21 މާޗް 2018 - 09:21

އާދިއްތަ ދުވަހާ ގުޅޭ
އެ ތަނުގައި ހުރި އަންހެން ފުލުހަކު އައިސް ނާޒަށް ހިތްވަރު ދެވޭތޯ މަސައްކަތް ކުރިއެވެ. ރޯން ފެށި ގޮތަށް ނާޒަކަށް ހުއްޓައެއް ނުލެވުނެވެ. އެ މައްސަލައިގެ އިސް މީހަކަށް ހުރީ ސްޓާފް ސާޖަންޓް ސަލްމާނެވެ. އޭނައަކީ ފަދަ މައްސަލަތަކުގެ އަޑިޔަށް ފީނުމުގެ ތަޖުރިބާ ހޯދައިފައިވާ ޒުވާނެކެވެ. ޒަމަތު ގެއްލުމުގެ ހާދިސާގައި ވެސް ސަލްމާން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އެ މައްސަލައިގައި ފުލުހުންގެ ކިތަންމެ ބޮޑު ފައުޖެއް ޚަރަކާތްތެރިވެފައި ވީ ނަމަވެސް، ޤާތިލު އަތުލައިގަނެވުނީ ސަލްމާން ފާހަގަކުރި ނުކުތާއެއްގެ އެހީގައެވެ. ވީމާ، ކުޑަކުއްޖަކު ވަގަށްނަގައިގެން ގެންދާނީ ކޮން ކަހަލަ ތާކަށް ކަމާއި، ދެން އެ ކުއްޖާއަށް ކުރާނީ ކީއްކަން ސަލްމާނަށް ވިސްނެއެވެ. ބަސްމާ ހޯދުމުގައި އެންމެ ބޮޑު އެހީތެރިޔަކަށް ވާނީ ކޯޗެއްކަން ސަލްމާނަށް އެނގެއެވެ. އެއީ ވަގުތެވެ. ލަސް ވާ ވަރަކަށް ހޯދަން އުނދަގޫ ވާނެއެވެ. ގިނަ ސަރަހައްދުގައި އަތްފުނާ އަޅަން ޖެހޭނެއެވެ. ޓޯކީ ނަގައިފައި ސަލްމާން ގުޅީ ފުލުސް އޮފީހަށެވެ.
"މާލޭގަ ފަޅުކޮށް ހުރި ތަންތަނާ، ގެސްޓުހައުސްތަކާ، ވިލިނގިއްޔާ ހުޅުމާލެއަށް ފުރާ ފެރީތަކަށް ފާރަލާ،" ޓޯކީ ހިފައިގެން ދުރަށް ޖެހިލައިފައި ސަލްމާން އެދުނެވެ. "އިރުކޮޅަކުން މަ ފޮނުވާނަން ފޮޓޯއެއް. ޓީވީތަކާ ނޫސްތަކަށް އެ ފޮޓޯ ފޮނުވާލާ! މާ ގިނަ ވާހަކަތަކެއް ޖަހާކަށް ބޭނުމެއް ނުވާނެ. ބުނޭ މީ ތިން އަހަރުގެ ކުއްޖެކޭ. ހެނދުނުއޭ ގެއްލުނީ. މި ކުއްޖާޔާ ބެހޭ އެއްވެސް މަޢުލޫމާތެއް، ހަމަ އެއްވެސް މަޢުލޫމާތެއް އެނގެންޏާ ފުލުހުންނަށް ގުޅާށޭ. ދެން ބުނަން. ޓެކްސީ ސެންޓަރުތަކަށް ވެސް ފޮޓޯ ފޮނުވާލާ! ޔޫޓިއުބް، ޓުވިޓަރ، ވައިބަރ، ވަޓްސްއަޕް ހުރިހާ އެއްޗެއްގަ ވެސް އެ ފޮޓޯ ޖެހޭނެ ދައުރުވާން. ވިލިނގިލި ފާލަން، ހުޅުމާލެ ފާލަމަށް ވެސް ފާރަލާތި! ކުއްޖާ ދިރިހުއްޓާ ޢާއިލާއާ ހަވާލުކުރެވެން ޖެހޭނެ. ދެވަނަ ޒަމަތަކަށް މި ކުއްޖާ ވެގެން ނުވާނެ."
