"މެންޓަލް"ގެ މައްސަލާގައި ސަލްމާނާއި ސުހައިލް އެކްތާ ދެކެ ހިތްހަމަނުޖެހިއްޖެ
"މެންޓަލް"ގެ މައްސަލާގައި ސަލްމާނާއި ސުހައިލް އެކްތާ ދެކެ ހިތްހަމަނުޖެހިއްޖެ

"މެންޓަލް" ގެ ނަމުގައި ފިލްމެއް ހަދަން ސަލްމާން ހާނާއި ސުހައިލް ހާން އެ ނަން ރަޖިސްޓްރީކޮށްފައި އޮންނަތާ މިހާރު ފަސް ވަރަކަށް އަހަރު ވެދާނެ އެވެ. ސުހައިލް ޑައިރެކްޓްކޮށް، ސަލްމާން 2014 ގައި ކުޅުނު ފިލްމް "ޖޭ ހޯ" އަށް އެންމެ ފުރަތަމަ ދިން ނަމަކީ ވެސް އެއީ އެވެ. އެކަމަކު ފަހުން، އެ މީހުންގެ ބައްޕަ ފިލްމްގެ ނަން "މެންޓަލް" އިން "ޖޭ ހޯ" އަށް ބަދަލު ކުރަން ދިން ހިޔާލަކަށް އެކަން ކޮށްލީ އެވެ.

އަދި މިދިޔަ އަހަރު ކަބީރު ހާން ސަލްމާނާ އެކު ގެނެސްދިން "ޓިއުބްލައިޓް" އަށް ވެސް "މެންޓަލް" ގެ ނަން ދޭން އުޅުނެވެ. އެކަމަކު އެ ފަހަރު ވެސް އެހެން ފިލްމަކަށް އެ ނަން ދޭން ބޭއްވީ އެވެ. ވަކިން ހާއްސަކޮށް، "މެންޓަލް" ގެ ނަމުގައި ސުހައިލް ފިލްމެއް ހަދަން ވަރަށް ބޭނުންވެ އެވެ.

އެކަމަކު އެކްތާ ކަޕޫރް ކުރި ކަމަކުން ސުހެއިލާއި ސަލްމާން ވެސް މިހާރު ތިބީ އޭނާ ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އެއީ "މެންޓަލް" ގެ ނަން ލައިގެން ފިލްމެއް ހަދާތީ އެވެ. އެކްތާ ޕްރޮޑިއުސްކޮށް، ތަމަޅަ ޑައިރެކްޓަރު ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓް ކުރާ ސައިކޮލޮޖިކަލް ތުރިލާ އަށް ދީފައިވާ ނަމަކީ "މެންޓަލް ހޭ ކިޔާ" އެވެ. މި ފިލްމަކީ ކަންނަގާ ރަނާވަތާއި ރާޖްކުމާރް ރާއޯގެ އިތުރުން އަމީރާ ދަސްތޫރް ލީޑް ރޯލް ކުޅޭ ފިލްމެކެވެ.

ސަލްމާނާއި ސުހެއިލާ ވަރަށް ގާތް މީހަކާ ހަވާލާދީ، ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނީ "މެންޓަލް" ގެ ނަން އެކްތާގެ ފިލްމަކަށް ބޭނުން ކުރި އިރު، އެ ނަން ސަލްމާނާއި ސުހެއިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާކަން ވެސް އެނގޭނެ ކަމަށެވެ. އަދި އެކަން ކުރުމުގެ ކުރިން އެކްތާ އެ މީހުންގެ ކައިރިން ހޭ ވެސް އަހައި ނުލުމުން ދެ މީހުން ވެސް ވަރަށް ރުޅިގަދަވެފައިވާ ކަމަށް ބުންޏެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން އެކްތާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާ މި ވަގުތު ހުރީ ސިލްސިލާއެއްގެ ޝޫޓިންއަކަށް ކާސްޓާއި ކްރޫ ގޮވައިގެން ލަންޑަންގަ އެވެ.

މީގެ ކުރިން ވެސް ފިލްމްތަކުގެ ނަންތަކުގެ މައްސަލަތައް ހޫނުވެފައިވެ އެވެ. އެގޮތުން ޝްރަދާ ކަޕޫރާއި ސިދާތު މަލްއުތުރާގެ ފިލްމް އޭކް ވިލަން (2014) އަށް ފުރަތަމަ ދިނީ "ވިލަން" ގެ ނަމެވެ. އެކަމަކު އެކްޓަރު އަރުޖުން ރާމްޕާލް ބުނި ގޮތުގައި އެ ނަން އޮތީ އޭނާގެ އަތުގަ އެވެ. އެހެންވެ އެ ނަން ބޭނުން ނުކުރެވޭނެ ކަމަށް ބުނުމުން ފިލްމްގެ ނަން "އޭކް ވިލަން" އަށް ބަދަލު ކުރީ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ބައެއް މީހުން ހިތުން ރުހުމުން އެހެން މީހުންނަށް ނަންތައް ދޫވެސްކޮށްލައިފައި ހުރި ކަމެވެ. އެގޮތުން ބަތަލާ ދިވްޔާ ކޯސްލާ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމް ޔާރިޔާން (2014) އަކީ ސައިފް އަލީ ހާންގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ނަމެކެވެ. އެކަމަކު ދިވްޔާ އެދުމުން އެ ނަން ރުހުމުން އޭނާ އަށް ދޫކޮށްލީ އެވެ.