މަހިބަދޫގައި އައިސް ޕްލާންޓެއް ބަހައްޓަނީ
މަހިބަދޫގައި އައިސް ޕްލާންޓެއް ބަހައްޓަނީ

އދ. މަހިބަދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ބަހައްޓަން ޝައުގުވެރިކަން ހުރި ފަރާތްތަކުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން އިއްޔެ ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެ ރަށުގައި އައިސް ޕްލާންޓް ބަހައްޓަން ތިން މިލިއަން ރުފިޔާގެ ލޯނެއް ދޭނެ ކަމަށެވެ. އެ ލޯނު ދޭ އުސޫލާއި ލޯނަށް އެދޭ ފޯމް، ފިޝަރީޒް މިނިސްޓްރީން ލިބެން ހުންނާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ލޯނަށް އެދުމުގެ ފުރުސަތު އެޕްރީލް 18 އާ ހަމައަށް އޮންނާނެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ލޯނު ފައިސާ ބޭނުންކުރަން ޖެހޭނީ އައިސް ޕްލާންޓްގެ މެޝިނަރީޒް ގަތުމަށެވެ. އައިސް ޕްލާންޓް ގާއިމު ކުރަނީ މަސްވެރިން ބާނާ މަސް، މަސް ގަންނަ މީހުންނަށް ގެންދެވެންދެން ތާޒާކަންމަތީ މަސްދޯނި ފަހަރުގައި ބެހެއްޓުމަށް އައިސް ފޯރުކޮށްދިނުމަށެވެ.

މަހިބަދޫއަކީ މަސްވެރި ރަށެކެވެ. އެ ރަށުގެ ގިނަ މީހުން އާމްދަނީ ހޯދަނީ މަސްވެރިކަމުންނެވެ. އެގޮތުން 300 އެއްހާ މީހުން ކަންނެލީގެ މަސްވެރިކަމުގައި އުޅެ އެވެ.

މަސްވެރިންގެ ހައްގުގައި މަސައްކަތް ކުރައްވަމުން އަންނަ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) "މިހާރު" އަށް މިއަދު ވިދާޅުވީ ކޮންމެ އަތޮޅެއްގައި އައިސް ޕްލާންޓެއް ގާއިމު ކުރުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެއް ކަމަށެވެ. އެންމެ ފަހުން ރައީސް ޔާމީން، އިއްވެވި ރިޔާސީ ބަޔާނުގައި މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅެއްގައި އައިސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވިދާޅުވިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ދާއިރާގައި އައިސް ޕްލާންޓެއް ގާއިމްކުރަން ނިންމުމާ ގުޅިގެން ސަރުކާރަށް ޝުކުރު އަދާކުރަން. މަހިބަދޫ އަކީ މަސްވެރި ރަށެއް. ހާއްސަކޮށް ބޮޑު ކަންނެއްޔަށް،" ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ މަހިބަދޫގައި އައިސް ޕްލާންޓް ބެހެއްޓުމުން، ހުޅުމާލެ އިން އައިސް އަޅަން ކުރާ ދަތުރުގެ ހަރަދު އޮޑިވެރިންނަށް ސަލާމަތްކުރެވޭނެ ކަމަށެވެ.