ވަގުތުން ހުރިހައި ކަމެއް ހިނގައިގަތެވެ. ސަލްމާން އެންމެ ފަހުން ބުނި ޖުމުލައިގެ މާނަ އެކަކަށް ވެސް ނުއޮޅެއެވެ. ޒަމަތު ގެއްލުމުގެ ހާދިސާއަކީ ހުރިހައި ފުލުހުންގެ ހިތްތަކުގައި ލަކުނު ލައްވައިލި ހާދިސާއެކެވެ. އެ ހާދިސާގެ ނިމުން ހިތި ވީ ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރިލެއް ލަސްވުމެވެ. ކުއްޖާ ފެނޭތޯ އަމިއްލައަށް މަސައްކަތް ކުރުމުގައި ޢާއިލާއިން މާ ގިނަ ވަގުތު ގެއްލުވައިލުމެވެ. ސަލްމާން ވިސްނައިލިއެވެ. ބަސްމާ ގެއްލުނުތާ މާ ގިނައިރެއް ނުވެއެވެ. އެއީ ނަސީބެކެވެ. ބަދުނަސީބަކީ ބަސްމާ ގެންދިޔަ ކުއްޖާގެ ޒުވާންކަމެވެ. އެ މީހުން މަގުމަތިން ފެނުނަސް މީހުން ޝައްކެއް ނުކުރާނެއެވެ. ވީހާ ވެސް އަވަހަކަށް ފޮޓޯ އާންމުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ކެމެރާއަށް އަރައިފައި ހުރީ އެ މީހުންގެ ފުރަގަހެވެ. އެހެންވިޔަސް ވެހެވެ. އެ ނޫން ފޮޓޯއެއް ނެތެވެ.
"ގޭގެ އެޑްރެހާ، ގުޅޭނެ ނަންބަރެއް ދެއްވާ!" ސަލްމާން އެދުނެވެ. "އަޅުގަނޑު ފޮނުވާލާނަން އަޅުގަނޑުގެ ނަންބަރު. ވީހާ ވެސް އަވަހަކަށް ދަރިފުޅުގެ ފަހުގެ ފޮޓޯއެއް އަޅުގަނޑަށް ފޮނުވައިދެއްވާ! ކުއްޖާގެ ބައްޕަގެ ނަންބަރު ވެސް ދެއްވާތި! ކޮންމެ ތާކު އުޅުއްވިޔަސް ފޯނު ގެންގުޅުއްވާތި! ފޯނުގެ ޗާޖު ދިޔަ ނުދެއްވާތި!"
ނާޒްގެ ނަންބަރާއި އިސްމާއިލްގެ ނަންބަރު ދީފައި ނާޒް ނުކުތްއިރު ސައުދާ އިންތިޒާރުގައި ހުއްޓެވެ.
"ހާސްނުވޭ!" ސައުދާ ހިތްވަރުދިނެވެ. "އިރާދަކުރެއްވިއްޔާ ދަރިފުޅު ފެންނާނެ."
"އެކަމަކު ކީއްކުރަންބާ އޭނަ މަގޭ ދަރިފުޅު އެ ގެންދިޔައީ؟" ނާޒަށް ބުނެވުނެވެ.
އެ ސުވާލުގެ ޖަވާބެއް ސައުދާ އަކަށް ވެސް ނޭނގެއެވެ. ޒުވާން އަންހެންކުއްޖަކު، އެންމެންގެ ލޯ ކުރިމަތީގައި ކުޑަކުއްޖަކު ވަގަށްނެގުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ ޒުވާނާގެ ނިޔަތަކީ ކޮބައި ހެއްޔެވެ؟ ޔަގީނުންގެ ބަސްމާއަކީ މީހަކަށް ދެރައެއް ދެވޭ ވަރަށް ވުރެ ކުޑަ ކުއްޖެކެވެ. ބަދަލެއް ހިފާކަށް ބަސްމާ ވަގަކަށް ނުނަގާނެއެވެ.
"ބުނެބަލަ ސައުދާ!" ނާޒް ވަރަށް ބާރަށް ބުންޏެވެ. "ދެން ކީއްކުރަންތަ މަގޭ ދަރިފުޅު އެ ގެންދިޔައީކީ؟"
"ހިނގާ ގެއަށް ދަމާ!" ވާހަކަ ބަދަލުކޮށްލުމަށް ޓަކައި ސައުދާ ބުންޏެވެ. "ކޮންމެ ތާކު ހުއްޓަސް ޕޮލިހުންނަށް މިހާރު ގުޅޭނެއްނު!"
