21 މާޗް 2018 - 11:41

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނުވަ ދުވަހަށް ބަންދުގައި ބަހައްޓަން ނެރުނު އަމުރު އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހުށަހަޅައިފި އެވެ.
އިބޫ ނުވަ ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އަމުރުކުރީ އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން، ޖުމްހޫރީ މައިދާނު ސަރަހައްދަށް ވަދެވަޑައިގެންނެވި މައްސަލައިގަ އެވެ. އެ މައްސަލައިގައި އިބޫ ބަންދު ކުރަން ނެރުނު އަމުރު އިސްތިއުނާފު ކުރަން އިބޫގެ ފަރާތުން ކޯޓަށް ހުށަހެޅީ މިއަދެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހިނގައި ދިޔަ ކަންކަމާ ގުޅިގެން އިބޫގެ އިތުރުން މަޖިލީހުގެ އެހެން ބައެއް މެމްބަރުން ވެސް މި ވަގުތު ބަންދުގައި އެބަ ތިއްބެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އިލްހާމްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހައްޔަރުކޮށް، އެ ބޭފުޅުންނަށް ވަނީ ދައުވާކޮށްފަ އެވެ.