދިރުން ހުރި."
މޫދުގައި "ސީ ގްރޭޕްސް" ހެދިފައި ހުއްޓާ ފެނުނު އެހެން މީހަކާ ވެސް އޭނާއަށް ބައްދަލުވެވިފައެއް ނުވެ އެވެ.
އެކަމަކު އެ ބާވަތުގެ މޫދު ވިނަ އަކީ ޕިލިޕީންސް ފަދަ ގައުމުތަކުގައި ކާން ވެސް ބޭނުންކުރާ އެއްޗެކެވެ. ހާއްސަކޮށް ތައިރޮއިޑް މައްސަލަ ހުންނަ މީހުން ފަރުވާއެއްގެ ގޮތުގައި އެ ވިނަ ކައި އުޅެ އެވެ.
ރާއްޖޭގެ ކަނޑު އަޑިން އެކި ވައްތަރުގެ މުރަކަ ސެންޑީ އަށް ގައިމުވެސް ފެނިފައި ހުންނާނެ އެވެ. އެކަމަކު ފުޅަދޫ އެ ސަރަހައްދުން ދެން ވެސް އޭނާގެ ލޮލުގައި އަޅައިގަތީ އަންތަރީސް ކޮށްލި ހިތްގައިމުކަމެކެވެ: މާތަކެއްހެން ފޮޅިފައި ހުރި މުރަކައިގެ ބަގީޗާ އެވެ.
"ހެންވޭރު ދަނޑު ވަރު ބޮޑު ސަރަހައްދެއް އެއީ. މާތަކެއް ގޮތަށް ވަރަށް ރީއްޗަށް ހެދިފައި ހުރީ،" ފުޅި އަޅައިގެން 1981 އިން ފެށިގެން ޑައިވްކުރަމުން އަންނަ ސެންޑީ ކިޔައިދިނެވެ.
"މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ މުރަކައެއް އެއީ."
އެއީ ކޮން ވައްތަރެއްގެ މުރަކައެއް ކަމެއް އޭނާއަކަށް ނޭނގެ އެވެ. އެހެންކަމުން މުރަކައިގެ އެ ބަގީޗާ އޮތް ސަރަހައްދު، އެކަން ދިރާސާކުރާ ބަޔަކަށް މިހާރު ވަނީ ކިޔައިދީފަ އެވެ.
ސެންޑީ ބުނި ގޮތުގައި ގާ ހުދުވުމުގެ މައްސަލަ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ދިމާވެފައި ވިޔަސް ފުޅަދޫ ހިސާބުގަނޑުގެ މުރަކަތަކުގައި ދިރުން އެބަ ހުއްޓެވެ.
ކަނޑު އަޑިން އަޖައިބެއް ކަހަލަ ރީތި އާ މަންޒަރުތަކެއް ސެންޑީއަށް ފެނުމަކީ އޭގެ ޒާތަށް ބަލާއިރު ކުޑަ ކަމެއް ނޫނެވެ. ރާއްޖޭގެ އިތުރުން އިންޑޮނީޝިއާ އާއި ސްރީ ލަންކާ ފަދަ ގައުމުތަކުގައި މިހާތަނަށް އޭނާ ވަނީ 12،000 އަށް ވުރެ ގިނަ ޑައިވްކޮށްފަ އެވެ. އެހެންކަމުން އޭނާ ހައިރާންވާ ފަދަ މަންޒަރެއް ފެނުމުގެ މާނަ އަކީ ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމުކަން ޑައިވަރުންނަށް ފެނި ހުސްވާން ކައިރިނުވާ ކަމެވެ.
ސެންޑީ ދެކޭ ގޮތުގައި ފުޅަދޫ ބޭރުގައި އޮތް އެ ސަރަހައްދު ހިމާޔަތްކުރަން ޖެހެ އެވެ. އަދި ކުރިން ކޮށްފައި ނުވާ ކަހަލަ ދިރާސާތަކެއް އެތަނުގައި ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.