ސަލްމާން ފޮޓޯ ފޮނުވައިލިއެވެ. ފުލުސްއޮފީހަށް ދާން ކާރަށް އެރިއެވެ. އިމަޖެންސީގައި ކާރު ދުއްވައިލިއެވެ.
"ބޭރުބޭރުން ދާނީ،" ސަލްމާން އެދުނެވެ. އަދި އޮފީހަށް ގުޅައިލިއެވެ. "ލިބެންހުރި ހުރިހާ ސީސީޓީވީ ފުޓޭޖެއް އަތުޖައްސާ! ކާނިވަލުން ނުކުންނައިރު ކުރިމަތީގަ ހުރި އިމާރާތްތަކުގަ ވެސް ބައިވަރު ކެމެރާ އެބަހުރި. ކާނިވާ ތެރޭގަ ހުރި ބައެއް ކެފޭތަކުގެ ވެސް ކެމެރާ ހުރެދާނެ. އެ އަންހެންކުއްޖާ މި ކޮޅަށް އައި ތަން ވެސް ހުންނާނެ ކޮންމެވެސް ކެމެރާއަކަށް އަރައިފަ. ފަހަރެއްގައި ވަރަށް ސާފުކޮށް މޫނު ވެސް ހުރެދާނެ ފެންނަން. މަ ވެސް ތިކޮޅަށް މި ދަނީ."
މައްސަލަ ނިއުޅެމުން ހުޅެވެމުންދިޔަ ވަރަކަށް އިތުރު ފުލުހުން ތަޙުޤީޤުގައި ބައިވެރިވަމުންދިޔައެވެ. އެ މައްސަލައަކީ، ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ފުލުހުން އެއްފަހަރާ ޚަރަކާތްތެރިވި ހާދިސާއަށް ވާނެކަމަކަށް އޭރު ސަލްމާން ހިތަކަށް ނާރައެވެ. ހަމަ އެ ފަދައިން، އެ ދުވަހަކީ އެހާ ބިރުވެރި ދުވަހަކަށް ވެދާނެ ކަމަކަށް ނާޒް ވެސް ހިތަކަށް ނާރައެވެ. ހެނދުނު އިރު އަރައިގެން އައިއިރު އިސްމާއިލްގެ ފުސްމޫނު ދެކެން ނާޒަށް ޖެހުނެވެ. ނާޒަށް ހޭލެވުނީ ވެސް އިސްމާއިލް ރުޅިއައިސްގެން އެއްޗެއް ބުނި އަޑަށެވެ. އެކަމަކު އެއީ އާ ކަމެއް ނޫނެވެ. ހައިޖާނުގަނޑަކުން ނާޒަށް ދުވަސް ފެށޭތާ އެތައް މަހެއް ވެއްޖެއެވެ. ފަތިހުފަތިހާ ތެދުވެގެން ނާޒް އެކަނިމާއެކަނި ދަނީ ރަސްފަންނަށެވެ. އެ ތަނުގައި އިނދެގެން ހަޔާތާ މެދު ފިކުރުކުރުން ނޫން ކަމެއް ނާޒަކަށް ނޯވެއެވެ. ގެއަށް އެނބުރި އަންނަނީ އިރު އެރީމައެވެ. ބައެއް ދުވަސްދުވަހު ދަރިފުޅު ހޭލައިގެން އަންނަން އުޅެންޏާ ނާޒް ނުކުންނަނީ ދަރިފުޅު ގޮވައިގެންނެވެ. ކާނިވާ ސަރަޙައްދަށް އަންނަނީ ދަރިފުޅަށް ޓަކައެވެ. ތިމާގެ ހަޔާތަށް ކުރިމަތިވެފައިވާ ބަނަކަމުގެ އަނދިރިން ދަރިފުޅު ސަލާމަތްކުރުމަށް ޓަކައެވެ. ބިރުވެރިކަން ކުރިމަތިވީ އެ ފަދަ ދުވަހެއްގައެވެ. ނާޒްގެ ޒާތީ ދުސްމަނުންނެއް ނުތިބެއެވެ. ފިރިމީހާ ގަޔާވެގެން އުޅޭ ފަރަންޖީ ކުއްޖާ ފިޔަވައެވެ. އޭނަޔަށް ނާޒް ފެނިއްޖެއްޔާ ކަޅިއަޅައެވެ. އެކަމަކު ނާޒްގެ ދަރިފުޅަށް ދެރައެއް ދޭކަށް އޭނަޔަކަށް ނުކެރޭނެއެވެ. ނާޒް ދެކޭ ގޮތަކީ އެއީއެވެ. ސަބަބަކީ އިސްމާއިލްގެ ވެސް ދަރިޔަކަށް ވީތީއެވެ. ފިކުރު ކުރަމުން، ސައުދާއާ އެކުގައި ނާޒް ގެއަށް ވަންއިރު އިސްމާއިލެއް ނެތެވެ. ނާޒް އެކަނި ބައިންދައިފައި ދާކަށް ސައުދާއަކަށް ނުކެރުނެވެ.
