21 މާޗް 2018 - 10:48

ބ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިޒޯޓް އަމިއްލަފުށީގެ މަތިން ނަގާފައިވާ އެ ފޮޓޯ އިން ދިވެހިރާއްޖެ ސިފަކޮށްދޭ ހަތަރު ކަމެއް އެބަ ފެނެ އެވެ. ހިތްގައިމު މޫދަކާއި ހުދު ދޮންވެލީގެ އަތިރިމައްޗަކާއި ފެހިކަން ފަދަ ރުއްގަސްތަކެވެ. ދެން ކޮން ކަމެއް ހެއްޔެވެ؟ ކޮންމެ ވަގުތެއްގައި ވެސް ދިވެހިންގެ ލޭކައްކުވާލާ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ ކުޅޭލާނެ ހިތްގައިމު ދަނޑެކެވެ.

އެ ހުރިހާ ކަމެއް އެކުވެގެން ފެންނަނީ ހަމައެކަނި ފޮޓޯގަނޑަކުންނެއް ނޫނެވެ. އެ ރިޒޯޓަށް އަންނަ ފަތުރުވެރިންނާއި ރިޒޯޓުގެ މުވައްޒަފުންގެ މެދުގައި ފުޓްބޯޅައިގެ ފޯރި ގަދަ އެވެ. އެކަމަކު މިހާރު އެ ރިޒޯޓުން އެ ތައްޔާރުވަނީ އެކަން އެހެން ހަރުފަތަކަށް ގެންދިއުމަށެވެ. ރިޒޯޓުގައި ކުރިއަށްގެންދާ އީސްޓާ ކޭމްޕުގެ ތެރެއިން އެ ހަދިޔާކުރަނީ ކުޑަކުދިންނަށް ހާއްސަ ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ ކޭމްޕެކެވެ.
އޮސްޓްރޭލިއާގެ "ފުޓްބޯލްޓެކް" ގެ ކޯޗުން އައިސް، މި މަހުގެ 31 އިން އޭޕްރިލް 2 އަށް ބާއްވާ ކޭމްޕުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ނުވަ ގަޑިއިރުގެ ޕްރޮފެޝަނަލް ޓްރެއިނިން ދޭނެ އެވެ. ކޭމްޕުގެ ދައުވަތު އޮތީ ހަމައެކަނި އެ ރިޒޯޓާއި، އެ ރިޒޯޓް ކުންފުނީގެ ދަށުން ހިންގާ ފިނޮޅުގެ އިން-ހައުސް ގެސްޓުންގެ ކުދިންނަށް އެކަންޏެއް ނޫނެވެ. އެ އަތޮޅުގައި އޮންނަ ފުޓްބޯޅައިގެ މައި ރަށް، ބ. އޭދަފުށީ ސްކޫލުގެ ދަރިވަރުންނަށް ވެސް މެ އެވެ.
"އެއްވެސް އަގެއް ނުނަގައި އިޖްތިމާއީ ޒިންމާގެ ދަށުން އަޅުގަނޑުމެން އޭދަފުށީ ސްކޫލުގެ ކުދިންނަށް ދައުވަތު ދެން،" ރިޒޯޓުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް، ބްރިންޑާ ހޯރާ ވިދާޅުވި އެވެ.
ދިވެހި ފުޓްބޯޅައަށް އެއް ރަށަކުން އެންމެ މޮޅު ކުޅުންތެރިން ހަދިޔާކޮށްފައިވަނީ އޭދަފުށިންނެވެ. އެހެންކަމުން އެ ރަށުގެ ކުދިންނަށް މިފަދަ ކުރު އެކަމަކު ފެންވަރު ރަނގަޅު ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވެލުމަކީ ކުރިއަށްދާން ލިބޭނެ އިތުރު ހިތްވަރަކަށް ވެގެންދާނެ އެވެ.
މި ހަރަކާތް ތިން ދުވަހަށް ކުރިއަށް ގެންދާއިރު ކޮންމެ ދުވަހެއްގެ ހެނދުނު އޮންނާނީ އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ޖޫނިއާ ކޭމްޕެވެ. މެންދުރުފަހު އޮންނާނީ އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ބާއްވާ ސީނިއާ ކޭމްޕެވެ. ބައިވެރިވާ ހުރިހާ ކުދިންނަށް ޓީޝާޓާއި އެހެނިހެން ޓްރެއިނިން ކިޓް ފޯރުކޮށްދެ އެވެ. އަދި ފިނޮޅު ރިޒޯޓުންނާއި އޭދަފުށިން ބައިވެރިވާ ކުދިންނަށް ޓްރާންސްފާ ހަމަޖައްސައިދޭނެ އެވެ.
"ފުޓްބޯލްޓެކް އިން ފޯކަސްކުރަނީ ޕްރޮފެޝަނަލް އަދި އާ ކަންތައްތައް ދަސްކުރެވޭނެ ފަދަ އުފާވެރި މާހައުލެއްގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ޓެކްނީކްސް ރަނގަޅުކުރުމަށް. މި ޕްރޮގްރާމް ފަރުމާކޮށް ތައްޔާރުކޮށްފައިވަނީ ކުރީގެ ޕްރޮފެޝަނަލް ދެ ކުޅުންތެރިން ކަމަށްވާ ޖޭސަން އާއި ގްލެން ޓްރިފިރޯ،" އަމިއްލަ ފުށިން ބުނެފައިވެ އެވެ.
އެހެންކަމަށްވުމާ އެކު، މިއީ ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް އަމިއްލަފުށިން ހޯދައިދޭ ވަރަށް ވެސް އަގުހުރި ފުރުސަތެކެވެ. މިއީ އެފަދަ ފުރަތަމަ ފުރުސަތަށް ވިޔަސް ފަހު ފުރުސަތެއް ނޫނެވެ. އެ ރިޒޯޓުން މިހާރު ވެސް އަންނަނީ މިފަދަ އެހެން ހަރަކާތްތައް ރާވަން މަސައްކަތްކުރަމުންނެވެ.