21 މާޗް 2018 - 13:47

ޝާފިއު އަހުމަދު (ޝާފީ) އާއި މުހައްމަދު އާރިފް (ބަކާ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި މުހައްމަދު ރަޝީދު (ހޮކޭ) ފަދަ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ނުހިމަނައި ޒުވާން ގިނަ ކުޅުންތެރިންނާ އެކު ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ޕީޓާ ސެގާޓް އޭނާގެ ފުރަތަމަ ސްކޮޑް އިއުލާންކޮށްފި އެވެ.
ސެގާޓްގެ ކޯޗުކަމުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަކީ އަންނަ ހުކުރު ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ. އޭނާގެ ކޯޗުކަމުގައި ނުކުންނަ ވާދަވެރި ފުރަތަމަ މެޗަކީ މި މަހު 27 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅޭ މެޗެވެ.
މިދިޔަ ނޮވެމްބަރު މަހު ފަލަސްތީނާ ދެކޮޅަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑަށް މި ފަހަރު ވަނީ 12 ބަދަލެއް ގެނެސްފަ އެވެ. ޝާފީ އާއި ބަކާ އާއި ލިލީ އަދި ހޮކޭގެ އިތުރުން މި ފަހަރު ބާކީވީ ފާހަގަކޮށްލެވޭ އަނެއް ދެ ކުޅުންތެރިންނަކީ އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ މާޒިޔާގެ ނާއިޒް ހަސަން (ދާދު) އާއި އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އެވެ.
ދެން ބާކީވީ ކުޅުންތެރިންގެ ތެރޭގައި އަނިޔާގެ ސަބަބުން މި ވަގުުތު ކުޅުމާ ދުރުހުރި މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އާއި ނިއުގެ ރިލްވާން ވަހީދު (ރިލޭ) އާއި އިމްރާން ނަޝީދާއި ވިކްޓަރީގެ ކީޕަރު އަބްދުﷲ ޒިޔަޒަން އާއި ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) އަދި މުހައްމަދު ސާއިފް ހިމެނެ އެވެ.
މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޕްރެކްޓިހުގައި ބައިވެރިވި 30 ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެ އެވެ. އެހެން ނަމަވެސް ފައިނަލް ސްކޮޑުން ބަކާ އަށް ފުރުސަތު ނުލިބެ އެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ސްކޮޑުން ޖާގަ ނުލިބުނު ނަމަވެސް އޭނާ އަންނަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މޮޅު ކުޅުމެއް ދައްކަމުންނެވެ.
މި ފަހަރު ޓީމުގައި އަލުން ހިމެނުނު ކުޅުންތެރިންގެ ތެރޭގައި ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ތޮލާލް ހަަސަން (ތޮލާ) އާއި މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް އާއި ޔަސްފާދު ހަބީބް (މުލަކޭ) އާއި މުޖުތާޒް މުހައްމަދު (މުޖޭ) އާއި ނިއު ރޭޑިއަންޓުގެ ހިސާމް ސަލީމް (ކޮކީ) އާއި ރިހާމް އަބްދުލްގަނީ (ބޮބީ) އާއި އީގަލްސްގެ އަހުމަދު ނޫމާން (ހެލްމެޓް) އާއި ހުސެއިން ޝިފާއު އަދި ވިކްޓަރީގެ ހުސެއިން ނިހާން ހިމެނެ އެވެ.
ސްކޮޑުގައި މުޅިން އަލަށް ހިމެނުނު ތިން ކުޅުންތެރިންނަކީ އީގަލްސްގެ މުހައްމަދު ނާއިމް އާއި ގްރީންސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އަދި ޓީސީގެ އައްޒާމް އަބްދުﷲ (އެޑޫ) އެވެ. މީގެ ތެރެއިން ޔާނާއި އެޑޫ ވަނީ މިދިޔަ އަހަރު 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު:
ނިއު ރޭޑިއަންޓް: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، މުހައްމަދު އުމެއިރު، ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް، ހިސާމް ސަލީމް (ކޮކީ)، ރިހާމް އަބްދުލް ގަނީ (ބޮބީ).
މާޒިޔާ: މުހައްމަދު އިރުފާން (އިރޭ)، ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ޝަރީފް، ޔަސްފާދު ހަބީބް (މުލަކޭ)، މުޖުތާޒް މުހައްމަދު (މުޖޭ).
ޓީސީ: އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު (އިއްބެ)، އައްޒާމް އަބްދުﷲ.
އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް، ހުސެއިން ޝިފާއު.
ގްރީން ސްޓްރީޓްސް: އަބްދުﷲ ޔާމީން (ޔާން)، އަސްހަދު އަލީ (އަޑުބަރޭ).
ވިކްޓަރީ: ހުސެއިން ނިހާން (ނިހަޓު).