"ދެން އަޅެ ކީކޭ ބުނާނީ؟" ސައުދާއަށް ބުނެވުނެވެ.
"އޭނަ ގަބޫލެއް ނުކުރިޔޭ ބަސްމާ ގެއްލުނު ކަމަކަށް،" އެ ހިސާބަށް ބުނިއިރު ނާޒަށް ރޮވިއްޖެއެވެ. "މިހާރު ފިލިޕީންސް ކުއްޖާ ގޮވައިގެން ގޮސް އިންނާނީ ރެސްޓޯރަންޓުގަ. ދެން މަށަށް ފޮނުވާނީ ފާޑުފާޑުގެ ފޮޓޯ."
ނާޒް އެހެން ބުނި ވަގުތު ނާޒްގެ ފޯނަށް މެސެޖެއް އައެވެ. ސައުދާއަށް ފެންނަ ގޮތަށް ނާޒް ވައިބަރ ހުޅުވައިލިއެވެ. ފޮޓޯގައި އިސްމާއިލް އިނީ އެ ކުއްޖާ ގައިގައި ތަތްވެގެންނެވެ. އެ މީހުން ތިބީ ކެފޭއެއްގެ ސައި މޭޒު ކައިރީގައެވެ.
"އަޅެ ދެން ދޯ.." ހައިރާން ވެފައި ސައުދާއަށް ބުނެވުނެވެ.
ސަލްމާންގެ މޫނުމަތިން ފާޅުވަމުންދިޔައީ ވެސް ހައިރާންކަމެވެ. ފެންނަ މަންޒަރު ގަބޫލުކުރާކަށް ސަލްމާނަކަށް ފަސޭހައެއް ނުވިއެވެ. ފުލުހުންގެ ކޮންޓުރޯލު ރޫމްގައި ތިބި އެކަކަށް ވެސް އެ ޙަޤީޤަތް ދިރުވާކަށް ފަސޭހައެއް ނުވިއެވެ. ކާނިވަލުގައި ހުރި ޕާކުގެ ކެމެރާއަކަށް ރެކޯޑުވެފައި ވަނީ އާދަޔާ ޚިލާފު މަންޒަރެކެވެ. ފެންނަނީ ބަސްމާ ވަގަށްނެގި ޒުވާން އަންހެންކުއްޖާ ބަސްމާގެ ފަސްފަހަތުން ހިނގާ ތަނެވެ. ތަންކޮޅެއް ދުރުދުރުންނެވެ. އޭރު އެ އަންހެންކުއްޖާ ދޯޕައްޓާ އޮޅައިގެން ހުރީ އޭނަގެ އުނަގަނޑުގައެވެ. އޭނަޔާ ދިމާއަށް އެހެން މީހަކު ބަލާތޯ އޭނަ ހޯދައެވެ. އެ ތަނުގައި އުޅޭ ހުރިހައި ކުދިންގެ ތެރެއިން އޭނަގެ ލޮލުގައި ބަސްމާ އަޅައިގަތީ ކީއްވެގެން ކަމެއް ނޭނގެއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ބަސްމާގެ ވަށައިގެން މުގޯލިއެޅުމަށް ފަހު ރަނގަޅު ދަނޑިވަޅެއް އޭނަ ހޯދައެވެ. ބަސްމާ ހުރީ އުނދޯލި ހުސްނުވެގެން އުނދޯއްޔަށް އިންތިޒާރު ކޮށްގެންނެވެ. ޒުވާން އަންހެންކުއްޖާ ދަނޑިވަޅުގެ ބޭނުން ހިފައެވެ. ބަސްމާ ގާތަށް ޖެހިލައިފައި ކޮންމެވެސް ވާހަކައެއް ދެއްކިއެވެ. ބަސްމާ ވާހަކަދައްކާތަން ފެންނަނީ ބޮލުގެ އިޝާރާތުންނެވެ. އަންހެންކުއްޖާ، އަނެއްކާ ވެސް ވަށައިގެން ހޯދައިލައެވެ. ޖީބުން ޗޮކުލެޓެއް ނަގައި ބަސްމާއަށް ދިއްކޮށްލައެވެ. އެއީ އެކުވެރިކަމާއި އިތުބާރު ހޯދަން ބޮޑެތި މީހުން ކުރާ ކަމެކެވެ. ބަސްމާ ފެންނަނީ އޭގައި ހިފަންނުހިފަން އުޅޭ ތަނެވެ. އެ ކަން ކާމިޔާބު ނުވުމުން ޒުވާން އަންހެންކުއްޖާ ގޮސް، އުނދޯލީގައި އިން ކުއްޖާ އުނދޯލިން ބާލައެވެ. ބަސްމާއަށް ފުރުޞަތު ދެއެވެ. "ހެޔޮކަމެއް" ކޮށްދީންގެ ބަސްމާގެ އިތުބާރު ހޯދައެވެ. އިރުކޮޅެއް ވަންދެން އުނދޯލި ހެއްލައިދޭން ހުރެއެވެ. އެ އަށް ފަހު، ކޮންމެވެސް ވާހަކައެއް ދައްކައިގެން ބަސްމާ ގޮވައިގެން ހިނގައިގަނެވެ. ސަލްމާނަށް ކަށަވަރު ވި ގޮތުގައި، އެ ފަދަ ކަމަކަށް އެ ޒުވާން އަންހެންކުއްޖާ ހުރީ ދުރާލާ ތައްޔާރުވެގެންނެވެ. ކުށްވެރިޔާ ކިހާ ހުސިޔާރުކަން ވަޒަން ކުރެވުމަކީ އޭނަގެ ސިކުނޑި މަސައްކަތް ކުރާނެ ގޮތް ދަނެގަންނަން ސަލްމާނަށް ފަސޭހަވި ކަމެކެވެ. ހިތަށް ފިނިކަމެއް ލިބުނު ކަމެކެވެ. ހިތާމައަކީ، މަންޒަރު ނެގިފައިވާލެއް ދުރުކަމުން ޒުވާން އަންހެންކުއްޖާގެ މޫނު އެއްވެސް ވަރަކަށް ނޭނގޭކަމެވެ.
"ސަރ!" އެހެން ކެމެރާއަކުން ނެގިފައިވާ މަންޒަރުތަކެއް ބަލަން އިން ފުލުހަކު ބުނި އަޑު އިވުނެވެ.
ސަލްމާން އެ ދިމާއަށް ޖެހިލިއެވެ. އެއީ އުސް ގެއެއްގައި ހަރުކޮށްފައިވާ ކެމެރާއަކުން ނެގިފައިވާ މަންޒަރެކެވެ. ފެންނަނީ ހުއްޓައިފައި އޮތް ކާރެކެވެ. ކާރުގެ ވައަތު ސިގުނަލު ހުރީ ނިވިދިއްލިދިއްލިއެވެ. ބަސްމާ ގޮވައިގެން ޒުވާން އަންހެންކުއްޖާ އައިސް ކާރާ އަރައި ހަމަވުމުން ކާރުގެ ފަހަތު ދޮރު ހުޅުވެއެވެ. އެއީ ފަހަތު ސީޓުގައި އިން މީހަކު ކުރިކަމެއްކަމެއް ނުވަތަ ޑުރައިވަރު ކުރި ކަމެއްކަމެއް ނޭނގެއެވެ. ބަސްމާ އުފުއްލައިލައިގެން އަންހެންކުއްޖާ ކާރަށް އެރުމާއެކު ކާރު ދުއްވައިލައެވެ. ފަހަތު ދޮރު ލެއްޕެނީ ދުއްވައިލި ފަހުންނެވެ.
ނުނިމޭ