21 މާޗް 2018 - 09:40

ލިޒްބަން، ޕޯޗުގަލް (މާޗް 21) - ޖޫން މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލް ދާނީ ޔޫރަޕްގެ ޗެމްޕިއަންގެ ހައިސިއްޔަތުން އިސް އުފުލައިގެން ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ އަކީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލް އިން ކާމިޔާބުކުރިއިރު ޓީމުގެ ކެޕްޓަނެވެ. ޕޯޗުގަލްގެ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމާ ހަވާލުވުމަށް ފަހު ރޮނާލްޑޯ ބުނީ ޕޯޗުގަލްގެ ހުރިހާ ކުޅުންތެރިން ވެސް ވޯލްޑް ކަޕާ ކުރިމަތިލާންވީ ކެރިގެން ކަމަށެވެ.
"އަބަދުވެސް ގަބޫލުކުރަންވީ އަހަރެމެންމީ އެންމެ މޮޅު ބަޔަކަށް އަހަރެމެންނަށް ވެވޭނެކަން. ޔޫރޯގެ ކާމިޔާބީ އަކީ ހަގީގަތެއް. އެ ފިޔަވަޅު މަތީގައި އަހަރެމެން ވިސްނަންވީ. އެ ކާމިޔާބީއާ އެކު އިސް އުފުލައިގެން ވޯލްޑް ކަޕަށްދާންވީ،" ރޮނާލްޑޯ ބުންޏެވެ.
"ހުވަފެން ހަގީގަތަކަށް ހެދޭނީ އެ ހިސާބަށްދާން މަސައްކަތް ކޮށްގެން. އަބަދުވެސް ވިސްނަންވީ އެންމެ ރަނގަޅަށް."
ރޮނާލްޑޯ ވަނީ މިދިޔަ އަހަރެއްހާ ދުވަހު ތެރޭގައި ރެއާލާ އެކު ފަސް ތަށި އުފުލާލައިފަ އެވެ. އަދި ބެލޮންޑިއޯ އާއި ފީފާ ބެސްޓް އެވޯޑް ވެސް ހޯދި އެވެ. ރޮނާލްޑޯ ބުނީ މިހާރު އޭނާ އެންމެ ބޭނުންވަނީ ވޯލްޑް ކަޕްގެ ކާމިޔާބީ ކަމަށެވެ.
މި ސީޒަނުގެ ކުރީކޮޅުގައި ރޮނާލްޑޯގެ ފޯމު ދަށްވި އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އޭނާ ވަނީ ކުރީގެ މޮޅު ކުޅުން ތަކުރާރުކުރަން ފަށައިފަ އެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު 11 މެޗުން 21 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މިހާރު ކުރިޔަށްދާ އިންޓަނޭޝަނަލް ބްރޭކުގައި ހުކުރު ދުވަހުގެރޭ ޕޯޗުގަލް އެކުވެރިކަމުގެ މެޗެއްގައި މިސްރާ ދެކޮޅަށް ކުޅުމަށް ފަހު އަންނަ ހަފްތާގައި ވާދަކުރާނީ ނެދަލެންޑްސްއާ އެވެ.