ބޭރުގައި ތިބެ ދައްކާ ވާހަކަތަކުން ގައުމަށް ނުރައްކަލެއް ނެތް: ޑިފެންސް މިނިސްޓަރު
ބޭރުގައި ތިބެ ދައްކާ ވާހަކަތަކުން ގައުމަށް ނުރައްކަލެއް ނެތް: ޑިފެންސް މިނިސްޓަރު

ރާއްޖޭން ބޭރުގައި ތިބެ، ބައެއް ދިވެހިން ދައްކާ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އަމަލު ކުރަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް އިދިކޮޅު ފަރާތްތަކުން ވަނީ އިންޑިއާއަށް ގޮވާލައިފަ އެވެ. އަދި އިންޑިއާ އާއި އެމެރިކާއިން އެކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އެމްއެންޑީއެފް މީޑިއާ މެދުވެރިކޮށް އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ރައީސްއެއް ނުވަތަ އެހެން މީހެއް ނަމަވެސް ގައުމަކާ ދެކޮޅަށް ވާހަކަ ދައްކާ ހިސާބުން އެއީ ގައުމަށް ހެޔޮނޭދޭ މީހެއްކަން ސާފުވާ ކަމަށެވެ. އެކަމަކު މީހަކު ދައްކާ ވާހަކައަކުން ގައުމަށް ނުރައްކަލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާއިން ރާއްޖޭގެ މައްސަލަތައް ހައްލުކޮށް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމުން، ސަރުކާރުން ވަނީ ރާއްޖެއިން ބޭރުގައި ތިއްބެވި ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ހިނގާ ކަންކަމާ ގުޅިގެން ބޭރުގެ އެއްވެސް ގައުމަކުން އިންޒާރެއް ދީފައިނުވާ ކަމަށެވެ. ހުރިހާ ގައުމަކުން ވެސް ރާއްޖޭގެ ހާލަތު ގާތުން ބަލަމުން އަންނަ އިރު ސަރުކާރުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއްވެސް ގޮތަކަށް ބޭރުގެ ގައުމަކުން އަޅުގަނޑުމެންނަށް ނުރައްކަލެއް ވާނެ އެއްވެސް ކަމެއް މިހާތަނަކަށް ކުރިމަތިވެފައެއް ނެތް. އެކަހަލަ [ކަމެއް] ލިޔެކިޔުމުން ވެސް، އަނގަބަހުން ވެސް މި ދެމެދުގައި ހިނގާފައެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް އެގޮތަށް ވިދާޅުވި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި އަދި ސިޔާސީ ބޭފުޅުން މިނިވަން ނުކޮށްފި ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ދީފަ އެވެ. ސަރުކާރުގެ ވެރިންނާއި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އަޅަން ގޮވާލައި އީޔޫ ޕާލިމެންޓުން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ބޭރުގެ ވަކި ޖަމާއަތަކުން ނުވަތަ ވަކި ބަޔަކު ހާމާކުރާ ހިޔާލަކީ ރާއްޖެއަށް ނުރައްކާ އޮތް ކަމެއް ނޫން ކަމަށެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވިޔަސް މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިއާ އަކީ ރާއްޖެއަށް ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެންމެ ގާތުން އެހީތެރިވާ ގައުމެވެ. އެހެންކަމުން އަބަދުވެސް ފުރަތަމަ އިސްކަން ދޭނީ އިންޑިއާއަށް ކަމަށް ވިދާޅުވި އެވެ.

"ދިވެހި ރާއްޖެއިން ކަމެއް ބޭނުންވެއްޖެ ނަމަ ގައުމުތަކުގެ ނިސްބަތުން އިސްކަން ދޭނެ ގައުމަކީ އިންޑިއާ. އިންޑިއާ ފަސްޓް. އެއީ އަޅުގަނޑުމެންގެ ޕޮލިސީއަކީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ދިވެހިންނަށް މެޑިކަލް ވިސާ ދިނުމުން މި މަހު 27 ގެ ނިޔަލަށް އިންޑިއަން ހައި ކޮމިޝަނުން ވަނީ މެދުކަނޑާލައިފަ އެވެ. އެކަމަކު އެއީ ވަކި މައްސަލައެއް ދިމާވެގެން ކުރިމަތިވި މައްސަލައެއް ނޫން ކަމަށާއި އިމިގްރޭޝަންތަކުން ގެންނަ ބަދަލުތަކުގެ ސަބަބުން ދިމާވި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވަނީ، ދިވެހި ސިފައިންނާ މެދު އޭނާ އަބަދުވެސް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވައިފަ އެވެ؛ އެއީ ގައުމަށް ދިމާވާ ކޮންމެ ކަމަކަށް ތައްޔާރަށް ތިބޭ ވާހަކަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ބަޔަކު ދައްކާ ވާހަކައަކަށް "ރޭރުވެގެން" ދިވެހި އަސްކަރިއްޔާ އިން ޖަވާބު ނުދޭނެ ކަމަށެވެ.