ސިއްހީ ހާލުކޮޅު ދަށްވުމުން މިއަންމާގެ ރައީސް އިސްތިއުފާ ދެއްވައިފި
ސިއްހީ ހާލުކޮޅު ދަށްވުމުން މިއަންމާގެ ރައީސް އިސްތިއުފާ ދެއްވައިފި

ނޭޕީޑޯ (މާޗް 21) - ރަމްޒީ ގޮތުން މިއަންމާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ހުޓިން ކިޔޯ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އުމުރުން 71 އަހަރުގެ ކިޔޯ އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލުކޮޅު ދަށްވުމުގެ ސަބަބުން ރަސްމީ އިހްތިފާލްތަކަށް ވެސް މިހާރު ވަޑައިނުގެންނެވޭ ކަމަށް އޮފިޝަލުން ދާދި ފަހުން ވަނީ ބުނެފަ އެވެ. މިއަންމާގެ ރައީސްގެ އޮފީހުގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ ރައީސް ކިޔޯ އިސްތިއުފާ ދެއްވީ އަރާމު ކުރަން ބޭނުންވާތީ ކަމަށެވެ.

ރައީސް އިސްތިއުފާ ދެއްވުމުން ރައީސްގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ނައިބް ރައީސް މީންޓް ސްވޭ އެވެ. އާ ރައީސަކު ހަތް ދުވަހު ތެރޭ އިންތިޚާބު ކުރާނެ އެވެ.

މިއަންމާގައި އެތައް އަހަރެއްގެ އަސްކަރީ ވެރިކަމަށް ފަހު ބޭއްވި އިންތިޚާބުގައި ޑިމޮކްރެސީ އަށް މަސައްކަތް ކުރެއްވި ލީޑަރު އަން ސަން ސޫކީގެ ޕާޓީން ހޯދި ބޮޑު ކާމިޔާބަށް ފަހު ކިޔޯ ރައީސްކަމަށް ހަމަޖެއްސީ 2016 ވަނަ އަހަރު އެވެ. އެއީ ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ނޫނީ ސޫކީ އަށް ރައީސްކަމަށް ނުގެންނެވޭނެތީ އެވެ. ގާނޫނު އަސާސީ އަށް އިސްލާހު ގެނެވޭނީ ޕާލަމެންޓުގެ މެންބަރުންގެ ގޮތުގައި ތިއްބަވާ އަަސްކަރީ އޮފިޝަލުންގެ ތާއީދާ އެކު އެވެ. ސޫކީ އަށް ރައީސް ކަމަށް ވަޑައިގަތުމަށް ހުރަސް އެޅިފައި ވަނީ ރައީސްކަން ކުރާ މީހެއްގެ ދަރިން ބޭރު ގައުމެއްގެ ރަށްވެހިންގެ ގޮތުގައި ނުތިބެވޭނެ ކަމަށް ބުނާ މާއްދާގެ ސަބަބުންނެވެ. ސޫކީގެ ދެ ކުދިންނަކީ އިނގިރޭސި ވިލާތުގެ ރަށްވެހިންނެވެ.

ކިޔޯ އަކީ ސޫކީ ވަރަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ. ޅަ އިރުގެ ދެ އެކުވެރިންނެވެ. ފަހުން ސޫކީގެ ޑްރައިވަރެވެ. އޭގެ ފަހުން އެޑްވައިޒަރެކެވެ. އޭނާ މަގާމުގައި ހުންނަވަނީ ނަމަކަށެވެ. ގައުމު ހިންގުމުގެ އެންމެހާ މަސައްކަތެއް ކުރައްވަނީ ސްޓޭޓް ކައުންސެލާގެ މަގާމުގައި ހުންނެވި ސޫކީ އެވެ. އޭނާ އަކީ މިއަންމާގެ ޚާރިޖީ ވަޒީރު ވެސް މެ އެވެ. މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ސިފައިން ކުރި އަނިޔާތަކާ ގުޅިގެން ސޫކީ ހިމޭނުން ހުންނެވުމުން އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ.